20 އޯގަސްޓް 2020 - 12:49

ރާއްޖޭގެ އިވެންޓް އިންޑަސްޓްރީގައި އެންމެ ބޮޑު ދެ ކުންފުނިން ކަމަށްވާ "ތިންކް އެޑްވަޓައިޒިން" އާއި "އިވެންޓް މޯލްޑިވްސް" ގުޅިގެން ވާޗުއަލް އިވެންޓް ޕްލެޓްފޯމެއް ތައާރަފު ކޮށްފި އެވެ.

"ނެކްސްޓްއޮން"ގެ ނަމުގައި ތައާރަފު ކުރި މި ޕްލެޓްފޯމަކީ ޒަމާނީ ވަސީލަތްތައް ބޭނުންކޮށްގެން އިވެންޓުތައް ގިނަ ބަޔަކާ ހަމައަށް ފޯރުކޮށްދެވޭނެ ޕްލެޓްފޯމެކެވެ. މި ޕްލެޓްފޯމުގެ ވީޑިއޯ ޕާޓްނާއަކީ "ވީޑިއޯ މޯލްޑިވްސް" އެވެ.

އިވެންޓް މޯލްޑިވްސްގެ މެނޭޖިން ޑިރެކްޓަރު އަހުމަދު މިދުހަތު ވިދާޅުވީ ވާޗުއަލް ޕްލެޓްފޯމެއްގައި އާދައިގެ އިވެންޓެއްގައި ނުކުރެވޭނެ އެތައް ކަމެއް ކުރެވޭނެ ކަމަށެވެ. އަދި މިފަދަ ޕްލެޓްފޯމެއްގެ ސަބަބުން އިވެންޓުތައް ބާއްވަން ބޮޑު ހޯލެއް ހޯދަން ނުޖެހޭނެ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
"މީގެ އެންމެ ބޮޑު ފައިދާއަކީ މިފަދަ އިވެންޓުތައް ބާއްވަން ވަކި ތަނެއް ބޭނުމެއް ނުވޭ، އަދި އޯޑިއަންސް އެއްތަނަކަށް ޖަމާކުރާކަށް ނުޖެހޭ. އަދި އޯޑިއަންސަށް ވަކި ލިމިޓެއް ނެތް. ރިއަލް ޓައިމްގައި އޯޑިއަންސާ އިންޓަރެކްޓް ވެސް ކުރެވޭނެ،" މިދުހަތު ވިދާޅުވި އެވެ.
ތިންކާއި އިވެންޓުން ދެކޭގޮތުގައި މިއީ އިވެންޓުތަކުގެ ކުރިމަގެވެ. އެގޮތުން ޓެކްނޮލޮޖީއާ އެކު ދުނިޔެ އަށް އަންނަ ބަދަލާ އެއްގޮތަށް އެ އިންޑަސްޓްރީ ވެސް ބަދަލުވާން ޖެހޭނެ ކަމަށް އެ ދެ ކުންފުނިން ގަބޫލު ކުރެ އެވެ.
ތިންކުގެ ސީއީއޯ އަދީލް އިސްމާއިލް ވިދާޅުވިގޮތުގައި ނެކްސްޓްއޮން މެދުވެރިކޮށް އެއް އިވެންޓެއްގެ ތެރޭގައި އެތައް ފަހަރަކު ސެޓް ޑިޒައިން ބަދަލު ކުރެވޭނެ އެވެ. މިއީ އާދައިގެ އިވެންޓުތަކުގައި ކުރަން އުނދަގޫ އަދި ވަގުތު ހޭދަވާ ކަމެކެވެ. އެހެންކަމުން ބޮޑެތި އިވެންޓިތައް ވާޗުއަލްކޮށް ބޭއްވުމަކީ ވަގުތު ސަލާމަތްވާނެ ކަމެއް ކަމަށް އަދީލް ވިދާޅުވި އެވެ.
"މި ޕްލެޓްފޯމްގައި އިވެންޓެއްގައި ޑިޒައިން ނުވަތަ ކޮންސެޕްޓަށް ލިމިޓޭޝަނެއް ނޯންނާނެ. އެއް އިވެންޓުގެ ތެރޭގައި އެތައް ފަހަރަކު ޑިޒައިން ނުވަތަ މާހައުލު ބަދަލު ކޮށްލެވޭނެ. އެހެންކަމުން ވިޔަފާރިތަކުން ބޮޑު އޯޑިއަންސަކަށް ކެމްޕޭނެއް ނުވަތަ ޕްރޮޑަކްޓެއް ލޯންޗްކޮށްލަން މި ޕްލެޓްފޯމް ވަރަށް އައިޑިއަލް ވާނެ." އޭނާ ވިދާޅުވި އެވެ.
ވާޗުއަލް އިވެންޓުތަކަކީ މިހާރު ދުނިޔޭގެ އެކި ގައުމުތަކުގައި ބޭނުން ކުރަމުން އަންނަ މަގުބޫލު ޕްލެޓްފޯމެކެވެ. އެގޮތުން ދުނިޔޭގެ ނަން މަޝްހޫރު ބްރޭންޑުތަކުން އެ ކުންފުނިތަކުގެ އުފެއްދުންތައް ތައާރަފު ކުރުމަށާއި ސެމިނާތަކާއި ކޮންފަރެންސްތައް ބާއްވަން މި ޕްލެޓްފޯމު މިހާރު ވެސް ބޭނުން ކުރެ އެވެ.