22 އޯގަސްޓް 2020 - 15:22

މިދިޔަ އަހަރުގެ ފަހުކޮޅުގައި ދިގު މުއްދަތުގެ އެއްބަސްވުމެއްގެ ދަށުން އެފްއޭއެމްގެ ޓެކްނިކަލް ޑިރެކްޓަރަކަށް ހަމަޖެއްސި އިންގްލެންޑްގެ ޖުޑާން އަލީ މަގާމުން ވަކިކޮށްފި އެވެ.
އެފްއޭއެމްގެ ޖެނެރަލް ސެކްރެޓަރީ ހުސެއިން ޖަވާޒް (ޖަވާ) "މިހާރަ"ށް ވިދާޅުވީ ޖުޑާން މަގާމުން ވަކިކޮށްފައިވާ ކަމަށާއި އެކަން އެ ގޮތަށް ކުރަން ނިންމީ އެފްއޭއެމްގެ ހަރަދުތައް ކުޑަކުރުމުގެ މަޝްވަރާތަކުގެ ތެރެއިން ކަންތައްތަކަކަށް އެއްބަސްނުވެވިގެން ކަމަށެވެ.
އެނގިފައިވާ ގޮތުގައި އެފްއޭއެމުން ޖުޑާން ގެނައީ ސްޕޮންސަރެއް މެދުވެރިކޮށް ލިބޭ ފައިސާއިން މަހަކު 9000 ޑޮލަރު ދޭ ގޮތަށެވެ. އެކަމަކު ކޮވިޑް-19ގެ ސަބަބުން އިގްތިސާދީ ގޮތުން ކުރިމަތިލާން ޖެހިފައިވާ ދަތިތަކާ ހެދި އެކި ސްޕޮންސަރުން އަތުން އެފްއޭއެމަށް ފައިސާ ލިބުމުގައި ދަތިތަކެއް އެބަހުއްޓެވެ. މި ސަބަބުތަކާ ހުރެ ހަރަދުތައް ކުޑަކުރުމުގެ ގޮތުން އެފްއޭއެމުން ޖުޑާން އަށް ދޭ މުސާރަ ކުޑަކުރަން މަޝްވަރާކުރި ނަމަވެސް އެކަމަށް އަލިމަގެއް ފެންނަ ގޮތެއްނުވި އެވެ. އެފްއޭއެމުން ބޭނުންވީ ކޮންޓްރެކްޓްގައި ހިމެނިފައި އޮތް މުސާރައިގެ ދެބައިކުޅަ އެއްބައި (4500 ޑޮލަރު) ދޭގޮތަށް ކުރިއަށްދާށެވެ. އެކަމަކު އެ ގޮތަށް އެއްބަސްނުވެވި މަޝްވަރާތައް ދިގުލައިގޮސް އެންމެ ފަހުން ޖުޑާން ވަކިކުރަން ނިންމީ އެވެ.
ޖުޑާންއާ އެކު އެފްއޭއެމުން ކޮންޓްރެކްޓްގައި ސޮއިކުރީ މިދިޔަ ޑިސެމްބަރު މަހުގަ އެވެ. އެ ބައްދަލުވުމުގައި ޖުޑާން ސޮއިކުރީ ކިހާ މުއްދަތެއްގެ އެއްބަސްވުމެއްގައިތޯ ހާމައެއްނުކުރެ އެވެ. އެކަމަކު ޖުޑާން އިނގިރޭސި މީޑިއާތަކަށް ދިން އިންޓަވިއުއްގައި އޭރު ބުނެފައިވަނީ އެފްއޭއެމާ އެކު އޭނާ ސޮއިކުރީ 10 އަހަރުގެ ކޮންޓްރެކްޓެއްގައި ކަމަަށެވެ.
ގާނާގެ މީޑިއާ ރިޕޯޓްތައް ބުނާގޮތުން ޖުޑާން އަންނަނީ އެ ގައުމުގެ ފުޓްބޯޅަ އެސޯސިއޭޝަންގެ ޓެކްނިކަލް ޑިރެކްޓަރުގެ މަގާމާ ހަވާލުވާން މަޝްވަރާކުރަމުންނެވެ. ބެލެވޭގޮތުގައި ކުރިއަށް އޮތް ދުވަސްތަކުގެ ތެރޭގައި ޖުޑާންއާ ރަސްމީކޮށް އެ މަގާމު ހަވާލުކުރާނެ އެވެ.
