ކަނޑޫދޫ މިރުސް ސްވެޑެން އަށް
ކަނޑޫދޫ މިރުސް ސްވެޑެން އަށް

ތ. ކަނޑޫދޫގެ މިރުހަށް މާލޭގެ ލޯކަލް މާރުކޭޓުގެ ޑިމާންޑު ބޮޑުވާ ސަބަބުތައް އެބަހުއްޓެވެ؛ މީރު ރަހައަކާއެކު އާދަޔާ ހިލާފަށް ކުޅިވުމެވެ. މުޅި ރާއްޖެއަށް ވެސް މަޝްހޫރު ގިތެޔޮ މިރުސް ރޯދަ މަސްމަހު "ރަނަށް" ވެ ބާޒާރުގައި އަގު އުފުލިގެން ދެ އެވެ. މިފަހަރު އެ ކުޅި މިރުސް މި ވަނީ ސްވެޑެންގެ މާކް ވިލްކޮޒްގެ ދަނޑަށް ވެސް ގޮސްފަ އެވެ.

ކަނޑޫދޫ މިރުސް ސްވެޑެން އަށް
ކަނޑޫދޫ މިރުސް ސްވެޑެން އަށް

މިރުސް ހައްދައި އޭގެ ވިޔަފާރިކުރާ މާކްގެ ދަނޑުގައި މިހާރު ވެސް 40 ވައްތަރުގެ މިރުސް އެބަހުއްޓެވެ. އެހެންވެ އޭނާގެ ރައްޓެއްސަކާ އިނދެގެން އުޅޭ، އައްޑުއަށް އުފަން ސޯނިޔާ ސެލާންޑާ ސްވެޑެންއަށް ދާ ކޮންމެ ފަހަރަކު ގެންދާ މިރުހުން އެތިކޮޅެއް މާކަށް ދެ އެވެ. މީގެ ކުރިން ތިން ފަހަރަކު އޭނާ ރާއްޖެއިން ދިޔައީ އާދައިގެ ގިތެޔޮ މިރުސް ހިފައިގެންނެވެ. އެކަމަކު އޭތި މާކަށް އެހާ ބޮޑަށް ކަމަކު ނުދިޔަ އެވެ.

ރާއްޖޭގައި ވަޒީފާ އަދާކުރާ ސޯނިޔާ މިދިޔަ ޖެނުއަރީ މަހު ސްވެޑެންނަށް ދިޔައީ އޭނާއަށް ވެސް އެންމެ މީރު ކަނޑޫދޫ މިރުސް ހިފައިގެންނެވެ.

"މިރުހަކީ، އެއާ ނުލައި ނޫޅެވޭނެ އެއްޗެއް. އެހެންވެ ފިރިމީހާގެ ގައުމަށް ދާ ކޮންމެ ފަހަރަކު ވެސް މިރުސް ހިފައިގެން ދަނީ. މި ފަހަރު ކަނޑޫދޫ މިރުސް ހިފައިގެން މި ދިޔައީ. އެތަނުން މިރުސްކޮޅެއް މާކަށް ދިނީ،" ސްވެޑެންގެ ރެޒިޑެންޓް ވިސާ ލިބެންދެން މިވަގުތު ރާއްޖޭގައި ހުރި ސޯނިޔާ ބުންޏެވެ.

"ކަނޑޫދޫ މިރުހުގެ ވަހާއި ރަހަ ތަފާތުވެގެން އޭގެ އޮށް މާކް އިންދީ. އެންމެން ވެސް ވަރަށް ސަޕްރައިޒްވި މުޅި ފިނި މޫސުމުގައި ވެސް އެ ގަސްތައް ސަލާމަތްވި،"

ކަނޑޫދޫ މިރުހުގެ 14 ވަރަކަށް ގަސް މިހާރު ސްވެޑެންގެ ދަނޑުގައި ބޮޑުވެއްޖެ އެވެ. އެއަށް މާކް ކިޔަނީ "ސޯނިޔާސް ޗިލީ" ނުވަތަ "މޯލްޑިވިއަން ޗިލީ" އެވެ. ރާއްޖެއިން ގެންދިޔަ މިރުހަށް ވުރެ، މާކް ހެއްދި ކަނޑޫދޫ މިރުހުގެ ސައިޒު ބޮޑެވެ. އެކަމަކު ރަހަ ހަމަ އެކައްޗެކެވެ. އޭގެ މިރުސް ގަންނަން އެ ގައުމުގެ މީހުން ވެސް އޯޑަރު ދެ އެވެ.

"އެހެން ވައްތަރުގެ މިރުހުގައި ކުޅި ރަހަ ހުއްޓަސް މީރު ރަހައެއް ނުހުރެއޭ. އެކަމަކު ކަނޑޫދޫ މިރުސް ހަމަ ތަފާތުވެފައި މީރީއޭ ބުނަނީ."

ސްވެޑެންގެ ހޯގަނަސްގައި ދިރިއުޅޭ މާކް އަންނަނީ މިރުހުން އެކި ވައްތަރުގެ ސޯސް ވެސް ހަދަމުންނެވެ. އެގޮތަށް ކަނޑޫދޫ މިރުހުން ވެސް ސޯސް ހަދަން އޭނާ ހުރީ ނިންމައިގެންނެވެ.