ޕީއެސްޖީ އަށް މަދުވަނީ ޗެމްޕިއަންސް ލީގު ތަށި: ޓުޗެލް
ޕީއެސްޖީ އަށް މަދުވަނީ ޗެމްޕިއަންސް ލީގު ތަށި: ޓުޗެލް

ލިޒްބަން (އޮގަސްޓް 23) - ޕީއެސްޖީ އަށް މިހާރު މަދުވަނީ ޗެމްޕިއަންސް ލީގު ތަށްޓެއް ކަމަށާއި އެކަން ހާސިލްކޮށްދޭން ލިބިފައި މި އޮތް ރަނުގެ ފުރުސަތުގެ ބޭނުން އެންމެ ރަނގަޅަށް ކުރަން ބޭނުންވާ ކަމަށް އެ ޓީމުގެ ކޯޗު ތޯމަސް ޓުޗެލް ބުނެފި އެވެ.

ގަތަރުގެ އިންވެސްޓަރުން 2011 ވަނަ އަހަރު ޕީއެސްޖީ ގަތް ފަހުން އެ ޓީމު އަންނަނީ ފްރާންސް ފުޓްބޯޅައިގައި ރަސްކަން ކުރަމުންނެވެ. މިދިޔަ 10 ވަރަކަށް އަހަރު ފްރާންސްގެ ފުރަތަމަ ޑިވިޝަނަށް ބޭއްވި 36 މުބާރާތުގުގެ ތެރެއިން 25 މުބާރާތުގެ ތަށި އުފުލާލީ ޕީއެސްޖީންނެވެ. މި މުއްދަތުގައި ޕީއެސްޖީން ނޫން އެއްވެސް ޓީމަކަށް ދެ ތަށްޓަށް ވުރެ ގިނައިން ހޯދިފައެއް ނުވެ އެވެ.

ފްރާންސްގައި ކާމިޔާބުވި ނަމަވެސް ޕީއެސްޖީން އަވަސް އަވަހަށް ކޯޗުން ބަދަލުކޮށް އެންމެ ބޮޑަށް ފެންބޮވައިގަނެފައި އޮތް ތަށްޓަކީ ޗެމްޕިއަންސް ލީގެވެ. ޔޫރަޕްގައި ކާމިޔާބުނުލިބޭތީ ޕީއެސްޖީން ވަނީ މަޝްހޫރު ކޯޗުންތަކެއް މަގާމުން ވަކިކޮށްފަ އެވެ. އޭގެ ތެރޭގައި އޭސީ މިލާނަށް ޗެމްޕިއަންސް ލީގު ކާމިޔާބުކޮށްދިން ކާލޯ އަންޗެލޮޓީ އާއި ސެވިއްޔާ އަށް ޖެހިޖެހިގެން ތިން ފަހަރު ޔޫރޮޕާ ލީގު ހޯދައިދިން އުނާއި އެމެރީ ހިމެނެ އެވެ. އެމެރީ އާއި އަންޗެލޮޓީ އަށް ވެސް ނުލިބޭ ފަދަ ފުރުސަތެއް މިހާރު ޓުޗެލް އަށް މި އޮތީ ލިބިފަ އެވެ. ޕީއެސްޖީ ތާރީހުގައި ފުރަތަމަ ފަހަރަށް ފައިނަލުން ޖާގަ ހޯދައި މުބާރާތް ކާމިޔާބު ކުރުމުގެ ފުރުސަތު ހޯދައިފަ އެވެ.

"މިހާރުގެ މެނޭޖްމަންޓުން ޕީއެސްޖީގައި އިންވެސްޓްކުރަން ފެށި އެންމެ ބޮޑު ސަބަބަކީ ވެސް މި ކްލަބް ޔޫރަޕްގެ ބޮޑު ބާރަކަށް ހެދުން. އެކަން ކުރެވޭނީ ޔޫރަޕްގެ ޗެމްޕިއަންކަން ހޯދައިގެން. ޕީއެސްޖީ އަށް މަދުވާ ޓްރޮފީ އަކީ ޗެމްޕިއަންސް ލީގު. މި ފަހަރު އެ ޓްރޮފީ ހޯދަން ލިބިފައި މި އޮތް ބޮޑު ފުރުސަތުގެ ބޭނުން ހިފަންޖެހޭ،" މިރޭގެ ފައިނަލުގައި ބަޔާނާ ދެކޮޅަށް ނުކުތުމުގެ ކުރިން ޕީއެސްޖީގެ ކޯޗު ޓުޗެލް ބުންޏެވެ.

