20 އޯގަސްޓް 2020 - 08:24

ލިސްބަން (އޮގަސްޓް 20) – ފްރާންސްގެ އޮލިމްޕިކް ލިޔޯން 3-0 އިން ބަލިކޮށް ޖަރުމަނުގެ ބަޔާން މިއުނިކް ޔުއެފާ ޗެމްޕިއަންސް ލީގުގެ ފައިނަލުގެ ފަހު ޖާގަ ރޭ ހޯދައިފި އެވެ.
އެންމެ ފަހުން ކުޅުނު ހަތަރު ސެމީން ވެސް ބަލިވި ބަޔާން ރެކޯޑް ބަދަލުކޮށް ފައިނަލުން ފުރުސަތު ހޯދީ ޑޮމިނޭޓްޓިން ފުޓްބޯޅައެއް ކުޅުމަށް ފަހު އެވެ. އަންނަ އާދީއްތަ ދުވަހުގެރޭ ކުޅޭ ފައިނަލުގައި، މުބާރާތް ފަސް ފަހަރު ކާމިޔާބުކޮށްފައިވާ ބަޔާން ބައްދަލުކުރާނީ މުޅިން އަލަށް ފައިނަލުން ޖާގަ ހޯދި ފްރާންސްގެ ޕީއެސްޖީއާ އެވެ.
މިއީ ބަޔާން މުބާރާތުގެ ފައިނަލުން ޖާގަ ހޯދި 11 ވަނަ ފަހަރެވެ. އެއާ އެކު އެ ޓީމުން ވަނީ ދެ ވަނަ އަށް އެންމެ ގިނަ ފައިނަލް ކުޅެފައިވާ އޭސީ މިލާނުގެ އަދަދާ ހަމަކޮށްފަ އެވެ. އެންމެ ގިނަ ފައިނަލް ކުޅުމުގެ ރެކޯޑް އޮތީ 16 ފައިނަލް ކުޅުނު ރެއާލް މެޑްރިޑުގެ އަތުގަ އެވެ.
މި މޮޅާ އެކު ބަޔާން މިވަނީ އެ ޓީމުން 2013 ވަނަ އަހަރު އަދި ރެއާލް މެޑްރިޑް 2015 ވަނަ އަހަރު ޖެހިޖެހިގެން 10 މެޗުން މޮޅުވެ ހެދި މުބާރާތުގެ ރެކޯޑާ ހަމަހަމަކޮށްފަ އެވެ. ފައިނަލުން މޮޅުވެއްޖެ ނަމަ އެ ޓީމަށް އަނެއްކާ ވެސް ރެކޯޑް އަމިއްލަ ކުރެވޭނެ އެވެ.
މި މެޗުގެ ފުރަތަމަ 15 މިނެޓުގެ ތެރެ ލިޔޯނަށް ރަނގަޅު ދެ ފުރުސަތު ލިބި ބޭކާރުވި އެވެ. ނަތީޖާއަކަށްވީ ބަޔާނުން ފުރުސަތުގެ ބޭނުން ހިފައި ލީޑު ނެގުމެވެ. އެ ޓީމުގެ ފުރަތަމަ ދެ ގޯލް 18 ވަނަ މިނެޓާއި 33 ވަނަ މިނެޓުގައި ޖެހީ ސާޖް ގެނެބްރީ އެވެ. މީގެ ތެރެއިން ފުރަތަމަ ގޯލަކީ އަރިމަތިން އަރައި ލިޔޯންގެ ތިން ކުޅުންތެރިން ކައިރިން ނައްޓާލައި ގޯލަށް ޝޫޓްކޮށްލައިގެން ކާމިޔާބުކުރި ހިތްގައިމު ގޯލެކެވެ.
ބަޔާން ދެ ގޯލުގެ ލީޑެއްގައި މެޗު ނިންމަން ދަނިކޮށް، ލީޑު ފުރިހަމަކޮށްދިނީ 88 ވަނަ މިނެޓުގައި ރޮބަޓް ލެވޮންޑޮސްކީ އެވެ. މިއީ މި ސީޒަނުގެ މުބާރާތުގައި އޭނާ ޖެހި 15 ވަނަ ގޯލެވެ.
ބަޔާނުގެ ކޯޗު ހަންސީ ފްލިކް ބުނީ މެޗު އުނދަގޫވާނެކަން ކުރިން ވެސް އެނގޭ ކަމަށާއި ލިޔޯނުން އައީ މެންޗެސްޓާ ސިޓީ އާއި ޔުވެންޓަސް، މޮޅު ކުޅުމަކުން ބަލިކޮށްފައި ކަމަށެވެ.
"އެ ޓީމު ޓެކްޓިކަލީ ވަރުގަދަ އަދި މެޗުގެ ކުރީކޮޅު އަހަރެމެންނަށް ދަތި ކުރި. އަހަރެމެންނަށް އެނގޭ އަހަރެމެން ރަނގަޅަށް ޑިފެންޑްކުރަން ޖެހޭނެކަން. މެޗުގެ ކުރިން އަހަރެމެން ބުނިން ފަސޭހައިން ބޯޅަ ދީގެން ފަރުޖެއްސޭކަށް ނޯންނާނެޔޭ. އެކަމަކު އެކަން ވެސް ވި،" ފްލިކް ބުންޏެވެ.