ބާސެލޯނާގެ ލަ މާސިއާ އެކެޑަމީގައި މަސައްކަތްކުރި ޖުޑާން އަކީ ޔުއެފާ އޭ ލައިސަންސް ކޯޗެކެވެ. އޭނާ ވަނީ 2013 ވަނަ އަހަރު ޗައިނީސް ޓައިޕޭގެ އެފްއޭގެ އެލީޓް ޑިވެލޮޕްމަންޓް ހެޑް އެއްގެ ގޮތުގައި މަސައްކަތްކޮށްފަ އެވެ. ކޯޗިންގައި ވެސް ގިނަ މަސައްކަތްތަކެއް ކޮށްފައިވާ ޖުޑާން ވަނީ އޭއެފްސީ ކަޕްގައި ރާއްޖޭގެ ކްލަބްތަކާ ދެކޮޅަށް ކުޅުނު ކިޗީގެ ކޯޗިން ސްޓާފެއްގެ ގޮތުގައި 2015 ވަނަ އަހަރު މަސައްކަތްކޮށްފަ އެވެ. އޭގެ ކުރިން 2012 ވަނަ އަހަރު ލެޓްވިއާގައި ކޯޗިން ކޯހެއް ވެސް އެ ގައުމުގެ ކޯޗުންނަށް ނަގައިދިނެވެ.
ޖުޑާން އަކީ ފަހަކަށް އައިސް އެފްއޭއެމްގެ ޓެކްނިކަލް ޑިރެކްޓަރުގެ މަގާމުން ކުރު މުއްދަތެއްގައި ވަކިކުރި ދެ ވަނަ މީހާ އެވެ. މީގެ ކުރިން ވީބީ އައްޑޫ އެފްސީގެ ކުރީގެ ކޯޗު ތުރުކީގެ ޖޭން ވަންލީ ޓެކްނިކަލް ޑިރެކްޓަރުގެ މަގާމާ ހަވާލުވީ 2017 ވަނަ އަހަރުގެ އޭޕްރީލް މަހުގަ އެވެ. އޭނާ މަގާމުން ވަކިވީ 2018 ވަނަ އަހަރުގެ ޖޫން މަހުގެ ތެރޭގަ އެވެ. އެފްއޭއެމްގެ ޓެކްނިކަލް ޑިރެކްޓަރުގެ މަގާމުގައި އެންމެ ރަނގަޅު މަސައްކަތެއްކުރި ބިދޭސީ ފަރާތަކީ މެލޭޝިއާގެ ލިމް ކިން ޗޮން އެވެ. އޭނާ އަކީ 2002 ވަނަ އަހަރު ކޮރެއާ އާއި ޖަޕާންގައި ބޭއްވި ވޯލްޑް ކަޕްގެ ޓެކްނިކަލް ސްޓަޑީ ގްރޫޕްގައި މަސައްކަތްކޮށްފައިވާ ފަރާތެކެވެ. ލިމްގެ ދުވަސްވަރު އޭނާ ރަނގަޅު ބަދަލުތަކެއް ގެނަ އެވެ.
ފުޓްބޯޅައިގެ ޑިވެލޮޕްމަންޓުގެ ގިނަ މަސައްކަތްތަކެއް ކުރަންޖެހޭ އެފްއޭއެމްގެ ޓެކްނިކަލް ޑިރެކްޓަރުގެ މަގާމު ދިވެހިން ވެސް ވަނީ ފުރައިފަ އެވެެ. އެ ގޮތުން މަޝްހޫރު ތިން ކޯޗުން ކަމަށްވާ މައުރޫފް އަހުމަދު (މާއްޓޭ) އާއި މުހައްމަދު ޝިޔާޒް (މޯހަން) އަދި އިހުސާން އަބްދުލް ގަނީ (ސާންތީ) ވަނީ އެ މަގާމު ފުލްޓައިމްކޮށް ފުރައިފަ އެވެ. އަދި އެކްޓިން ޓެކްނިކަލް ޑައިރެކްޓަރެއްގެ ގޮތުގައި ކޯޗު އަލީ ސުޒޭން ވެސް ވަނީ އެ މަގާމުގެ ޒިންމާ އުފުލައިފަ އެވެ.