24 އޯގަސްޓް 2020 - 12:03

ކޮވިޑް-19 އަށް ޕޮޒިޓިވާ މީހުން، ޕޮޒިޓިވްވިތާ ތިން މަސް ދުވަހުގެ ތެރޭގައި އަލުން އެ ބައްޔަށް ޓެސްޓްކުރުމާއި ބަލި ޖެހިފައިވާ މީހުންނާ ކޮންޓެކްޓް ވިޔަސް އަދި މީހުން އުޅޭ ރަށަކަށް ދިޔަ ކަމުގައި ވިޔަސް ކަރަންޓީނުވާން ނުޖެހޭ ގޮތަށް އެޕްޕީއޭ އިން އުސޫލު ބަދަލުކޮށްފި އެވެ.
އިއްޔެ އަމަލުކުރަން ފެށި އުސޫލުގައި ބުނެފައިވަނީ މިގޮތަށް ނިންމީ ކޮވިޑް-19 އިން ރަނގަޅުވާ މީހުންގެ ފަރާތުން އެ ބަލި އެހެން މީހުންނަށް ޖެހޭކަން ސައިންޓިފިކް ގޮތުން ކަށަވަރު ކުރެވިފައި ނުވާތީ ކަމަށެވެ.
ބަލިން ރަނގަޅުވާ މީހުން ތިން މަސް ވަންދެން އިސްތިސްނާވާ ކަންކަން އެޗްޕީއޭ އިން ބަޔާންކޮށްފައި ވާއިރު އޭގެ ތެރޭގައި
- ވަޒީފާ އަށް ނުވަތަ މަސައްކަތަށް ނިކުތުމުގެ ބޭނުމުގައި ކޮވިޑަށް ޕީސީއާރް ޓެސްޓްކުރުން،
- ކޮވިޑް ޖެހިފައިވާ މީހަކާ ކޮންޓެކްޓް ވެފައި ވިޔަސް ބަލީގެ އަލާމާތް ނެތް ހާލަތުގައި ޓެސްޓްކުރުން،
- ކޮވިޑްގެ ސަވައިލަންސްގެ ތެރެއިން ޓެސްޓްކުރުން
މި ކަންކަމުގެ އިތުރުން، ކަރަންޓީނުކުރުމުގައި ވެސް، ބަލިން ރަނގަޅުވެފައިވާ މީހުން އިސްތިސްނާވާނެ ހާލަތްތަކެއް ވަނީ ބަޔާންކޮށްފަ އެވެ. އެއީ؛
- ކޮވިޑް ޖެހިފައި ހުރި މީހަކާ ކޮންޓެކްޓްވި ކަމުގައި ވިޔަސް ބަލީގެ އަލާމާތް ނެތް ނަމަ ކަރަންޓީނުކުރުން،
- ރާއްޖޭގެ އެއް ރަށުން އަނެއް ރަށަށް ދަތުރުކުރުމުގައި ކުރާ ކަރަންޓީނުކުރުން،
- ކޮވިޑާ ގުޅިގެން، އެ މީހަކު ދިރިއުޅޭ ގެޔަކަށް ވަދެ ނުކުތުން މަނާކޮށްފައިވާ ހާލަތުގައި ކަރަންޓީނުގައި ހުރުން
ކޮވިޑް ޖެހުނުތާ ތިން މަސް ތެރޭ އެއްވެސް ސަބަބަކާ ހުރެ ހަދާ ޓެސްޓަކުން ކޮވިޑަށް ޕޮޒިޓިވް ކަމަށް ދެއްކި ކަމުގައި ވިޔަސް ބަލީގެ އަލާމާތެއް ނެތް ނަމަ އައިސޮލޭޓްކުރުން.
ކޮވިޑް ޖެހި ރަނގަޅުވެފައިވާ މީހުންނަށް މި އިސްތިސްނާތައް މިވަގުތަށް ކަނޑައަޅާފައިވަނީ މި ވަގުތަށް ލިބިފައިވާ ސައިންޓިފިކް ހެކީގެ މައްޗަށް ބިނާކޮށް ކަމަށް ވާތީ، އާ ހޯދުންތަކާ އެކު މި އުސޫލަށް ބަދަލު އައުން އެކަށީގެންވާކަން އެޗްޕީއޭ އިން ވަނީ ފާހަގަކޮށްފަ އެވެ.
ކޮވިޑުން ރަނގަޅުވާ މީހުންނަށް އިސްތިސްނާތަކެއް އެޗްޕީއޭ އިން ހަމަޖެއްސި އިރު އެމެރިކާގެ ސެންޓާސް ފޯ ޑިޒީޒް ކޮންޓްރޯލް އެންޑް ޕްރިވެންޝަން (ސީޑީސީ) އިން ވެސް ވަނީ މީގެ ކުރިން މިގޮތަށް ގައިޑްލައިން ބަދަލުކޮށްފަ އެވެ.
ސީޑީސީން ބުނީ ކޮވިޑް ޖެހި ރަނގަޅުވާތާ ތިން މަސް ވާއިރު ވެސް އެ މީހެއްގެ ޓެސްޓުތަކުން ބައްޔަށް ޕޮޒިޓިވް ކަމަށް ދައްކާތީ އެ މީހަކު ތިން މަސް ތެރޭ އަލުން ޓެސްޓްކުރުން މުހިންމު ނޫން ކަމަށެވެ. އަދި މިގޮތަށް ޕޮޒިޓިވް ކަމަށް ދެއްކިޔަސް މި މީހުންގެ ފަރާތުން އެހެން މީހުންނަށް ބަލި ނާރާ ކަމަށް ވެސް ބުނެފައިވެ އެވެ.
ރާއްޖޭގައި ކޮވިޑް-19 އަށް ޕޮޒިޓިވްވާ މީހުންގެ އަދަދު، ބަލި ކޮންޓްރޯލްކުރުމުގެ ފިޔަވަޅުތަކަށް ލުއި ދިނުމާ އެކު ވަނީ ވަރަށް ބޮޑަށް އިތުރުވެ ކަންބޮޑުވާ ދަރަޖައަކަށް ގޮސްފަ އެވެ. އެހެންވެ މިހާރު ފިޔަވަޅުތައް އަންނަނީ އިތުރަށް ހަރުކަށި ކުރަމުންނެވެ. އިއްޔެ ހަވީރު 6:00 އާ ހަމަ އަށް ރާއްޖޭން 6,779 މީހަކު ކޮވިޑަށް ޕޮޒިޓިވްވެ 26 މީހަކު ބަލީގައި ވަނީ މަރުވެފަ އެވެ. އަދި މިހާތަނަށް 4,222 މީހަކު ވަނީ ބަލިން ރަނގަޅުވެފަ އެވެ.