21 އޯގަސްޓް 2020 - 10:39

ކޮލަމްބޯ (އޮގަސްޓް 21) - ރައީސްގެ ބާރުތައް ހަނިކޮށް، ރިޔާސީ ދައުރު ދެ ޓާމަށް ލިމިޓް ކުރުމަށް ލަންކާގެ ގާނޫނުއަސާސީ އަށް ގެނެސްފައިވާ އިސްލާހު އުވާލައްވާނެ ކަމަށް ރައީސް ގޯޓާބޭ ރާޖަޕަކްސާ ވިދާޅުވެއްޖެ އެވެ.
ލަންކާގެ އާ ޕާލަމެންޓް ހުޅުވުމުގެ ގޮތުން ދެއްވި ތަގްރީރުގައި ގޯޓާބޭ ވިދާޅުވީ އެމަނިކުފާނުގެ ސަރުކާރުން އެންމެ އިސްކަންދީގެން ކުރާނެ އެއްކަންތަކަކީ ގާނޫނުއަސާސީ އަށް ގެނެސްފައިވާ 19 ވަނަ އިސްލާހު އުވާލުން ކަމަށެވެ. އަދި އޭގެ ފަހުން އާ ގާނޫނުއަސާސީއެއްގެ މަސައްކަތް ފައްޓަވާނެ ކަމަށް ވިދާޅުވި އެވެ.
"ރައްޔިތުންގެ ކިބައިން އަޅުގަނޑުމެން އެދުނީ ގާނޫނުއަސާސީ އިސްލާހު ކުރުމަށް އަޣުލަބިއްޔަތު ދިނުމަށް. އެ މޭންޑޭޓް ރައްޔިތުން ވަނީ ދީފައި. އެންމެ އިސްކަން ދޭނީ 19 ވަނަ އިސްލާހު އުވާލަން. އޭގެ ފަހުން ފަށާނީ ލަންކާ އަށް ބޭނުންވާ އާ ގާނޫނު އަސާސީއެއް އެކުލަވާލުމުގެ މަސައްކަތް،" ގޯޓާބޭ ވިދާޅުވި އެވެ. "ގާނޫނުއަސާސީ އަށް 1978 ވަނަ އަހަރުގެ ފަހުން ވަނީ 19 ފަހަރު ބަދަލު ގެނެސްފައި. އޭގެ ސަބަބުން ވަނީ ބޮޑެތި އޮޅުންތައް އަރާފައި."
ރައީސްގެ ބާރުތައް ހަނިވާ ގޮތަށް ލަންކާގެ ގާނޫނުއަސާސީ އަށް 19 ވަނަ އިސްލާހު ގެނެސްފައި ވަނީ ކުރީގެ ރައީސް މައިތުރިޕާލާ ސިރިސޭނާ އެވެ. ގާނޫނުއަސާސީ އަށް ބަދަލު ނުގެންނައިރު މިނިސްޓަރުން އައްޔަން ކުރުމާއި ވަކިކުރުން، ފުލުހުންނާއި ޖުޑިޝަރީ އަދި ޕަބްލިކް ސާވިސް އަށް އޮފިޝަލުން ހަމަޖައްސާނީ ރައީސް އެވެ. އަދި އެއް އަހަރުގެ މުއްދަތަށް ފަހު ބޭނުން ކޮންމެ ވަގުތަކު ޕާލަމެންޓް އުވާލުމުގެ ބާރު ވެސް ރައީސަށް ލިބިދީފައިވެ އެވެ.
ގޯޓާބޭ ވިދާޅުވީ ނޮވެމްބަރު މަހު ވެރިކަމަށް ވަޑައިގެންނެވި ނަމަވެސް، 19 ވަނަ އިސްލާހުގެ ސަބަބުން، ބޮޑެތި އުނދަގޫތަކާ ކުރިމަތިލާން ޖެހިފައިވާ ކަމަށެވެ.
އޮގަސްޓް 5 ވަނަ ދުވަހު ބޭއްވި އިންތިޚާބުން ގޯޓާބޭ އާއި ބޮޑުވަޒީރު މަހިންދާ ރާޖަޕަކްސާގެ ސްރީ ލަންކާ ޕޮޑުޖަނާ ޕާޓީ (އެސްއެލްޕީޕީ) ވަނީ 145 ގޮނޑި ހޯދައިފަ އެވެ. އެ ޕާޓީއަށް ތާއީދުކުރާ ފަރާތްތަކުގެ އިތުރު ހަ ގޮނޑިއާ އެކު ވަނީ 225 ގޮނޑި ހިމެނޭ ޕާލަމެންޓުގެ ސުޕަ މެޖޯރިޓީ ހޯދައިފަ އެވެ.