24 އޯގަސްޓް 2020 - 08:00

މިދިޔަ އަހަރު ރިލީޒްކޮށް، ބެލުންތެރިންގެ ބޮޑު ތަރުހީބެއް ލިބުނު ތަމަޅަ ތުރިލާ "އާދާއީ" ގެ ހިންދީ ރިމޭކް ބަތަލާ ޝްރަދާ ކަޕޫރަށް ހުށަހެޅި ކަމަށްވާ ބުނާ ވާހަކަ ޕްރޮޑިއުސަރު ވިޝާލް ރާނާ ދޮގުކޮށްފި އެވެ.
މީޑިއާއަކަށް ދިން އިންޓަވިއުއެއްގައި އޭނާ ބުނީ އަމިއްލަ ފިލްމު ކުންފުނި އެކެލޯން ޕްރޮޑަކްޝަނުން "އާދާއީ" ގެ ރައިޓްސް ހޯދާފައިވީ ނަމަވެސް، އެއަށް އަދި ކާސްޓުން ހަމަނުޖައްސާ ކަމަށެވެ. އަދި ޝްރަދާ އަށް ފިލްމު ހުށަހެޅި ކަމަށް ބުނާ ވާހަކައިގައި އެއްވެސް ހަގީގަތެއް ނެތް ކަމަށް ބުންޏެވެ.
"އަހަރެމެން މިހާރު މި އަންނަނީ ފިލްމު ރަސްމީކޮށް ލޯންޗްކުރަން ތައްޔާރުވަމުން. އެހާތަނަށް ކާސްޓުން ފައިނަލްކުރާނަން،" ވިޝާލް ބުންޏެވެ.
އޭނާ ބުނީ "އާދާއީ" ގެ ރައިޓްސް ލިބުމަކީ ވަރަށް ބޮޑު ހިތްހަމަޖެހުމެއް ކަމަށާއި އެ ފިލްމަކީ ވަރަށް ކާމިޔާބު ފިލްމަކަށްވާތީ، ހިންދީ ފިލްމަކީ ވެސް ވަރުގަދަ ފިލްމަކަށް ހަދަން މަސައްކަތްކުރާނެ ކަމަށެވެ. ނަމަވެސް ފިލްމު ޑައިރެކްޓްކުރާނެ މީހަކު ވެސް އަދި ނުނިންމަ އެވެ.
ރަތުނާ ކުމާރު ޑައިރެކްޓްކޮށް، މިދިޔަ އަހަރުގެ ޖުލައިގައި ނެރުނު "އާދާއީ" ގެ ބަތަލާގެ ރޯލް ކުޅުނީ އަމާލާ ޕޯލެވެ. އިތުރު ކާސްޓުންގެ ތެރޭގައި ވިވެކް ޕްރަސައްނާ އާއި ރާމިއާ ސުބްރަމާނިއަމް ހިމެނެ އެވެ.
މި ވަގުތު ބޮލީވުޑްގައި ތިބި އެންމެ ހުނަރުވެރި އަދި ކާމިޔާބު ޒުވާން ބަތަލާއިންގެ ތެރޭގައި ހިމެނޭ ޝްރަދާ، 33، އެންމެ ފަހުން ފެނިފައި ވަނީ މިދިޔަ މާޗް މަހު ރިލީޒްކުރި "ބާގީ 3" އިންނެވެ. ޖެނުއަރީގައި ރިލީޒްކުރި "ސްޓްރީޓް ޑާންސާ 3ޑީ" ގެ ބަތަލާ އަކީ ވެސް ޝްރަދާ އެވެ.
އޭނާ ސޮއިކޮށްފައިވާ ފިލްމުތަކުގެ ތެރޭގައި "ސޯނޫ ކޭ ޓިޓޫ ކީ ސްވީޓީ" ގެނެސްދިން ޑައިރެކްޓަރު ލަވް ރަންޖަންގެ ފިލްމެއް ހިމެނެ އެވެ. ރަންބީރް ކަޕޫރް ބަތަލުގެ ރޯލް ކުޅޭ އެ ފިލްމު މިދިޔަ އަހަރުގެ ފަހުކޮޅު އިއުލާންކުރި ނަމަވެސް އޭގެ އެއްވެސް މަސައްކަތެއް އަދި ނުފަށަ އެވެ.