ޓްރެކުގައި ސިންތެޓިކް އަޅައި ނޮވެމްބަރަށް ނިންމޭތޯ ބަލަނީ
ޓްރެކުގައި ސިންތެޓިކް އަޅައި ނޮވެމްބަރަށް ނިންމޭތޯ ބަލަނީ

މާލޭ ކުޅިވަރު އެކުވެނީގެ ވެލި ޓްރެކް، ސިންތެޓިކް ޓްރެކަކަށް ބަދަލުކުރުމުގެ މަސައްކަތް ނޮވެމްބަރު 11 އަށް ނިންމަން މަސައްކަތްކުރަމުން އަންނަ ކަމަށް ސްޕޯޓްސް މިނިސްޓަރު އަހުމަދު މަހުލޫފު ވިދާޅުވެއްޖެ އެވެ.

ސަރުކާރުން 1996 ވަނަ އަހަރު ތަރައްގީކުރި ވެލި ޓްރެކަކަކީ އާއްމުން ކަސްރަތަށް ބޭނުންކުރާ ތަނެކެވެ. ބައެއް އަމިއްލަ އެކަޑަމީތަކާއި ކަސްރަތު ކްލާސްތައް ވެސް އެތަނުގައި ބާއްވަ އެވެ. އަދި ހުޅުމާލޭގައި މިދިޔަ އަހަރު ސިންތެޓިކް ޓްރެކެއް އެޅުމާ ހަމަޔަށް އެތުލެޓިކްސް މުބާރާތްތަކާއި ޕްރެކްޓިސްތަކަށް އެތަން ބޭނުންކުރި އެވެ.

ލޮކްޑައުންގެ ތެރޭގައި މިނިސްޓްރީން އެންމެ ފުރަތަމަ އެތަނަށް ގެންނަން އުޅުނު ބަދަލަކީ ވެލި އަޅައިގެން ތަން އާކުރުމެވެ. އެކަމަކު ފަހުން ސިންތެޓިކް ޓްރެކަކަށް ބަދަލުކުރަން ނިންމީ އެވެ.

"އެކުވެނި ދުވާ ޓްރެކް ސިންތެޓިކް އަށް ބަދަލުކުރުމުގެ މަސައްކަތް ދަނީ ބާރަށް ކުރިއަށް،" މިނިސްޓަރު ޓްވީޓްކުރެއްވި އެވެ. "ކްރިކެޓް، އެތުލެޓިކްސް އަދި ދުޅަހެޔޮ ސިއްހަތެއްގައި ތިބުމަށް މި ޓްރެކް ބޭނުން ކުރަމުން ގެންދެވި ފަރާތްތަކަށް ބޮޑު ފަސޭހަތަކެއް ލިބޭނެ،"

ދުވާ ޓްރެކެއްގެ ގޮތުގައި އެތަން އާއްމުކޮށް ބޭނުންކުރި ނަމަވެސް އެތަނުގެ މެދުގައި އޮންނަ ކްރިކެޓް ދަނޑުގެ މިންހަމަކުރަނީ އެ ޓްރެކް މަތިން ބައުންޑަރީ އަޅައިގެންނެވެ. އެހެންވެ ކްރިކެޓަށް ހާއްސަ ތަނެއް ހެދެންދެން، ސިންތެޓިކް ޓްރެކުގެ ބައެއް ކްރިކެޓުން ވެސް ބޭނުންކުރާނެ އެވެ.