ކަލާޒްގެ އާ ސިލްސިލާ އަކީ "ޕިންޖާރާ"
ކަލާޒްގެ އާ ސިލްސިލާ އަކީ "ޕިންޖާރާ"

އިންޑިއާގެ ލޮކްޑައުންއާ ހެދި ޓީވީ އުދެއްދުންތަކުގެ މަސައްކަތްތައް ހުއްޓިފައި ވަނިކޮށް، އަލުން މަސައްކަތް ފެށުމާ އެކު ޗެނެލްތަކުން އާ ޝޯތައް ގެނެސްދޭން އަރާފައިވާ ފޯރީގެ ތެރެއިން ކަލާޒުން އާ ސިލްސިލާއެއް ފަށަން ތައްޔާރުވެއްޖެ އެވެ.

މިރޭ ދައްކަން ފަށާ ސިލްސިލާ އަކީ "ޕިންޖާރާ: ޚޫބްސޫރަތު ކާ" އެވެ. މީގެ ޕްރޮމޯ ވެސް ދައްކާތާ ދުވަސްކޮޅެއްވެފައިވާ އިރު މި ރެއިން ފެށިގެން ކޮންމެ ހަފުތާއެއްގެ ހޯމަ ދުވަހުގެ ރެއިން ހުކުރު ދުވަހުގެ ރެ އަށް ސިލްސިލާގެ އެޕިސޯޑްތައް ގެނެސްދޭނެ އެވެ. "ޕިންޖާރާ" ދައްކާނީ ރާއްޖެ ގަޑިން 8:30 ގަ އެވެ.

މި ސިލްސިލާގެ ކާސްޓުންގެ ތެރޭގައި ޖަޔާ ބަޓަޗަރިއާ، ސާހިލް އުއްޕަލް އަދި މަނޯޖް ވަރުމާ ހިމެނެ އެވެ. "ޕިންޖާރާ" ގެ ޕްރޮމޯ އިން ފެންނަ ގޮތުގައި މީގެ ކޮންސެޕްޓްގައި ވަރަށް ޝައުގުވެރި ތަފާތުތަކެއް ހުންނާނެ އެވެ. އެގޮތުން ވާހަކައިގެ ޕްލޮޓް ބިނާކޮށްފައިވާނޯީ ޒުވާން އަންހެނެއްގެ ރީތިކަމާ ހެދި އޭނާ އަށް ކުރިމަތިވާ ހުރަސްތަކުގެ މައްޗަށް ކަމަށެވެ.

ކަލާޒުން އާ ސިލްސިލާއަކަށް އެންމެ ފަހުން ގެނެސްދޭން ފެށީ މި މަހުގެ ކުރީކޮޅު ދައްކަން ފެށި ސުޕަ ނެޗްރަލް ސިލްސިލާ "ނާގިން" ގެ ފަސް ވަނަ ސީޒަނެވެ.

މި ޗެނަލަށް އަންނަން ހުރި ރިއަލިޓީ ޝޯތަކުގެ ތެރެއިން އެންމެ ފާހަގަކޮށްލެވޭ އެއްޗަކީ ސަލްމާން ޚާން ހޯސްޓްކުރާ "ބިގް ބޮސް" ގެ 14 ވަނަ ސީޒަނެވެ. އަންނަ މަހުގެ ތެރޭގައި އެ ޝޯ ފަށާނެ ކަމަށް ބެލެވެ އެވެ.