22 އޯގަސްޓް 2020 - 11:40

ވޮޝިންޓަން (އޮގަސްޓް 22) - ރައީސް ޑޮނަލްޑް ޓްރަމްޕް ވަނީ އެމެރިކާގެ ރައްޔިތުން މާގިނަ ދުވަހު "އަނދިރިކަމެއްގައި" ގެންގުޅެފައި ކަމަށާއި އެ "ކަޅު ދުވަސްތައް" ވަރަށް އަވަހަށް ނިމުމަކަށް ގެންނާނެ ކަމަށް ޑިމޮކްރެޓިކް ޕާޓީގެ ކެންޑިޑޭޓް ޖޯ ބައިޑަން ވިދާޅުވެއްޖެ އެވެ.

ކުރީގެ ނައިބް ރައީސް ވިދާޅުވީ އެމަނިކުފާނުގެ ވާދަވެރި ކެންޑިޑޭޓް ވަނީ މާބޮޑަށް އެމެރިކާ ބައިބައިކޮށް، މާބޮޑަށް ރުޅިވެރިކަން އުފައްދާފައި ކަމަށެވެ.
ޚިޔާލު ހޯދުންތަކުން ދައްކާ ގޮތުން އުމުރުން 77 އަހަރުގެ ބައިޑަން އުޅުއްވަނީ ޓްރަމްޕް، 74، އަށް ވުރެ ކުރީގަ އެވެ. ނަމަވެސް އިންތިޚާބަށް 75 ދުވަސް އަދިވެސް އޮތުމާ އެކު އެ ތަފާތު ކުޑަކުރުމުގެ ވަގުތު ރިޕަބްލިކަން ރައީސް އަށް އެބައޮތެވެ.
ޑިމޮކްރެޓިކް ޕާޓީގެ ހަތަރު ދުވަހުގެ ކޮންވެންޝަން ނިންމަވާލައްވަމުން، ކުރިން ރެކޮޑްކޮށްފައިވާ ތަގްރީރުގައި، ބައިޑަން ވިދާޅުވީ މިއީ އެންމެން އެކަތިގަނޑަކަށް ވެގެން ކަޅު ދުވަސްތަކުން އެމެރިކާ ނެރެންވީ ވަގުތު ކަމަށެވެ.
"އަޅުގަނޑުމެން އިސްކުރާނީ ބިރުގެ މައްޗަށް އުއްމީދު. ޚިޔާލީ ކަންކަމުގެ މައްޗަށް ހަގީގަތް. ވަކި އިމްތިޔާޒަކަށް ބެލުމެއް ނެތި އިންސާފާއި ހަމަހަމަކަން،" ބައިޑަން ވިދާޅުވި އެވެ.
އެމަނިކުފާން ވިދާޅުވީ ނޮވެމްބަރު 3 ވަނަ ދުވަހު ބާއްވަނީ މުހިންމު އިންތިޚާބެއް ކަމަށާއި އެމެރިކާ ދެން ކުރިއަށް ދާންވީ މަގު އެ އިންތިޚާބުން ސާފުވާނެ ކަމަށެވެ.
"މިހާރު ހުރި ރައީސްއާ ބެހޭ ގޮތުން އެނގޭ އެއްޗަކީ އިތުރު ހަތަރު އަހަރު ދީފި ނަމަ، ކަންތައް ކުރާނީ ނިމިގެން ދިޔަ ހަތަރު އަހަރު ކަންކުރި ގޮތަށްކަން،" ބައިޑަންގެ ތަގްރީރުގައި ވިދާޅުވި އެވެ.
އެމެރިކާގެ ކޮރޯނާވައިރަހުގެ ހާލަތަށް އިޝާރާތް ކުރައްވައި ބައިޑަން ވިދާޅުވީ "އަޅުގަނޑުމެންގެ ރައީސް ވަނީ އޭނާގެ އެންމެ އަސާސީ ވާޖިބު ގައުމަށް އަދާކޮށްދިނުމުގައި ވެސް ފެއިލްވެފައި" ކަމަށެވެ.