ވީއޭއެމްގެ ޖެނެރަލް ސެކްރެޓަރީއަކަށް މުހައްމަދު އާދަމް
ވީއޭއެމްގެ ޖެނެރަލް ސެކްރެޓަރީއަކަށް މުހައްމަދު އާދަމް

ވޮލީބޯޅަ އެސޯސިއޭޝަނުގެ ޖެނެރަލް ސެކްރެޓަރީގެ މަގާމަށް ފުޓްބޯޅައިގެ ތަޖުރިބާކާރެއް ކަމަށްވާ މުހައްމަދު އާދަމް ހަމަޖައްސައިފި އެވެ.

ވޮލީބޯޅަ އެސޯސިއޭޝަނުގެ އާ ރައީސް މުހައްމަދު ލަތީފް ވިދާޅުވީ މުހައްމަދަކީ ހަމައެކަނި ފުޓްބޯޅައިގެ މީހެއް ނޫން ކަމަށާއި އެއީ ކުޅިވަރުގެ މީހެއް ކަމަށެވެ. އަދި އޭނާ މި މަގާމަށް ގެނައީ ވޮލީބޯޅަ އާއިލާގެ ލަފާގެ މަތިން ކަމަށް ލަތީފް ވިދާޅުވި އެވެ.

"އެފްއޭއެމުން ބޭއްވި މިނިވަން 50 ޗެމްޕިއަންޝިޕް ފުޓްބޯޅަ މުބާރާތް ހިންގުމުގައި އެންމެ އިސް ދައުރެއް އަދާކުރީ މުހައްމަދު އާދަމް. އެހާ ބޮޑު މުބާރާތެއް އެހާ ފުރިހަމަކަމާ އެކު އިންތިޒާމްކުރުމުން މުހައްމަދުގެ ގާބިލްކަމާ މެދު ސުވާލު އުފެދޭނެ ޖާގައެއް ނެތް. އޭނާ އަކީ ކުޅިވަރުގެ ސޭލްސް އާއި މާކެޓިންގެ ތަޖުރިބާ ހުރި ފަރާތެއް،" ލަތީފް ވިދާޅުވި އެވެ.

ލެގޫންސާއި ވިކްޓަރީ އަށް ފުޓްބޯޅަ ކުޅުއްވާފައިވާ މުހައްމަދު އާދަމް ވަނީ އެފްއޭއެމްގެ މާކެޓިން ޑިޕާޓްމަންޓް ހިންގަވައި އަދި އެ އެސޯސިއޭޝަނުގެ އެކްޓިން ޖެނެރަލް ސެކްރެޓަރީގެ މަގާމް ވެސް ފުރުއްވައިފަ އެވެ. ބާސްކެޓްބޯޅަ އެސޯސިއޭޝަނުގައި ވެސް މީގެ ކުރިން މަސައްކަތްކުރައްވާފައިވާ މުހައްމަދު ވަނީ ސްރީ ލަންކާގެ ބައެއް ފުޓްބޯޅަ ޓީމުތަކަށް ކޯޗުކޮށްދެއްވާފަ އެވެ.

މިދިޔަ ދެ ދައުރުގައި ވޮލީބޯޅަ އެސޯސިއޭޝަނުގެ ޖެނެރަލް ސެކްރެޓަރީގެ މަގާމް އަދާކުރެއްވީ މަޝްހޫރު ވޮލީބޯޅަ ރެފްރީ ހުސެއިން މުހައްމަދެވެ.