24 އޯގަސްޓް 2020 - 11:13

ކުޅިވަރާއި ޓޫރިޒަމަށް އަމާޒުކޮށްގެން އައްޑު އަށް ބަޔަކު އަސްތަކެއް ގެންނަން އުޅޭ ކަމުގެ މައުލޫމާތު ލިބިވަޑައިގެންފައިވާ ކަމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްހަމަދު ނަޝީދު މިއަދު ވިދާޅުވެއްޖެ އެވެ.

މަޖިލީހުގެ މިއަދުގެ ޖަލްސާގައި ނަޝީދު ވިދާޅުވީ އައްޑު އަށް އަސް ގެންނަން އުޅޭ ޒުވާނުންތަކެއް އެމަނިކުފާނަށް އެ މައުލޫމާތު ދީފައިވާ ކަމަށެވެ. އެ މީހުންނާ ހަވާލާދެއްވައި ނަޝީދު ވިދާޅުވީ ފަސް އަސް ގެނައުމަށް ޓަކައި އެގްރިކަލްޗާ މިނިސްޓްރީން ހޯދަން ޖެހޭ ހުއްދަތައް މިހާރު ހޯދާފައިވާ ކަމަށެވެ. އެކަމަކު އަސްތައް ގެނެވޭނީ ކިހާތާކު ކަމެއް އެމަނިކުފާނު ވިދާޅެއް ނުވެ އެވެ.
"އަހާ ގުޅޭ ހުރިހާ ސެޓްފިކެޓެއް މިހާރު ވަނީ އެގްރިކަލްޗަރު މިނިސްޓްރީން ހައްދަވައި ނިންމަވާފައި. އަދި އިރާދަކުރެއްވިއްޔާ މި އަހުގެ ޚިދުމަތް އައްޑޫން ހުރިހާ ރައްޔިތުންނަށް ވެސް އަދި ފަތުރުވެރިންނަށް ވެސް ލިބިގެން ދާނެ ކަމަށް އަޅުގަނޑު ދެކެން،" ނަޝީދު ވިދާޅުވި އެވެ.
އެމަނިކުފާނު ވިދާޅުވި ގޮތުގައި އައްޑު އަށް ގެންނަ އަސްތައް މުނިފޫހިފިލުވުމަށާއި ކުޅިވަރަށް ދުއްވޭނެ ކަމަށާއި އެހެންވީމާ އެއީ ޚިދުމަތެކެވެ. އެއީ ވަރަށް ޝައުގުވެރި ކުރުވަނިިވި އަދި އަޖުމަ ބަލަން ރަނގަޅު މަޝްރޫއެއް ކަމަށް ދެކެވަޑައިގަންނަވާ ކަމަށް ވެސް އެމަނިކުފާނު ވިދާޅުވި އެވެ.
އައްޑު އަށް އަސްތައް ގެންނަން އުޅެނީ ކޮން ގައުމަކުން ކަމެއް، އަދި އެކަމާ ބެހޭ އިތުރު ތަފްސީލެއް އަދި ނުލިބެ އެވެ.