20 އޯގަސްޓް 2020 - 10:07

ބާސެލޯނާ (އޮގަސްޓް 20) - އޭނާގެ އެދުމަކީ ބާސެލޯނާގައި ލިއޮނަލް މެސީ މަޑުކުރުން ކަމަށް އެ ޓީމުގެ ކޯޗުކަމާ ރަސްމީކޮށް އިއްޔެ ހަވާލުވި ނެދަލެންޑްސްގެ ރޮނާލްޑް ކޫމަން ބުނެފި އެވެ.

ކުރިން ބާސެލޯނާ އަށް ކުޅެ އެ ޓީމުގެ އެސިސްޓަންޓް ކޯޗުގެ ގޮތުގައި ވެސް މަސައްކަތްކުރި ކޫމަން އެ ޓީމާ ހަވާލުވީ ދެ އަހަރުގެ އެއްބަސްވުމެއްގެ ދަށުންނެވެ. ކޫމަން ހަވާލުވިއިރު ބާސެލޯނާގެ ހާލަތު އޮތީ އެންމެ ރަނގަޅަކަށް ނޫނެވެ. ބާސެލޯނާ އަށް ގިނަ ބަދަލުތަކެއް ގެންނަން މަޝްވަރާކުރަމުން އަންނަ މި ދަނޑިވަޅުގައި އެންމެ ބޮޑަށް ދެކެވޭ ވާހަކަ އަކީ މެސީ އެ ޓީމު ދޫކޮށްލަން އުޅޭ ވާހަކަ އެވެ.
ބާސެލޯނާއާ އެކު މެސީ ހަދާފައިވާ އެއްބަސްވުން އަންނަ އަހަރު ޖޫން މަހަށް ހަމަވާނެ އެވެ. އަދި މިހާރު އޮތްގޮތުން އަންނަ ޖެނުއަރީ މަހުގެ ކުރިން މެސީ ބާސެލޯނާގެ އެއްބަސްވުން އާ ނުކޮށްފިނަމަ ހިލޭ ޓްރާންސްފާއެއްގައި އެ ޓީމު ދޫކޮށްލަން އެހެން ކްލަބަކާ އެކު ޕްރީ އެގްރިމެންޓެއްގައި ސޮއިކުރުމުގެ އިހުތިޔާރު ލިބިގެންދާނެ އެވެ. ބާސެލޯނާގެ ރައީސް ޖޯސެފް ބާޓޮމެއު ވަނީ މެސީ އެ ޓީމުގައި މަޑުކުރާނެ ކަމަށް ވިދާޅުވެފަ އެވެ. އެ ވާހަކަތަކަށް އިޝާރާތްކޮށް ކޫމަން ބުނީ އޭނާގެ އުއްމީދަކީ ގިނަ އަހަރުތަކެއް މެސީއާ އެކު ބާސެލޯނާގައި މަސައްކަތްކުރުން ކަމަށެވެ.
"ބާސެލޯނާއާ އެކު މެސީގެ ކޮންޓްރެކްޓްގައި އެއް އަހަރު އެބައޮތް. މެސީ އަކީ ބާސެލޯނާގެ ހިއްސާއެއް. އޭނާ އަކީ ދުނިޔޭގެ އެންމެ މޮޅު ކުޅުންތެރިޔާ. ކޮންމެ މީހަކު ވެސް ބޭނުންވާނީ އެންމެ މޮޅު ކުޅުންތެރިޔާ އަމިއްލަ ޓީމުގައި ބަހައްޓަން. އިދިކޮޅު ޓީމުގައި ހުންނާކަށް ނޫން،" ކޫމަން ބުންޏެވެ.
"ކޯޗެއްގެ ހައިސިއްޔަތުން މެސީއާ އެކު މަސައްކަތްކުރަން ވަރަށް ބޭނުން. އެއީ އޭނަ އަމިއްލަ އަށް ވެސް މެޗުތަކުގެ ނަތީޖާ އެބަނެރޭ. އަހަރެން އޭނައާ ވާހަކަ ދައްކާނަން. އަހަރެންގެ އުއްމީދަކީ ގިނަ އަހަރުތަކެއް ވަންދެން އޭނައާ އެކު މަސައްކަތްކުރުން."
