25 އޮކްޓޯބަރ 2016 - 21:22

ހުޅުމާލޭގައި ހުންނަ ކުޑަކުދިންގެ ހިޔާގައި ބަލަހައްޓަމުން ގެންދަނިކޮށް މިދިޔަ ހަފުތާގައި މަރުވި ފަސް މަހުގެ ތުއްތު ކުއްޖާގެ ޕޯސްޓްމޯޓަމް ހެދުމަށް އެ ކުއްޖާގެ ހަށިގަނޑު މިރޭ އިންޑިއާ އަށް ފޮނުވަން ނިންމައިފި އެވެ.
އެ ކުއްޖާގެ މަރުގެ ހަގީގަތް ދެނެގަތުމަށްޓަކައި ހަދަންޖެހޭ ޕޯސްޓްމޯޓަމް ހެދުމަށް މިރޭ އިންޑިއާއަށް ފޮނުވާކަން ފުލުހުން ވަނީ ކަށަވަރުކޮށްދީފަ އެވެ. އިތުރު ތަފްސީލެއް އަދި ފުލުހުން ނުދެ އެވެ.
މިދިޔަ ހޯމަ ދުވަހު އެ ކުއްޖާ ނޭވާ ނުލާތީ ހޮސްޕިޓަލަށް ގެންދިޔައިރު ވެސް އޮތީ މަރުވެފަ އެވެ. އެކަމަކު އެ މަރާ މެދު ކޮންމެވެސް ވަރެއްގެ ޝައްކުތަކެއް ހުރުމުން ޕޯސްޓްމޯޓަމް ހަދަން ނިންމީ އެވެ. އެ މައްސަލަ ބެލުމަށް ޖެންޑާ މިނިސްޓްރީން ވެސް ވަނީ ޚާއްސަ ކޮމެޓީއެއް އެކުލަވާލައިފަ އެވެ.
އެންމެ ފަހުން މަރަކާ މެދު ޝައްކުވެގެން ޕޯސްޓްމޯޓަމެއް ހަދާފައިވަނީ ފިރިމީހާގެ ފަރާތުން އަނިޔާލިބުނު ކަމަށް ބުނާ ޒިޔާދާ ނައީމްގެ މަރުގެ މައްސަލައިގަ އެވެ. އެ މަރުގެ މައްސަލާގައި ޒިޔާދާގެ ފިރިމީހާގެ މައްޗަށް ދައުވާ އުފުލައި، ޝަރީއަތް ދަނީ ހިންގަމުންނެވެ.