21 އޯގަސްޓް 2020 - 10:36

މޮސްކޯ (އޮގަސްޓް 21) - ރަޝިޔާ އިން އުފެއްދި ކޮރޯނާވައިރަހުގެ ވެކްސިންގެ ކްލިނިކަލް ޓްރަޔަލްގައި އަންނަ ހަފުތާގައި ގާތްގަނޑަކަށް 40،000 މީހުންނަށް ވެކްސިން ދޭން ނިންމާފައިވާ ކަމަށް އެ ގައުމުން ބުނެފި އެވެ.
ރައީސް ލަޑިމިއާ ޕުޓިން މި މަހު ކުރީކޮޅު ވަނީ ރަޝިޔާގެ ވެކްސިނަށް ހުއްދަ ދެއްވައިފަ އެވެ. އަދި ރަޝިޔާ އަކީ ކޮރޯނާވައިރަހަށް ވެކްސިން އުފެއްދި ފުރަތަމަ ގައުމު ކަމަށް ޕުޓިން ވިދާޅުވި އެވެ. ނަމަވެސް ދުނިޔޭގެ ބައެއް ގައުމުތަކުގެ ސައެންސްވެރިންނާއި ދުނިޔޭގެ ސިއްހަތު ޖަމިއްޔާ، ޑަބްލިއުއެޗްއޯ އިން ވަނީ ރަޝިޔާ އިން އުފައްދާ ވެކްސިންއާ މެދު ސަމާލުވުމަށް އަންގައިފަ އެވެ. ސަބަބަކީ ބައެއް ޓްރަޔަލްތައް ފުރިހަމަނުކޮށް ރަޝިޔާ އިން މާއަވަހަށް ވެކްސިން އުފެއްދުމެވެ.
ރަޝިޔާ އިން އުފެއްދި ވެކްސިނަށް ޚަރަދުކުރި ސޮވެރެން ވެލްތު ފަންޑުން ބުނެފައި ވަނީ ސްޕުޓްނިކް-ވީ ވެކްސިންގެ ރައްކާތެރިކަން ބެލުމުގެ މަސައްކަތް އަންނަ ހަފުތާގައި ފަށާނެ ކަމަށެވެ. އެ ޓްރަޔަލްތަކުގައި 40،000 މީހުން ބޭނުންކުރާނެ ކަމަށް ވަނީ ބުނެފަ އެވެ. އަދި އެއީ ވެކްސިންތަކުގައި އާއްމުކޮށް ހަދާ ތިން ވަނަ ފޭހުގެ ޓްރަޔަލްތައް ކަމަށް ވެސް ބުނެފައިވެ އެވެ.
ރަޝިޔާގެ ޑައިރެކްޓް އިންވެސްޓްމަންޓް ފަންޑުގެ ވެރިޔާ ކިރިލް ދިމިތުރިޔޭފް ވިދާޅުވީ 20 އަށް ވުރެ ގިނަ ގައުމުން ބިލިއަނަކަށް ވުރެ ގިނަ ވެކްސިންގެ އޯޑަރު މިހާރު ވެސް ލިބިފައިވާ ކަމަށެވެ. އަދި ރަޝިޔާގައި ގިނަ ބަޔަކަށް ވެކްސިން ދިނުމުގެ ޕްރޮގްރާމް އޮކްޓޯބަރު މަހު ފަށައި ބޭރު ގައުމުތަކަށް ނޮވެމްބަރު ނުވަތަ ޑިސެމްބަރުގައި ވެކްސިން ފޮނުވަން ފަށާނެ ކަމަށް އޭނާ ވިދާޅުވި އެވެ.
ދިމިތުރިޔޭފް ވިދާޅުވީ ރަޝިޔާގެ ވެކްސިންއާ މެދު ޝައްކުތައް އުފައްދަނީ ރަނގަޅަށް މައުލޫމާތު ނޭނގޭތީ ކަމަށާއި މައުލޫމާތު ދިނުމުން އެ ޝައްކުތައް ފިލައިގެންދާނެ ކަމަށެވެ.