ޓީޓީ އެސޯސިއޭޝަނުގެ ރައީސްކަމަށް ތޯހާ ކުރިމަތިލައްވަނީ
ޓީޓީ އެސޯސިއޭޝަނުގެ ރައީސްކަމަށް ތޯހާ ކުރިމަތިލައްވަނީ

ޣިޔާސުއްދީން އިންޓަނޭޝަނަލް ސްކޫލުގެ ޕްރިންސިޕަލްގެ މަގާމް 10 އަހަރު ފުރުއްވި، ސްކޫލް ހިންގެވުމުގެ ތަޖުރިބާކާރު ތޯހާ ސަލީމް، ޓޭބަލް ޓެނިސް އެސޯސިއޭޝަނުގެ ރައީސްގެ މަގާމަށް ވާދަކުރައްވަން ނިންމަވައިފި އެވެ.

ތައުލީމީ ދާއިރާ އަށް 20 އަހަރު ހިދުމަތްކުރެއްވުމަށް ފަހު އާ ބަޔަކަށް ފުރުސަތު ދެއްވުމަށް އެއްކައިރިވެގެން ހުންނެވި ތޯހާ "މިހާރު" އަށް ވިދާޅުވީ މަންޒަރު ބަދަލުކޮށްލައްވަނީ ޓީޓީ އަށް ޝައުގުވެރިކަން ހުރުމާ އެކު މިކަމަށް ގިނަ ބަޔަކު އެދުމުން ކަމަށެވެ.

އޭގެ ތެރޭގައި މިހާރުގެ އެގްޒެކެޓިވް ކޮމިޓީގެ ތިން މެމްބަރަކާއި ކުރިއާ މިހާރުގެ ބައެއް ފިރިހެން އަދި އަންހެން ކުޅުންތެރިން ހިމެނެ އެވެ. އެގޮތުން ތޯހާގެ ޓީމުގެ ބައިވެރިންގެ ގޮތުގައި ރާއްޖޭގައި އުފެދުނު އެންމެ މޮޅު އަންހެން ކުޅުންތެރިޔާ މުއީނާ މުހައްމަދާއި މަޝްހޫރު ފިރިހެން ކުޅުންތެރިޔާ އަލީ އާދަމް (ތާޅަފިލި އަލިބެ) އެކްސްކޯ އަށް ކުރިމަތިލާނެ އެވެ.

ސްކޫލް ދައުރުގައި އިންޓަ ސްކޫލް ފުޓްބޯޅަ މުބާރާތުގައި ކުޅުއްވި ތޯހާ ވަނީ ސްކޫލުގެ އެތެރޭގެ މުބާރާތްތަކުގައި ޓީޓީ ކުޅުއްވައިފަ އެވެ. އަދި މީގެ އަހަރުތަކެއް ކުރިން ދުންތަރި އިބްރާހިމް މަނިކު މުބާރާތުގައި މިކްސް ޑަބަލް އިވެންޓުގައި ކުޅުއްވި އެވެ.

ތޯހާ ވިދާޅުވީ އޭނާގެ އެކްސްކޯ އިން މުއީނާ އާއި ތާޅަފިލި އަލިބެ ފަދަ ޓީޓީގެ ޓެކްނިކަލް މީހުންގެ އިތުރުން އިދާރީ ހިންގުމުގެ ތަޖުރިބާ ވެސް ފެންނާނެ ކަމަށެވެ.

"ދެ ބައި ބެލެންސް ޓީމެއް އައީމާ ރަނގަޅުވާނެ ކަމަށް އަޅުގަނޑު ދެކެނީ،" ތޯހާ ވިދާޅުވި އެވެ.

ރާއްޖޭގެ އެސޯސިއޭޝަންތަކުގައި އާއްމުކޮށް ދިމާވާ މައްސަލައަކީ ވެސް އިދާރީ ހިންގުން ބޮއްސުންލުމެވެ. ރާއްޖޭގެ އެސޯސިއޭޝަންތަކާއި ކްލަބްތަކުގެ ސަގާފަތަކީ ތަން ހިންގަން ސީދާ އެ ކުޅިވަރެއްގެ ޓެކްނިކަލް މީހުން ވަނުމެވެ. ގިނަ އެސޯސިއޭޝަންތަކުގައި އިދާރީ ހިންގުމުގެ އޮނިގަނޑެއް ނޯންނައިރު އިދާރީ މަސައްކަތްކުރަން އެކަށީގެންވާ އަދަދަކަށް މުވައްޒަފުން ވެސް ނުލިބެ އެވެ.