ކޫމަން އަކީ މި އަހަރު ތެރޭ ބާސެލޯނާއާ ހަވާލުވި ތިން ވަނަ ކޯޗެވެ. ސްޕެނިޝް ސުޕަ ކަޕްގެ ނާކާމިޔާބީއާ ގުޅިގެން ޖެނުއަރީ މަހު އާނެސްޓޯ ވަލްވޭޑޭ އަށް ބާސެލޯނާގެ ކޯޗުކަން ގެއްލުނެވެ. އޭނާގެ ބަދަލުގައި އެ ޓީމަށް ގެނައި ކޯޗު ކީކޭ ސެޓިއެން އަށް ސްޕެނިޝް ލީގު ކާމިޔާބުނުކުރެވުނުއިރު، ޗެމްޕިއަންސް ލީގުން ކެޓީ ލަދުވެތި ގޮތަކަށް 8-2 އިން ބަޔާން މިއުނިކް އަތުން ބަލިވެގެންނެވެ. ބާރަ އަހަރަށް ފަހު ހުސްއަތާ ސީޒަން ނިންމާލަން ޖެހުމުން ބާސެލޯނާ އިން ނިންމީ ސެޓިއެން ވަކިކޮށް ކޫމަން ގެންނާށެވެ. ކޫމަން ހުރީ އަލުން ބާސެލޯނާ އެންމެ ކުރިއަށް ގެންދިއުމުގެ އަމާޒުގަ އެވެ.
"މި ޓީމާ ހަވާލުވުމަކީ އަހަރެންގެ ހުވަފެނެއް ހަގީގަތަކަށް ވުން. އަހަރެމެން ބޭނުންވަނީ ރަނގަޅު ނަތީޖާއެއް ނެރެ ބާސެލޯނާ އަސްލު އޮންނަން ޖެހޭ މަގާމަށް ގެންދިއުން،" ކޫމަން ބުންޏެވެ.
ބާސެލޯނާ އިން އެ ޓީމުގައި ތިބި ދުވަސްވީ ކުޅުންތެރިން ކަމަށްވާ ލުއިސް ސުއަރޭޒާއި ޖެރާޑް ޕީކޭ އަދި ސާޖިއޯ ބުސްކެޓްސް ފަދަ ކުޅުންތެރިން ވިއްކާލަން އުޅޭކަމަށް ދެކެވޭ ވާހަކައާ ގުޅޭގޮތުން ކޫމަން ބުނީ އުމުރުން ދޮށިވުމަކީ މައްސަލައެއް ނޫން ކަމަށާއި އޭނާގެ މަސައްކަތުގައި ބައިވެރިވާން އެދޭ ކުޅުންތެރިއެއްނަމަ މަސައްކަތްކުރާނަަމަ ފުރުސަތު ދޭނެ ކަމަށެވެ.
ކޫމަން ކޯޗިން ކެރިއަރު ފެށީ 1997 ވަނަ އަހަރު ނެދަލެންޑްސް އެސިސްޓަންޓް ކޯޗެއްގެ ގޮތުގަ އެވެ. އޭނާ ކޯޗިންގައި ފުރަތަމަ މަސައްކަތްކުރި ކްލަބަކީ ބާސެލޯނާ އެވެ. އެ ޓީމުގެ އެސިސްޓަންޓެއްގެ ގޮތުގައި ދެ އަހަރު ހޭދަކޮށް ފުރަތަމަ ހެޑް ކޯޗެއްގެ ގޮތުގައި ހަވާލުވީ 2000 ވަނަ އަހަރު ނެދަލެންޑްސްގެ ވިޓެސޭއާ އެވެ. ފަހުން އޭނަ ކޯޗުކޮށްދިން ޓީމުތަކަކީ އަޔަކްސް، ބެންފީކާ، ޕީއެސްވީ، ވެލެންސިއާ، އޭޒެޑް އަކްމާރް، ފޭނޫޑް، ސައުތެމްޓަން އަދި އެވަޓަން އެވެ. ބާސެލޯނާއާ ހަވާލުވުމުގެ ކުރިން ހުރީ ނެދަލެންޑްސް ގައުމީ ޓީމުގެ ހެޑް ކޯޗުގެ މަގާމުގަ އެވެ.