ސީއެސްސީއަށް ކުރިމަތިލި 15 މީހެއްގެ ނަން މަޖިލީހަށް ފޮނުވަން ފާސްކޮށްފި
ސީއެސްސީއަށް ކުރިމަތިލި 15 މީހެއްގެ ނަން މަޖިލީހަށް ފޮނުވަން ފާސްކޮށްފި

ސިވިލް ސާވިސް ކޮމިޝަން (ސީއެސްސީ) އިން ހުސްވެފައިވާ ހަތަރު މަގާމަށް ކުރިމަތިލި މީހުންގެ ތެރެއިން، ރައްޔިތުންގެ މަޖިލީހަށް ފޮނުވާނެ 15 މީހެއްގެ ނަން ފާސްކޮށްފި އެވެ.

ސީއެސްސީގެ ހުސްވެފައިވާ މަގާމުތަކަށް 41 މީހަކު ވަނީ ކުރިމަތިލައިފަ އެވެ. އެ ކޮމިޝަނަށް މެމްބަރުން އައްޔަނު ކުރާނީ ކުރިމަތިލާ މީހުންގެ ނަންތައް، ރައްޔިތުންގެ މަޖިލީހުގެ މިނިވަން މުއައްސަސާތަކާ ބެހޭ ކޮމިޓީން ދިރާސާކޮށް މަޖިލީހުގެ ތަޅުމުން ފާސްކޮށްގެންނެވެ.

އެ ކޮމެޓީގެ މުގައްރިރު، އައްޑޫ މީދޫ ދާއިރާގެ މެމްބަރު ރޮޒައިނާ އާދަމް މިރޭ ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ ސީއެސްސީ އަށް ކުރިމަތިލި މީހުންގެ ތެރެއިން، މަޖިލީހުގެ ތަޅުމަށް ފޮނުވަން ފާސްކުރި 15 މީހުން ވެސް އެކަމަށް ގާބިލް ކަމަށެވެ. އަދި ކޮންމެ މީހަކު މަގާމަށް ހޮވުނު ނަމަވެސް، ރަނގަޅު ބަދަލުތަކެއް ފެންނާނެ ކަމަށް ގަބޫލު ކުރެއްވޭ ކަމަށް ވިދާޅުވި އެވެ.

ސީއެސްސީގެ މަގާމުތައް ހުސްވީ، އެ ކޮމިޝަނުގެ ތިން މެމްބަރުން އިސްތިއުފާ ދެއްވައި އެއް މެމްބަރަކު ވަކި ކުރެއްވުމުންނެވެ. ކޮމިޝަންގެ ރައީސް ޑރ. އަލީ ޝަމީމާއި ނައިބު ރައީސް ޝަހީދު މުހައްމަދާއި މެމްބަރު ޒަކަރިއްޔާ ހުސައިން އިސްތިއުފާ ދެއްވީ މަގާމުން ވަކި ކުރެއްވުމަށް ނިންމެވުމުން ހަމަ އެ ދުވަހު އެވެ. އިސްތިއުފާ ނުދެއްވުމުން، މަޖިލިހުން ވަކިކުރީ މެމްބަރު އިބްރާހިމް ޝަހީގު އެވެ.

- މަރްޔަމް މުނާ، މ. ބާރަނާގެ

- މުހައްމަދު ޝަރީފް، ފުސްތުޅާގެ، ގދ. ތިނަދޫ

- އިބްރާހިމް ރަޝީދު. ބްލެކް، ރ. މީދޫ

- މުނާ މުހައްމަދު، ހ. ނޫރާނީފެހި

- އަޖުވަދު އަލީ، ގ. ބްލޫވޭވް

- މުހައްމަދު ފަރުޞަތު، ހ. ޓޫހާޓް

- އާއިޝަތު ޝާހީން، މއ. ވިލާރޮދި

- މުހައްމަދު ނަސީރު، މ. ފުންފިނި

- ފާތިމަތު ޝަރީފް، މާކޯޅި، ގދ. ތިނަދޫ

- އަހްމަދު މޫސާ، ހ. އަމްސާވިލާ

- ފާތިމަތު ރިފާހަތު ރިފްއަތު، ގ. ވެގާ

- އަހްމަދު ނާސިހު، މ. ފަލްކަންގެ

- ރަޝީދާ އަލީ، ގ. ޖަނަވަރީމާގެ

- ޝުހުދާ ރިޟްވާން، ފްލާވާ މީޑް، ސ. މީދޫ

- މަރިޔަމް ޝެނީން، މއ. ފޮސީތިއާ

ވަކިކުރި މެމްބަރުގެ އިތުރުން މި ސަރުކާރުގައި 2018 ގައި އެ ކޮމިޝަނަށް އައްޔަންކުރި މެމްބަރު ފާތިމަތު އާމިރާ ވަކިކުރަން ވެސް މިނިވަން މުއައްސަސާތަކާ ބެހޭ ކޮމިޓީ އަށް ހުށަހެޅި އެވެ. އެކަމަކު އެ ހުށަހެޅުން ފާހެއް ނުވި އެވެ. އެހެންކަމުން ސީއެސްސީގެ މެމްބަރުކަމުގައި މި ވަގުތު ހުންނެވީ އާމިރާ އެކަންޏެވެ.