ޗެސް ފެޑެރޭޝަނުގެ އެގްޒެކެޓިވް ކޮމިޓީގެ މެމްބަރުކަން ކުރެއްވި ތޯހާ ވިދާޅުވީ އެ މަގާމުގައި ވެސް އެންމެ ބޮޑު އިސްކަމެއް ދެއްވީ އިދާރީ ހިންގުން ރަނގަޅުކުރުމަށް ކަމަށެވެ. އަދި ސޯޝަލް މީޑިއާ އާއި ވެބްސައިޓް ވަރުގަދަކޮށް އާއްމުންނާ އެސޯސިއޭޝާނާ ދެމެދު ރަނގަޅު ގުޅުމެއް ބޭއްވުމަށް މަސައްކަތްކުރެއްވި ކަމަށް ވިދާޅުވި އެވެ.

"އެފަދަ ބަދަލުތަކެއް (ޓީޓީ އަށް) ގެނައުން އަމާޒަކީ،" މުގަރައްރުގެ ބަޔެއްގެ ގޮތުގައި ޣިޔާސުއްދީނަށް ޗެސް ތައާރަފްކުރެއްވުމުގައި އިސް ދައުރެއް އަދާކުރެއްވި ތޯހާ ވިދާޅުވި އެވެ.

ތޯހާގެ ތައުލީމީ ދާއިރާގެ ކެރިއަރު ފެށްޓެވީ އުފަން ރަށް، ހއ. ހޯރަފުށީގައި ހުންނަ އަތޮޅު މަދަރުސާގެ ޓީޗަރެއްގެ ގޮތުގަ އެވެ. ޓީޗިންގެ ދާއިރާ އިން ފުރަތަމަ ޑިގްރީ އަދި އެޑިއުކޭޝަނަލް މެނޭޖްމަންޓް އިން މާސްޓާސްގެ ހާސިލްކުރައްވާފައިވާ ތޯހާ ޣިޔާސުއްދީން ސްކޫލާ ގުޅިވަޑައިގަތީ، އެ ސްކޫލު ޕްރައިވެޓައިޒް ކުރުމުގެ އަހަރެއް ކުރިން 2009 ގަ އެވެ.

އޭނާ އެ ސްކޫލުން ވަކިވެވަޑައިގަތީ އާ ބަޔަކަށް ފުރުސަތު ދެއްވުމަށެވެ. އެކަމަކު އޭރު ވެސް ވަނީ ކުރިއަށް އޮތް ތަނުގައި އޭނާ ފެންނާނެ ދާއިރާއެއް ވެސް ނުނިންމަވާ ކަމަށާއި އެކަމަކު ގައުމަށް ފައިދާ ހުރި ކަންކަމުގައި އޭނާގެ އެ އެހީތެރިކަން ލިބޭނެކަމުގެ ޔަގީންކަން ދެއްވައިފަ އެވެ.

ޓީޓީ އެސޯސިއޭޝަނުގެ މިހާރުގެ ރައީސަކީ ކުރީގެ ކުޅުންތެރިޔާ އަލީ ރަޝީދު (އައްޔަ) އެވެ. އޭނާގެ ދައުރުގައި އަންހެން ކުޅުންތެރިން ވަނީ މިދިޔަ އަހަރުގެ އިންޑިއަން އޯޝަން އައިލެންޑް ގޭމްސް އިން ތިން ރަން މެޑަލް ހޯދައިފަ އެވެ. އެއީ ފާތިމަތު ރަފާ ނާޒިމާއި އައިޝަތު ދީމާ އަލީ އާއި މުއީނާ އަދި ޖުމާނާ ނިމާލް ހޯދި އަންހެން ޓީމު އިވެންޓުގެ ރަން މެޑެއްޔާއި ރަފާ އާއި ދީމާ ހޯދި އަންހެން ޑަބަލްސް އިވެންޓުގެ ރަން މެޑަލް އަދި ދީމާ ހޯދި އަންހެން ސިންގަލްސް އިވެންޓުގެ ރަން މެޑެއްޔެވެ. ނަތީޖާއަކަށްވީ ދެ ރިހި މެޑަލް ވެސް ރާއްޖެ އަށް ލިބުމެވެ.