22 އޯގަސްޓް 2020 - 10:31

އެތެންސް (އޮގަސްޓް 22) – ގްރީކުގެ ޓޫރިސްޓް މަންޒިލް މައިކޯނޯސްގައި ޗުއްޓީ ހޭދަކުރަމުން އައި މެންޗެސްޓާ ޔުނައިޓެޑުގެ އިނގިރޭސި ކެޕްޓަން ހެރީ މެގުއާ ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފި އެވެ.
ގްރީކުގެ ފުލުހުން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ އުމުރުން 27، 28 އަދި 29 އަހަރުގެ ތިން ފިރިހެނަކު މައިކޯނޯސް އިން ހައްޔަރުކޮށްފައިވާ ކަމަށެވެ. ފުލުހުން ބުނި ގޮތުގައި ދެބަސްވުމެއް ހިނގުމުން ސީނަށް ދިޔަ ފުލުސް އޮފިސަރުންނަށް އެ ގްރޫޕުން، ހުތުރު އެއްޗިސް ކިޔާ ފުލުހަކު ކޮއްޕާލި ކަމަށެވެ. އަދި ފުލުސް އޮފީސް ތެރެއިން، ހައްޔަރުކުރަން އުޅުމުން ދެކޮޅު ހަދައި ކޮއްޕައި ހެދި ކަމަށާއި ފަހުން އެތަނުން އެކަކު ފުލުހުންނަށް ރިޝްވަތު ދޭން މަސައްކަތްކުރި ކަމަށް ވެސް ބަޔާނުގައިވެ އެވެ.
ރިޕޯޓްތައް ބުނާ ގޮތުގައި އެއީ މެގުއާ އާއި އޭނާގެ ބޭބެ އާއި ރަށްޓެއްސެކެވެ. އަދި ބާ އެއްގެ ބޭރުގައި ހިނގައިދިޔަ މި ކަންތައްގަނޑަށް ފަހު، މިނީ ވޭނެއްގައި ފުލުހުންގެ ކަފުގައި، ސްޓޭޝަނަށް ހާޒިރުވާން އެންގުމުން، އެތަނަށް އައިސް އެ މީހުން ފިލަން މަސައްކަތްކުރި ކަމަށް ރިޕޯޓްތައް ބުނެ އެވެ.
ޔުނައިޓެޑުން ނެރުނު ބަޔާނެއްގައި ބުނީ އެފަދަ ކަމެއް ހިނގައިގެން އުޅޭކަން އެނގޭ ކަމަށެވެ. އަދި މެގުއާއާ ގުޅުނު ކަމަށާއި އޭނާ އަންނަނީ ތަހުގީގުގައި ފުލުހުންނަށް އެއްބާރުލުން ދެމުން ކަމަށް ބުނެފައިވެ އެވެ.
"މި ވަގުތު މިކަމުގައި އިތުރު ވާހަކައެއް ނުދައްކާނަން،" ޔުނައިޓެޑުގެ ބަޔާނުގައިވެ އެވެ.
ލެސްޓާ ސިޓީން ވިދާލި މެގުއާ ޔުނައިޓެޑަށް ބަދަލުވީ މިދިޔަ އަހަރުގެ އޮގަސްޓް މަހު 80 މިލިއަން ޕައުންޑަށް، ދުނިޔޭގެ އެންމެ އަގުބޮޑު ޑިފެންޑަރުގެ ގޮތުގައި އެވެ. ރަޝިއާގައި 2018 ވަނަ އަހަރު އޮތް ވޯލްޑް ކަޕުގައި އިންގްލެންޑް ގައުމީ ޓީމަށް ކުޅުނު މެގުއާ އަކީ އިނގްލެންޑުގައި މިވަގުތު ހުރި އެންމެ އިތުބާރު އެއް ޑިފެންޑަރެވެ.