01 ޖޫން 2016 - 15:42

އިދިކޮޅު ސިޔާސީ ލީޑަރުން ލަންޑަނުގައި އުފެއްދި އިއްތިހާދަކީ ސަރުކާރަށް އޮތް ގޮންޖެހުމެއް ނޫން ކަމަށާއި ޑިމޮކްރަސީއެއްގައި ސިޔާސީ އެފަދަ ހަރަކާތްތައް ކުރިއަށް ގެންދާނެ ކަމަށް ފޮރިން މިނިސްޓަރު ދުންޔާ މައުމޫން މިއަދު ވިދާޅުވެއްޖެ އެވެ.

ކުރީގެ ނައިބު ރައީސް ޑރ. މުހަންމަދު ޖަމީލް އިސްވެ ހުންނަވައި، ޔުނައިޓެޑް އޮޕޮޒިޝަންގެ ނަމުގައި މިއަދު އުފެއްދި އިއްތިހާދާ ގުޅޭ ގޮތުން މިނިސްޓަރު ވިދާޅުވީ ވެރިކަން ކުރާ ޕާޓީގެ ވަރުގަދަ ސަރުކާރެއް ގާއިމުވެފައި އޮތް އިރު، އިދިކޮޅު ފަރާތްތަކުން އެއް ބަޔަށް އެރުމަކީ ޑިމޮކްރަސީއެއްގައި ފެންނަ ކަމެއް ކަމަށެެވެ.

"މިއީ ރާއްޖޭގެ ތާރީހުން ވެސް އަދި އެހެން ގައުމުތަކުން ވެސް ފެންނަ ކަންކަން. މިއީ އަޅުގަނޑުމެންނަށް އޮތް ގޮންޖެހުމެއް ނޫން،" ދުންޔާ ވިދާޅުވި އެވެ.
އޭނާ ވިދާޅުވީ އިދިކޮޅު ފަރާތްތަކާ އެކު މަޝްވަރާއަށް ދާން ސަރުކާރުން މީގެ ކުރިން ވެސް ގޮވާލާފައިވާނެ ކަމަށާއި ހިޔާލު ތަފާތުވުންތައް ހައްލު ވެގެން ދާނީ މަޝްވަރާގެ މޭޒުމަތިން ކަމަށެވެ. އެކަމަކު މިހާތަނަށް ފެނިފައިވަނީ މަޝްވަރާތަކުގައި ބައިވެރި ނުވުމުގެ ރޫހު ކަމަށް އޭނާ ވިދާޅުވި އެވެ.
"އަޅުގަނޑުމެންގެ އުއްމީދަކީ އަދިވެސް މަޝްވަރާތަކައިގެން ކުރިއަށް ދިޔުން،" ދުންޔާ ވިދާޅުވި އެވެ.
އޭނާ ވިދާޅުވީ ވަކިވަކިން ނަމަވެސް ސިޔާސީ އިދިކޮޅު ލީޑަރުންނާ މަޝްވަރާ ކުރުމަށް އދ. މެދުވެރިވެގެން ސަރުކާރުން މަސައްކަތްތަކެއް ކުރި ކަމަށާއި އެކަމަށް ކުރިއެރުންތަކެއް ވެސް ލިބުނު ކަމަށެވެ.
އިދިކޮޅު އިއްތިހާދާ ގުޅޭ ގޮތުން މާ ގިނަ ވާހަކަތަކެއް މިނިސްޓަރު ނުދެއްކެވި ނަމަވެސް، އިނގިރޭސި ސަރުކާރުގެ ހިމާޔަތް މިހާރު ހޯއްދަވާފައިވާ ކުރީގެ ރައީސް މުހައްމަދު ނަޝީދު އެ ގަައުމުގައި ހުންނެވި ލީގަލް ސްޓޭޓަަސް އަންގައިދޭން އިނގިރޭސި ސަރުކާރުގައި މިދިޔަ ހަފުތާގައި އެދިފައިވާނެ ކަމަށް ދުންޔާ ވިދާޅުވި އެވެ. އެކަމަކު އަދި އޭގެ ޖަވާބު ނުލިބޭ ކަމަށް މިނިސްޓަރު ވިދާޅުވި އެވެ.