ޑެޕިއުޓީ ގަވަރުނަރަކަށް އައްޔަން ކުރަން އިމާދުގެ ނަން ފޮނުވައިފި
ޑެޕިއުޓީ ގަވަރުނަރަކަށް އައްޔަން ކުރަން އިމާދުގެ ނަން ފޮނުވައިފި

އެމްއެމްއޭގެ ޑެޕިއުޓީ ގަވަރުނަރަކަށް، އެ ތަނުގެ އިސް މަގާމެއްގައި މިހާރު ހުންނެވި އަހުމަދު އިމާދު އައްޔަން ކުރައްވަން ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ރައްޔިތުންގެ މަޖިލިހަށް ފޮނުއްވައިފި އެވެ.

ބ. އޭދަފުށި ދިޔަވަރުގެ، އިމާދު މިހާރު ހުންނެވީ އެމްއެމްއޭގެ މަނިޓަރީ ޕޮލިސީ ރިސާޗު އެންޑް ސްޓެޓިސްޓިކްސް ޑިވިޝަންގެ އެކްޒެކެޓިވް ޑިރެކްޓަރެއްގެ މަގާމުގަ އެވެ.

މަރުކަޒީ ބޭންކުގައި މަސައްކަތް ކުރައްވާތާ 20 އަހަރު ވެފައިވާ އިމާދަކީ އިނގިރޭސި ވިލާތުން މާސްޓާސް އޮފް ސައިންސް އިން އިކޮނޮމިކްސް އެންޑް ފައިނޭންްސް އަދި މެލޭޝިއާ އިން ބެޗެލާ އޮފް ބިޒްނަސް (އިކޮނޮމިކްސް އެންޑް ސައިންސް) ގެ ދާއިރާ އިން ތައުލީމު ހާސިލް ކުރައްވާފައިވާ ބޭފުޅެކެވެ. އޭނާ ގެންދަވަނީ އެމްއެމްއޭގެ އިތުރުން ކެޕިޓަލް މާކެޓް ޑިވެލޮޕްމަންޓު އޮތޯރިޓީ (ސީއެމްޑީއޭ) ގެ ބޯޑު މެމްބަރެއްގެ މަގާމު ވެސް ފުރުއްވަމުންނެވެ.

އިމާދު ވަނީ ޕްރައިވެޓައިޒޭޝަން އެންޑް ކޯޕަރަޓައިޒޭޝަން ބޯޑުގައި ވެސް މަސައްކަތް ކުރައްވައިފަ އެވެ.

އެމްއެމްއޭގެ ޑެޕިއުޓީ ގަވަރުނަރުގެ މަގާމަށް އާ ބޭފުޅަކު އައްޔަން ކުރަނީ، އެ މަގާމުގައި ކުރިން ހުންނެވި އައިޝަތު ޒާހިރާ ރިޓަޔާ ކުރެއްވުމުންނެވެ. މަރުކަޒީ ބޭންކުގައި 31 އަހަރު ވަންދެން ޚިދުމަތް ކުރެއްވުމަށް ފަހު، އައިޝަތު ޒާހިރާ ރިޓަޔާ ކުރެއްވީ މިދިޔަ ޖުލައި 22 ގަ އެވެ.