23 އޯގަސްޓް 2020 - 23:14

ކ. ތުލުސްދޫގައި ހޯމް ކަރަންޓީންގައި ހުރި ފިރިހެނަކު މިއަދު މަރުވެއްޖެ އެވެ.
އެ ރަށު ކައުންސިލުން މިރޭ ބުނިގޮތުގައި މިއަދު ހެނދުނު މަރުވީ ހަސަން ހުސެއިން 70، އެވެ. އޭނާ މަރުވީ ހާލު ދެރަވެގެން ޑޮކްޓަރަކާއި ނަރުހަކު އެ ގެއަށް ގޮސް ފަރުވާދެމުން ދަނިކޮށެވެ.
މީގެ ދެތިން ދުވަސްކުރިން މާލެ އިން ތުލުސްދު އަށް ގޮސް ކަރަންޓީންވި ހަސަން ފުރަތަމަ ހެދި ޓެސްޓުން އޭނާ ކޮވިޑް-19 އަށް ނެގެޓިވް އެވެ. ހިތުގެ ބަލީގެ ހަސަން ވަރަށް ފަހުން މާލެ އައީ ޑޮކްޓަރަށް ދައްކަން ކަމަށް ކައުންސިލުން ބުންޏެވެ.
އޭނާ މަރުވިއިރު ކޮވިޑް-19 އަށް ޕޮޒިޓިވް ކަމެއް ނުވަތަ ނޫން ކަމެއް ހެލްތު އިމަޖެންސީ އޮޕަރޭޝަން ސެންޓަރުން އަދި ނުބުނެ އެވެ. ސާމްޕަލް ނެގުމަށް ފަހު ހަސަން މިއަދު ވަނީ ތުލުސްދޫގައި ވަޅުލައިފަ އެވެ.
ކޮވިޑް-19 ބާރު މިނުގައި ފެތުރި، ގިނަ ރަށްތަކަކަށް ވެސް ބަލި ވަނީ ދަތުރުކޮށްފަ އެވެ. މާލޭގައި ކޮންމެ ދުވަހަކު ބައްޔަށް ޕޮޒިޓިވްވާ މީހުންގެ އަަދަދު އުޅެނީ 150 އިން މަތީގަ އެވެ. ކޮވިޑުގައި އެޑްމިޓްކުރަން ޖެހޭ އަަދަދު ގިނަވެފައިވާ އިރު ސިއްހީ ނިޒާމަށް ނުތަކާވަރަށް ބުރަ ބޮޑުވެދާނެ ކަމުގެ ކަންބޮޑުވުން ސިއްހީ މާހިރުންގެ އެބައޮތެވެ.
ބައެއް ބޭފުޅުން ދެކެވަޑައިގަންނަވާ ގޮތުގައި ބަލި ކޮންޓްރޯލް ކުރެވެން އޮތީ މާލެ އަލުން ލޮކްޑައުނަކަށް ގޮސްގެންނެވެ. އެކަމަކު، ޓެކްނިކަލް އެޑްވައިޒަރީ ގްރޫޕުން މިރޭ ބުނީ ފުރަތަމަ މަސައްކަތް ކުރާނީ ލޮކްޑައުނަކަށް ނުގޮސް ބަލި ކޮންޓްރޯލް ކުރެވޭތޯ އެވެ. އެގޮތަށް ކޮންޓްރޯލް ނުކުރެވިއްޖެ ނަމަ ހާލަތު ގޯސްވެދާނެ ކަމުގެ ބިރު އެބައޮތް ކަމަށް ވެސް އެ ބޭފުޅުން ވިދާޅުވި އެވެ.
ރާއްޖެ އިން މިދިޔަ މާޗް 7 ގައި ކޮވިޑް-19 އަށް މީހަކު ޕޮޒިޓިވްވި ފަހުން މިހާތަނަށް އެ ބަލި ވަނީ 6،660 މީހަކަށް ޖެހިފަ އެވެ. ބަލީގައި ވަނީ 26 މީހުން މަރުވެފަ އެވެ. ބަލި ޖެހުނު މީހުންގެ ތެރޭން 4،113 މީހުން ރަނގަޅުވި އިރު އެކްޓިވް ކޭސްގެ އަދަދަކީ 2،521 އެވެ.