23 އޯގަސްޓް 2020 - 20:04

ބޭންކުތަކުގައި އެމްއެމްއޭ އިން އެދުނީ ހިއްސާގެ ފައިދާ ބަހާ ނަމަ އަންގަން ކަމަށް އެ އިދާރާއިން މިއަދު ބުނެފި އެވެ.
އެެމްއެމްއޭ އިން މިހެން ބުނީ ބޭންކުތަކުގެ ހިއްސާގެ ފައިދާ ނުބަހަން އަންގާފައިވާ ކަމަށް ބައެއް މީޑިއާތަކުން ރިޕޯޓްކުރުމުންނެވެ. އެ އިދާރާއިން ބުނިގޮތުގައި މިއީ ކޮވިޑް-19އާ ގުޅިގެން ކުރިމަތިވެފައިވާ ހާލަތާ ގުޅިގެން އެންގި އެންގުމެކެވެ.
"މިހާރު" އަށް އެނގިފައިވާ ގޮތުގައި ކޮވިޑް-19 ރާއްޖޭގައި ފެތުރެން ފެށި ފުރަތަމަ ދުވަސްކޮޅު ބޭންކުތަކަށް ފައިދާ ނުބަހަން އަންގައި އެމްއެމްއޭއިން ސިޓީއެއް ފޮނުވި އެވެ. ނަމަވެސް އެއީ އެ ވަގުތަށް އެޅި ފިޔަވަޅެއް ކަމަށާއި މިހާރު އެ ނިންމުން ބަދަލުކޮށްފައިވާ ކަން ވެސް ވަނީ އެނގިފަ އެވެ.
އެމްއެމްއޭއިން ބޭންކުތަކަށް މިގޮތަށް އަންގާފައިވާއިރު ރާއްޖޭގެ މައި ބޭންކު ބީއެމްއެލްގެ އަހަރި އާއްމު ޖަލްސާގައި ވަނީ ހިއްސާގެ ފައިދާ ބެހުމާ ގުޅޭގޮތުން ގޮތެއް ނިންމުމަށް ހުށަހަޅައިފަ އެވެ. އެ ޖަލްސާ ބާއްވަން ނިންމާފައި ވަނީ މަހުގެ 31، ގަ އެވެ.
އެ ބޭންކުން ވަނީ ހިއްސާއަަކަށް 26ރ. ބަހަން ޑިރެކްޓަރުންގެ ބޯޑުން ފާސްކޮށް އޭޖީއެމްއަށް ހުށަހެޅުމަށް ނިންމައިފަ އެވެ.
މޯލްޑިވްސް އިސްލާމިކް ބޭންކުން ވެސް ވަނީ މިދިޔަ އަހަރުގެ އެ ކުންފުނީގެ އަހަރީ އާއްމު ޖަލްސާ ބާއްވައިފަ އެވެ. އެ ޖަލްސާގައި ހިއްސާއަކަށް 1.575ރ. ބެހުމަށް ވަނީ ފާސްކޮށްފަ އެވެ.