ފައިނަލުގައި ޕީއެސްޖީ ކުޅޭނީ ޗެމްޕިއަންސް ލީގު ފަސް ފަހަރަށް ކާމިޔާބު ކޮށްފައިވާ ބަޔާނާ ދެކޮޅަށެވެ. ޓުޗެލް ބުނީ މި ފަދަ މެޗުތަކުގެ ތަޖުރިބާގެ ގޮތުން ބަޔާން އަށް އެޑްވާންޓޭޖެއް އޮތް ނަމަވެސް އެއީ މާ ބޮޑު ފަރަގެއް އަންނާނެ ކަމެއްގެ ކަމަށް ގަބޫލުނުކުރާ ކަމަށެވެ.

"މި ކަހަލަ ބޮޑު މެޗުތަކުގެ ތަޖުރިބާ ބަޔާންގެ ވަރަށް ބޮޑަށް ހުންނާނެ. ބަޔާނަކީ ބޮޑު ކްލަބެއް. ތަޖުރިބާ އަކީ މާ ބޮޑު އެޑްވާންޓޭޖެއް ނޫން. އެކަމަކު އެއީ އެޑްވާންޓޭޖެއް ނޫން ކަމަށް ދެކެވޭކަށް ވެސް ނެތް. އަހަންނަށް އެނގޭ ކަމަކީ ޕީއެސްޖީ މި ވަގުތު މި އޮތީ ހައްގު މަގާމެއްގައި. ދެން އޮތީ ތަށި ހޯދަން ފައިނަލުގައި މަސައްކަތް ކުރުން،" ކުރިން ބޮރޫޝިއާ ޑޯޓްމަންޑަށް ކޯޗުކޮށްދިން ޓުޗެލް ބުންޏެވެ.

ޕީއެސްޖީ އަކީ ޗެމްޕިއަންސް ލީގުގެ ތާރީހުގައި ފައިނަލުން ފުރުސަތު ހޯދި 41 ވަނަ ޓީމެވެ. އެންމެ ފަހުން އަލަށް ފައިނަލުގައި ކުޅުނު ހަ ޓީމު ވެސް ވަނީ ބަލިވެފަ އެވެ. އެންމެ ފަހުން އަލަށް ފައިނަލުގައި ކުޅެ ފުރަތަމަ ފަހަރަށް ތަށި އުފުލާލީ 1997 ވަނަ އަހަރު ޑޯޓްމަންޑެވެ.

ޓުޗެލް ބުނީ މިރޭގެ މެޗަށް ނުކުންނައިރު ޓީމަށް ބަދަލުތަކެއް ގެންނަން ވިސްނަމުން އަންނަ ކަމަށާއި ގާތްގާތުގައި މެޗުތައް ކުޅެން ޖެހުމުން އެ ޓީމުގެ ބައެއް ކުޅުންތެރިންނަށް ވަރުބަލިވުމުގެ މައްސަލަތައް ކުރިމަތިވެފައިވާ ކަމަށެވެ.

ޗެމްޕިއަންސް ލީގުގެ ނަމަށް މުބާރާތް ބަދަލުކޮށްގެން ކުޅެން ފެށި ފަހުން މިހާތަނަށް ފްރާންސް ޓީމަކަށް މި މުބާރާތް ކާމިޔާބު ކުރެވިފައިނުވެ އެވެ. މި މުބާރާތް ޔޫރަޕިއަން ކަޕްގެ ނަމުގައި ކުރިއަށްދިޔައި ވެސް ތަށި އުފުލާލެވުނީ ފްރާންސްގެ އެންމެ ޓީމަކަށެވެ. އެއީ 1993 ވަނަ އަހަރު މާސޭ އަށެވެ. ޕީއެސްޖީ އަށް މިރޭގެ ފައިނަލުގައި އެކަން ބަދަލުކުރުމުގެ ފުރުސަތު އެބައޮތެވެ.

ލިޒްބަންގައި ޕީއެސްޖީ އާއި ބަޔާން ކުޅޭ ފައިނަލް މެޗު ފަށާނީ މިރޭ ރާއްޖެ ގަޑިން 12 ޖަހާއިރު އެވެ.