20 އޯގަސްޓް 2020 - 10:31

ޒިއުރިކް (އޮގަސްޓް 20) - ސްވިޒަލެންޑްގެ އެޓާނީ ޖެނެރަލް މައިކަލް ލޯބާއާ ގުޅިގެން ފީފާގެ ރައީސް ޖިއާނީ އިންފަންޓީނޯ ނާޖާއިޒު ފައިދާތަކެއް ނެގި ކަމަށް ބުނެ ސްވިޒަލެންޑްގެ ޕްރޮސެކިއުޓަރުން ބަލަން ފެށި މައްސަލައިގައި، އިންފަންޓީނޯ ކުށްވެރިނުވާ ކަމަށް ފީފާގެ އެތިކްސް ކޮމިޓީން ނިންމައިފި އެވެ.
ލޯބާ އަކީ 2015 ވަނަ އަހަރު ފީފާގެ ކޮރަޕްޝަން މައްސަލައިގެ ތަހުގީގުގައި އިސްކޮށް ހަރަކާތްތެރިވި މީހެކެވެ. ފީފާގެ ކުރީގެ ރައީސް ސެޕް ބްލެޓާ ތުހުމަތު ކުރައްވާ ގޮތުގައި ކޮރަޕްޝަން މައްސަލައެއްގައި އޭނާ ފުޓްބޯޅައިން ސަސްޕެންޑް ކުރުވުމުގެ ފަހަތުގައި ލޯބާ އާއި އިންފަންޓީނޯގެ ނުފޫޒެއް އޮތެވެ. އިންފަންޓީނޯ އާއި ލޯބާ ވަނީ ބައްދަލުވުންތަކެއް ބޭއްވި ކަމަށް އެއްބަސްވެފަ އެވެ. އެކަމަކު އެ ދެ ބޭފުޅުން ވެސް ވަނީ އުސޫލުން ބޭރުން އެއްވެސް ކަމެއް ނުކުރާ ކަމަށް ވިދާޅުވެފަ އެވެ.
އިންފަންޓީނޯގެ މައްސަލަ ނިމެންދެން އޭނާ މަގާމުގެ ޒިންމާ އަދާކުރުމުގައި ދެމި ހުރުމާ މެދު ގޮތެއް ނިންމަން ޖެހިއްޖެނަމަ އެކަން ކުރާނީ ފީފާގެ އެތިކްސް ކޮމިޓީން ކަމަށް އެ އެސޯސިއޭޝަނުން ވަނީ ބުނެފަ އެވެ. އެއަށް ފަހު އެތިކްސް ކޮމިޓީން ކުރިއަށް ގެންދިޔަ ޕްރިލިމިނަރީ ތަހުގީގަށް ފަހު ނިންމާފައިވަނީ އިންފަންޓީނޯ އެ އިދާރާގެ އުސޫލުތަކާ ހިލާފުވެފައިނުވާ ކަމަށެވެ.
ފީފާ އިން ބުނީ ސްވިސް ކޯޓްތަކުން ހިއްސާކުރި ލިޔެކިޔުންތައް ބަލާފައިވާ ކަމަށާއި، ބައެއް ކަންކަން ފީފާގެ ކޯޑް އޮފް އެތިކްސްގެ ތެރެއަށް ނުވެސް ވަންނަ ކަމަށެވެ. އަދި ވަގުތީ ސަސްޕެންޝަނެއް ފަދަ ފިޔަވަޅެއް އެޅުމަށް އެއަކުން ބާރެއް ނުލިބޭ ކަމަށް ވެސް ބުނެފައިވެ އެވެ.
އޮގަސްޓް މަހު އިންފަންޓީނޯ މެމްބަރު އެސޯސިއޭޝަންތަކަށް ފޮނުއްވި ސިޓީއެއްގައި ބުނެފައިވަނީ ލޯބާއާ އެކު ބޭއްވި އެއްވެސް ބައްދަލުވުމަކީ ސިއްރު ބައްދަލުވުމެއް ނޫން ކަމަށާއި ޔަގީނުން ވެސް އެއީ ގަވާއިދާ ހިލާފު ބައްދަލުވުމެއް ނޫން ކަމަށެވެ.
ފީފާގެ ބޮޑެތި ކޮރަޕްޝަން މައްސަލަތަކެއް 2015 ވަނަ އަހަރު ފެންމަތިވެ ހިންގުނު ތަހުގީގުގައި އެ ކަމުގައި ބައިވެރިވި ގިނަ ބަޔަކަށް ވަނީ އަަދަބު ދީފަ އެވެ. އޭގެ ތެރޭގައި އޭރު ފީފާގެ ރައީސް ބްލެޓާގެ އިތުރުން ޔުއެފާގެ ރައީސް މިޝެލް ޕްލެޓިނީ ހިމެނިވަޑައިގަންނަވަ އެވެ. ފީފާގެ ރައީސަކު ހޮވަން ބޭއްވި އިންތިހާބު ކާމިޔާބުކުރައްވައި އިންފަންޓީނޯ މަގާމާ ހަވާލުވީ 2016 ވަނަ އަހަރު އެވެ. މިދިޔަ އަހަރު އިތުރު ދައުރަކަށް އިންތިހާބުވެވަޑައިގަތް އިންފަންޓީނޯ ކުރިން އެންމެ ބޮޑަށް ފާހަގަވީ ޔުއެފާގެ ޖެނެރަލް ސެކްރެޓަރީގެ މަގާމު ފުރުއްވިއިރު އެވެ.