25 އޮކްޓޯބަރ 2016 - 22:21

ބްރެޒިލަށް 1970 ވަނަ އަހަރުގެ ފީފާ ވޯލްޑް ކަޕް ކާމިޔާބުކޮށްދިން ކެޕްޓަން އަދި ދުނިޔޭގައި އުފެދުނު އެންމެ މޮޅު އެއް ވާތު ބެކް ކާލޯސް އަލްބާޓޯ ޓޮރޭޒް، ހާޓް އެޓޭކެއް ޖެހި އުމުރުން 72 އަހަރުގައި މިއަދު މަރުވެއްޖެ އެވެ.

އެ މުބާރާތުގެ ފައިނަލުގައި އިޓަލީ ކޮޅަށް ކާލޯސް އަލްބާޓޯ ޖެހި ލަނޑަކީ ވޯލްޑް ކަޕުގެ ތާރީހުގައި ވެސް ފާހަގަކޮށްލެވެ އެންމެ މޮޅު ލަނޑެކެވެ. އިޓަލީގެ ހަމަލައެއް ހުއްޓުވާލުމަށް ފަހު ބްރެޒިލްގެ މުޅި ޓީމު އެކުވެގެން ރީތި ޕާސްތަކަކުން އުފެއްދި ހަމަލާއެއްގައި ޕެލޭ ޖައްސާލި ބޯޅަ، ކާލޯސް އަލްބާޓޯ ވައްދާލީ ގޯލުގެ ތިރީ ކަނަށެވެ.
ޕެލޭ އާއި ޖެއިޒީނިއޯ އާއި ރިވެލީނިއޯ ފަދަ އޭރުގެ މަޝްހޫރު ތަރިން ހިމެނުނު ބްރެޒިލް ޓީމު ގޮވައިގެން މެކްސިކޯގައި 1970 ވަނަ އަހަރު އޮފް އޭރުގެ ޖޫލްސް ރިމޭ ޓްރޮފީ (މިހާރުގެ ވޯލްޑް ކަޕް) މުބާރާތުގައި ކާލޯސް އަލްބާޓޯ ދެއްކި ލީޑާޝިޕަކީ ދުނިޔޭގެ ފުޓްބޯޅައިގެ ނަމޫނާއެކެވެ. އޭނާ އަށް "ދަ ކެޕްޓަން" ގެ ނަން ބްރެޒިލްގެ ރައްޔިތުން ދިނީ ވެސް އެކަމުގެ އަގުވަޒަންކުރުމުގެ ގޮތުންނެވެ.
"އެ މުބާރާތް ކާމިޔާބުކުރުމަކީ އަހަރެންގެ ކެރިއަރުގެ އެންމެ އުފާވެރި ހިނދުކޮޅު،" ކާލޯސް އަލްބާޓޯ ބީބީސީ އަށް ބުނެފައިވެ އެވެ.
ފަޅިން ޑިފެންސަށް ކުޅެމުން އެޓޭކުގައި ބައިވެރިވާ މަޝްހޫރު ވިންގް ބެކް މަގާމަކީ ޒަމާނީ ފުޓްބޯޅައިގެ ކާލޯސް އަލްބާޓޯ އުފެއްދި މަގާމެކެވެ. ޑެނިއަލް އަލްވެސް އާއި ރޮބާޓޯ ކާލޯސް ފަދަ ކުޅުންތެރިން ކުޅެފައިވާ އެ މަގާމަކީ، 1970ގެ އަހަރުތަކުގައި ދުނިޔެއަށް ތައާރަފްވި ޓޯޓަލް ފުޓްބޯޅައިގެ އެންމެ މުހިއްމު އެއް މޫވްމަންޓެވެ.
ފީފާ އިން އެކުލަވާލި ދުނިޔޭގެ އެންމެ މޮޅު 100 ކުޅުންތެރިންގެ ތެރެއިން ޖާގަ ހޯދާފައިވާ ކާލޯސް އަލްބާޓޯ ވަނީ ބްރެޒިލް ގައުމީ ޓީމަށް 1964-1977 އަށް 53 މެޗު ކުޅެދީ އަށް ގޯލް ޖަހައިދީފަ އެވެ.
ބްރެޒިލްގެ ފްލުމެނިނެންސާއި ސަންތޯސް އަދި އެމެރިކާގެ ނިއު ޔޯކް ކޮސްމޯސްއާ އެކު ކްލަބް ފެންވަރުގައި ގިނަ ކާމިޔާބީތަކެއް ހާސިލްކޮށްފައިވާ ކާލޯސް އަލްބާޓޯ އަކީ ފީފާ އިން އެކުލަވާލި 20 ވަނަ ގަރުނުގެ ޑްރީމް ޓީމުގައި ވެސް ހިމެނުނު ކުޅުންތެރިއެކެވެ.
ކުޅުން ހުއްޓާލުމަށް ފަހު އޭނާ ވަނީ 1983 އިން 2005 ވަނަ އަހަރުގެ ނިޔަލަށް ކޯޗިންގައި ހަރަކާތްތެރިވެފަ އެވެ. އެގޮތުން އޭނާ ވަނީ ބްރެޒިލްގެ ފްލެމިންގޯ އާއި ކޮރިންތިއަންސް އާއި ބޮޓަފޯގޯގެ އިތުރުން އޮމާން އަދި އަޒަރުބައިޖާން ގައުމީ ޓީމަށް ކޯޗުކޮށްދީފަ އެވެ.