22 އޯގަސްޓް 2020 - 11:57

ކޮލަމްބޯ (އޮގަސްޓް 22) - ކޮރޯނާވައިރަހަށް ރަޝިޔާ އިން އުފެއްދި ވެކްސިނަށް ދުނިޔޭގެ ސިއްހަތު ޖަމިއްޔާ، ޑަބްލިއުއެޗް އިން ހުއްދަ ދިނުމާ އެކު އެ ވެކްސިން ގެންނާނެ ކަމަށް ސްރީ ލަންކާގެ ހެލްތު މިނިސްޓްރީން ބުނެފި އެވެ.
ލަންކާގެ ހެލްތު މިނިސްޓަރު ޕަވިތުރާ ވަންނިއަރައްޗީ ވަނީ ލަންކާގައި ހުންނަ ރަޝިޔާގެ ސަފީރާ ބައްދަލުކުރައްވައި ވެކްސިން ހޯދުމާ ގުޅޭ ގޮތުން މަޝްވަރާ ކުރައްވައިފަ އެވެ. ރަޝިޔާގެ ސަފީރު ޔޫރީ ބީ. މެޓެރިޔް ވަނީ ލަންކާ އިން ކޮރޯނާވައިރަސް ކޮންޓްރޯލް ކުރި ގޮތަށް ތައުރީފް ކުރައްވައި، ކޮރޯނާވައިރަސް ކާމިޔާބުކަމާ އެކު މެނޭޖްކުރި މަދު ގައުތަކުގެ ތެރޭގައި ލަންކާ ހިމެނޭ ކަމަށް ވިދާޅުވެފަ އެވެ.
ރައީސް ލަޑިމިއާ ޕުޓިން މި މަހު ކުރީކޮޅު ވަނީ ރަޝިޔާގެ ވެކްސިނަށް ހުއްދަ ދެއްވައިފަ އެވެ. އަދި ރަޝިޔާ އަކީ ކޮރޯނާވައިރަހަށް ވެކްސިން އުފެއްދި ފުރަތަމަ ގައުމު ކަމަށް ޕުޓިން ވިދާޅުވި އެވެ. ނަމަވެސް ދުނިޔޭގެ ބައެއް ގައުމުތަކުގެ ސައެންސްވެރިންނާއި ޑަބްލިއުއެޗްއޯ އިން ވަނީ ރަޝިޔާ އިން އުފައްދާ ވެކްސިންއާ މެދު ސަމާލުވުމަށް އަންގައިފަ އެވެ. ސަބަބަކީ ބައެއް ޓްރަޔަލްތައް ފުރިހަމަނުކޮށް ރަޝިޔާ އިން މާއަވަހަށް ވެކްސިން އުފެއްދުމެވެ.
ރަޝިޔާގެ ވެކްސިންގެ ކްލިނިކަލް ޓްރަޔަލްގައި މި ހަފުތާގައި ގާތްގަނޑަކަށް 40،000 މީހުންނަށް ވެކްސިން ދޭން ނިންމާފައިވާ ކަމަށް އެ ގައުމުން ވަނީ ބުނެފަ އެވެ.
ވެކްސިން އުފައްދަން ޚަރަދުކުރި ރަޝިޔާގެ ޑައިރެކްޓް އިންވެސްޓްމަންޓް ފަންޑުގެ ވެރިޔާ ކިރިލް ދިމިތުރިޔޭފް ވިދާޅުވީ 20 އަށް ވުރެ ގިނަ ގައުމުން ބިލިއަނަކަށް ވުރެ ގިނަ ވެކްސިންގެ އޯޑަރު މިހާރު ވެސް ލިބިފައިވާ ކަމަށެވެ. އަދި ރަޝިޔާގައި ގިނަ ބަޔަކަށް ވެކްސިން ދިނުމުގެ ޕްރޮގްރާމް އޮކްޓޯބަރު މަހު ފަށައި ބޭރު ގައުމުތަކަށް ނޮވެމްބަރު ނުވަތަ ޑިސެމްބަރުގައި ވެކްސިން ފޮނުވަން ފަށާނެ ކަމަށް އޭނާ ވިދާޅުވި އެވެ.
ދިމިތުރިޔޭފް ވިދާޅުވީ ރަޝިޔާގެ ވެކްސިންއާ މެދު ޝައްކުތައް އުފައްދަނީ ރަނގަޅަށް މައުލޫމާތު ނޭނގޭތީ ކަމަށާއި މައުލޫމާތު ދިނުމުން އެ ޝައްކުތައް ފިލައިގެންދާނެ ކަމަށެވެ.