ލެވަކޫސަނުން ގޮތްދޫކުރުމުން ހާވާޓްޒް ޗެލްސީ އަށް ބަދަލުވުމާ ގާތަށް
ލެވަކޫސަނުން ގޮތްދޫކުރުމުން ހާވާޓްޒް ޗެލްސީ އަށް ބަދަލުވުމާ ގާތަށް

މިއުނިކް (އޮގަސްޓް 24) - ބަޔާ ލެވަކޫސަންގެ ޒުވާން ތަރި ކައި ހަވާޓްޒް ވިއްކާލަން އެ ކްލަބުން ކިޔާ އަގުކުޑަކުރަން އެންމެ ފަހުން އެއްބަސްވުމާ ގުޅިގެން ކުރިއަށް އޮތް ދުވަސްތަކުގެ ތެރޭގައި އޭނާ ޗެލްސީ އަށް ބަދަލުވާނެ ކަމަށް މީޑިއާ ރިޕޯޓްތައް ބުނެފި އެވެ.

އުމުރުން 20 އަހަރުގެ ހާވާޓްޒް އަކީ މި ވަގުތު ޔޫރަޕްގައި ހުރި އެންމެ އުއްމީދީ އެއް ކުޅުންތެރިޔާ އެވެ. އޭނާ ވިއްކާލަން ލެވަކޫސަނުން އެންމެ ފުރަތަމަ ކީ 105 މިލިއަން ޑޮލަރެވެ. ޗެލްސީން އޭނާ ހޯދަން އެންމެ ފުރަތަމަ ކުރި ބިޑް އުޅެނީ 80 މިލިއަން ޑޮލަރުގަ އެވެ. ހާވާޓްޒް ގަންނަން އެ އަށް ވުރެ އިތުރަށް ޗެލްސީން ހަރަދުކުރަން ބޭނުންނުވާތީ އެ ޑީލުގެ ވާހަކަތައް އޮތީ މަޑުޖެހިފަ އެވެ.

އެކަމަކު ދާދި ފަހުން ހާވާޓްޒްގެ ވަނީ އޭނާ ކްލަބް ބަދަލުކުރަން ބޭނުންވާކަން އަންގައި އެ ފުރުސަތު ތަނަވަސްކޮށްދޭން އެދިފަ އެވެ. އެއާ އެކު ލެވަކޫސަނުން މިހާރު ވަނީ ޗެލްސީ އަށް ހަވާޓްޒް ދޫކޮށްލަން ނިންމައިފަ އެވެ. ޖަރުމަނުގެ މީޑިއާ ރިޕޯޓްތައް ބުނާގޮތުން ޗެލްސީ އަށް ހަވާޓްޒް ވިއްކާލާނީ ކުރިން ލެވަކޫސަނުން ކީ އަގަށް ވުރެން ކުޑަކޮށެވެ. އިނގިރޭސި މީޑިއާ ރިޕޯޓްތައް ބުނާގޮތުން ޗެލްސީން ހާވާޓްޒް ގަންނާނީ ކުރިން ހުށަހެޅި 80 މިލިއަން ޑޮލަރަށެވެ. އަދި ވަކި ކަންތައްތަކެއް ފުރިހަމަވެއްޖެނަމަ އިތުރު 25 މިލިއަން ދޭ ގޮތަށް އެއްބަސްވުމުގައި ހިމަނާނެ އެވެ.

ޗެލްސީ އަށް ހާވާޓްޒް ހޯދައިދޭން ޖަރުމަނުގެ ކުރީގެ ތަރި މައިކަލް ބަލަކް ވެސް އަންނީ މަސައްކަތްކުރަމުންނެވެ. ބަލަކަކީ ލެވަކޫސަންގެ އިތުރުން ޗެލްސީ އަށް ވެސް ކުޅެފައިވާ ކުޅުންތެރިއެކެވެ.

ފްރޭންކް ލަމްޕާޑްގެ ކޯޗުކަމުގައި ކުޅޭ ޗެލްސީން އަންނަނީ މި ފަހަރުގެ ޓްރާންސްފާ މާކެޓްގައި ވަރަށް ބޮޑަށް ހަރަކާތްތެރިވަމުންނެވެ. ޗެލްސީން ވަނީ އަޔަކްސްގެ ހަކީމް ޒިޔެޗް އާއި އާރްބީ ލައިޕްޒިގުގެ ޓިމޯ ވާނާގެ އިތުރުން ނެދަލެންޑްސްގެ ޒުވާން ޑިފެންޑަރު ޒަވިއޭ އެމްބުޔަމްބާ ގެނެސްފަ އެވެ.

ރިޕޯޓްތައް ބުނާގޮތުން ޗެލްސީން އަންނަނީ ލެސްޓާ ސިޓީގެ ވާތު ބެކް ބެން ޗިލްވެލް އާއި ޕީއެސްޖީގެ ކެޕްޓަން ތިއާގޯ ސިލްވާއާ ވެސް މަޝްވަރާކުރަމުންނެވެ. ހާވާޓްޒްގެ ޑީލާ އެކު މި ދެ ކުޅުންތެރިން ވެސް ކުރިއަށް އޮތް ހަފްތާއެއްހާ ދުވަސްތެރޭ ޗެލްސީ އަށް ސޮއިކުރުމުގެ ފުރުސަތު އެބައޮތެވެ. އެ އަށް ފަހު ޗެލްސީން ދެން އެންމެ ބޮޑަށް ފާރަލާނީ ގޯލްކީޕަރަކަށެވެ.