ޑޮލަރުގެ އަގުބޮޑުވީ ޗައިނާ އަށް ލޯނު ދައްކަން ޖެހިގެން: ދޮންބިލެތް
ޑޮލަރުގެ އަގުބޮޑުވީ ޗައިނާ އަށް ލޯނު ދައްކަން ޖެހިގެން: ދޮންބިލެތް

ކޮވިޑް-19 އާ ހެދި އިގުތިސާދަށް ބޮޑެތި ގެއްލުންތައް ވެފައި ވަނިކޮށް ޑޮލަރުގެ އަގު ރާއްޖޭގައި ބޮޑުވަނީ ޗައިނާއިން ނަގާފައިވާ ލޯނުތައް ސަރުކާރުން ދައްކަން ޖެހުމުން ކަމަށް ރައްޔިތުންގެ މަޖިލީހުގެ ބިލެއްދޫ ދާއިރާގެ މެމްބަރު އަހުމަދު ހަލީމް (ދޮންބިލެތް) މިއަދު ވިދާޅުވެއްޖެ އެވެ.

ޑޮލަރުގެ އަގުބޮޑުވީ ޗައިނާ އަށް ލޯނު ދައްކަން ޖެހިގެން: ދޮންބިލެތް
ޑޮލަރުގެ އަގުބޮޑުވީ ޗައިނާ އަށް ލޯނު ދައްކަން ޖެހިގެން: ދޮންބިލެތް

ކޮވިޑާ ގުޅިގެން ކުދި އަދި މެދުފަންތީގެ ވިޔަފާރިތަކަށް ލިބޭ ގެއްލުމާއި ރާއްޖޭގައި ޑޮލަރު އަގުބޮޑުވުމުގެ ކަންބޮޑުވުން ފާޅުކުރައްވައި ނޮޅިވަރަމް ދާއިރާގެ މެމްބަރު މުހައްމަދު ނަޝީދު އަބްދުﷲ ހުށަހެޅުއްވި މައްސަލައިގެ ބަހުސްގައި ނިޒާމާ ބެހޭ ނުކުތާއެއް ނަންގަވައިގެން ހަލީމް ވިދާޅުވީ ޑޮލަރުގެ އަގު އެންމެ ބޮޑުވާން ދިމާވި އެއް ސަބަބަކީ މި އަހަރަކީ ޗައިނާ އަށް ލޯނު ދައްކަން ފަށަން ޖެހޭ އަހަރަށް ވުން ކަމަށެވެ.

"ޗައިނާ އަށް އަޅުގަނޑުމެން [ފައިސާ] ދައްކަން ޖެހެނީ ޑޮލަރުން. އެހެންވީމާ ޑޮލަރު ނުވަންނަ ވަގުތަކާ މިދަނޑިވަޅާ ދިމާވީމާ ހަގީގަތުގައި ޑޮލަރުގެ ތާށިކަން އެންމެ ބޮޑަށް އައިސްފައި އޮތީ އަޅުގަނޑުމެން ޗައިނާ އަށް ދައްކަން އޮތް ދަރަނީގެ ސަބަބުން،" ހަލީމް ވިދާޅުވި އެވެ.

އޭނާ މިހެން ވިދާޅުވި އިރު ކުރީގެ ރައީސް އަބްދުﷲ ޔާމީނުގެ ސަރުކާރުން ސޮވެރިން ގެރެންޓީ ދީގެން ވިޔަފާރިވެރިޔާ އަދި މަޖިލީހުގެ މީދޫ ދާއިރާގެ މެމްބަރު އަހުމަދު ސިޔާމްގެ ކުންފުނިން ނަގާފައިވާ ލޯނެއް ދަައްކަން ޗައިނާއިން ދާދި ފަހުން ސަރުކާރަށް އެންގި އެވެ. އެ ގޮތުން ދައްކަން ޖެހުނު 10 މިލިޔަން ޑޮލަރު ދެެއްކީ ސަރުކާރުން އެހީވެގެން ބޭންކް އޮފް މޯލްޑިވްސް އިން ސިޔާމަށް ދިން ލޯނަކުން ކަން ވަނީ އެނގިފަ އެވެ.

ކުއްލި މައްސަލައިގެ ބަހުސްގައި ވޙަކަ ދައްކަވަމުން މާވަށު ދާއިރާގެ މެމްބަރު އަދި ކުރީގެ އިކޮނޮމިކް މިނިސްޓަރު މުހަންމަދު ސައީދު ސަރުކާރަށް ވަރަށް ބޮޑަށް ފާޑުވިދާޅުވި އެވެ. އޭނާ ވިދާޅުވީ ރައީސް އިބްރާހީމް މުހައްމަދު ސޯލިހު ހުންނެވީ ގައުމު ހިންގަން ހެލްތު ޑައިރެކްޓަރާ ހަވާލުކުރައްވާފައި ވާނެ އެއްޗެއް ވާން ދޫކޮށްލައްވައިގެން ކަމަށެވެ.

"މީގެ 12 ގަޑި އިރު ކުރިން ޑރ. އަލީ ލަތީފް ކިޔާ ބޭފުޅަކު މި އޮންނަނީ ވިދާޅުވެފައި ކޮވިޑް މެނޭޖް ނުކުރެވިދާނޭ. މީގެ ގާތްގަނޑަކަށް 18 ގަޑިއިރު ކުރިން ޑރ. ޝީނާ މިއޮންނަނީ ވިދާޅުވެފައި ލޮކްޑައުންއަކަށް ދާން އެބަޖެހެޔޭ. ރައީސުލް ޖުމްހޫރިއްޔާ ކޮބައިތޯ؟ ޖުމްހޫރިއްޔާގެ ރައީސް ކޮބައިތޯ؟" ސައީދު ވިދާޅުވި އެވެ.

ޑޮލަރުގެ އަގުބޮޑުވާ މައްސަލައިގައި ސައީދު ވިދާޅުވީ ޑޮލަރުގެ އަގު ހިފަހައްޓާށާއި މަސްވެރިންނަށް ފައިސާ ދޭން އިންޑިއާ ސަރުކާރުން 250 މިލިޔަން ޑޮލަރު ދިން ކަމަށާއި އެހެން ނަމަވެސް ސަރުކާރުން އެ ފައިސާ ރައްޔިތުންނަށް ހަރަދު ނުކުރާ ކަމަށެވެ.

"ރައްޔިތުންގެ ޖީބަކަށް އެނގުމެއް ނުވޭ އިއްޒަތްތެރި ރައީސް،" ސައީދު ވިދާޅުވި އެވެ.

ނިޒާމާ ބެހޭ ނުކުތާއެއް ކަމަށް ވިދާޅުވެ ހަލީމް ފުރުސަތު ހޯއްދެވީ އެ ހިސާބުންނެވެ. އޭނާ ވިދާޅުވީ ސައީދު އެ ވިދާޅުވީ ދޮގެއް ކަމަށާއި އިންޑިއާއިން ފައިސާ ދިނީ ބަަޖެޓް ސަޕޯޓަށް ކަމަށެވެ.

ނޮޅިވަރަމް ދާއިރާގެ މެމްބަރު މުހައްމަދު ނަޝީދު ހުށަހެޅުއްވި މައްސަލަ މަޖިލީހަށް ބަލައިގެން ކުރި ބަހުސްގައި އެމްޑީޕީގެ ބައެއް މެމްބަރުން ވެސްް ވިދާޅުވީ އެ މައްސަލައަށް ތާއީދުކުރައްވާ ކަމަށެވެ.