ލަންކާއާ އެކު އިންޑިއާ އިން "އެއާ ބަބްލް" އެއްބަސްވުމަކަށް
ލަންކާއާ އެކު އިންޑިއާ އިން "އެއާ ބަބްލް" އެއްބަސްވުމަކަށް

ކޮލަމްބޯ (އޮގަސްޓް 20) - ސްރީ ލަންކާއާ އެކު "އެއާ ބަބްލް" އެއްބަސްވުމެއް ހެދުމަށް ހުށަހަޅާފައިވާ ކަމަށް އިންޑިއާގެ ސިވިލް އޭވިއޭޝަން މިނިސްޓަރު ހަރްދީޕް ސިންގް ޕޫރީ ވިދާޅުވެއްޖެ އެވެ.

އިންޑިއާ އިން އަންނަނީ އިތުރު 13 ގައުމަކާ އެކު އެއާ ބަބްލް އެއްބަސްވުމެއް ހެދުމަށް މަޝްވަރާ ކުރަމުންނެވެ. އޭގެ ތެރޭގައި އޮސްޓްރޭލިއާ، ޖަޕާން، ސިންގަޕޫރު ހިމެނެ އެވެ. އެއާ ބަބްލް އެއްބަސްވުމުގެ ދަށުން ދޭދޭ ދެ ގައުމުގެ މެދުގައި ބައެއް ރެސްޓްރިކްޝަންތަކާ އެކު ބައިނަލްއަގުވާމީ ފްލައިޓްތައް އޮޕަރޭޓް ކުރެވޭނެ އެވެ.

ޕޫރީ ވިދާޅުވީ އަވަށްޓެރި ލަންކާގެ އިތުރުން ބަންގްލަދޭޝް، އަފްޣާނިސްތާން، ނޭޕާލް އަދި ބޫޓާނާ އެކު ވެސް އެއާ ބަބްލް އެއްބަސްވުން ހެދުމަށް ހުށަހަޅާފައިވާ ކަމަށެވެ.

ޖުލައި މަހަށް ފަހު އިންޑިއާ އިން ވަނީ އެމެރިކާ، އިނގިރޭސިވިލާތް، ފްރާންސް، ޖަރުމަން، ޔޫއޭއީ، ގަތަރު އަދި ރާއްޖެއާ އެކު އެފަދަ ބަބްލް އެއްބަސްވުންތައް ހަދައިފަ އެވެ. މިހާރު މަޝްވަރާ ކުރަނީ އޮސްޓްރޭލިއާ، އިޓަލީ، ޖަޕާން، ނިއު ޒީލެންޑް، ނައިޖީރިއާ، ބަހުރޭން، އިޒްރޭލް، ކެންޔާ، ފިލިޕީންސް، ރަޝިޔާ، ސިންގަޕޫރު، ސައުތު ކޮރެއާ އަދި ތައިލެންޑާ އެކު އެއްބަސްވުން ހެދުމަށެވެ.

މާޗް 23 އިން ފެށިގެން އިންޑިއާ އިން ވަނީ ބައިނަލްއަގުވާމީ ޝެޑިއުލް ދަތުރުތައް ހުއްޓާލައިފަ އެވެ.