21 އޯގަސްޓް 2020 - 22:44

އިއްޔެ ހަވީރު 6:00 އިން މިއަދު ހަވީރު 6:00 އާ ދެމެދު ރާއްޖޭގައި 200 އެއްހާ މީހުން ކޮވިޑް-19 އަށް ޕޮޒިޓިވްް ވެއްޖެ އެވެ.
ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން މިރޭ އާއްމު ކުރި ހިސާބުތަކުގައިވާ ގޮތުން މިއަދު 194 މީހަކަށް އެބަލި ޖެހުނު އިރު އޭގެ ތެރޭގައި ގިނައީ ދިވެހިންނެވެ. ދިވެހިންގެ 167 މީހަކަށް ބަލި ޖެހުނެވެ. ބަލި ޖެހުނު މީހުންގެ ތެރޭގައި ދެން އެންމެ ގިނައީ ބަންގްްލަދޭޝް މީހުންނެވެ. އެގައުމުގެ 16 މީހަކަށް ބަލި ޖެހުނެވެ. އޭގެ އިތުރުން އިންޑިއާގެ ހަތް މީހަކާއި ސްރީލަންކާ، ނޭޕާލް، ތައިލެންޑް އަދި އިޓަލީ، މިއިން ކޮންމެ ގައުމަކުން އެކަކަށް ބަލި ޖެހުނެވެ.
ތަފާސް ހިސާބުތަކުން އެނގޭ ގޮތުގައި މިއީ މިމަހުގެ މިހައިތަނަށް ތިން ވަނައަށް އެންމެ ގިނަ މީހުން ކޮވިޑަށް ޕޮޒިޓިވްވި ދުވަހެވެ. ޖުލައި މަހުގެ 29 އިން ފެށިގެން މިހައިތަނަށް އެންމެ ގިނަ މީހުން އެއް ދުވަހެއްގައި ޕޮޒިޓިވް ވީ މިމަހުގެ ދެވަނަ ދުވަހު އެވެ. އެ ދުވަހު 243 މީހަކު ބައްޔަށް ޕޮޒިޓިވް ވި އެވެ. ދެވަނަ އަށް އެންމެ ގިނަ ބަޔަކަށް ބަލި ޖެހުނީ މިދިޔަ އަންގާރަ ދުވަހު އެވެ. އެ ދުވަހު 201 މީހަކަށް ބަލި ޖެހުނެވެ.
ރާއްޖޭން ކޮވިޑް ޖެހުނު މީހުންގެ އަދަދަކީ މިހާރު 6،564 އެވެ. އޭގެ ތެރެއިން 3،915 މީހަކު ރަނގަޅުވި އިރު 25 މީހަކު ވަނީ އެބަލީގައި މަރުވެފަ އެވެ. ކޮވިޑްގެ އެކްޓިވް ކޭސްތަކުގެ އަަދަދަކީ މިހާރު 2624 އެވެ.