ކޮވިޑް ޖެހޭ މީހުން އެންމެ ގިނަ ހަ ގްރޫޕް
ކޮވިޑް ޖެހޭ މީހުން އެންމެ ގިނަ ހަ ގްރޫޕް

ރާއްޖޭގައި ކޮވިޑް-19 ޖެހޭ މީހުންގެ ތެރޭގައި އެންމެ ގިނައީ ވަޒީފާއެއް ނެތި އުޅޭ މީހުންކަން، ހެލްތު ޕްރޮޓެކްޝަން އެޖެންސީން ރޭ ހާމަކުރި ތަފާސްހިސާބުން އެނގިއްޖެ އެވެ.

ކޮވިޑް ޖެހޭ މީހުން އެންމެ ގިނަ ހަ ގްރޫޕް
ކޮވިޑް ޖެހޭ މީހުން އެންމެ ގިނަ ހަ ގްރޫޕް

ހެލްތު އިމަޖެންސީ އޮޕަރޭޝަން ސެންޓަރުގެ ނިއުސް ކޮންފަރެންސްގައި އެޗްޕީއޭގެ އެޕިޑީމިއޮލޮޖިސްޓް ޑރ. އިބްރާހީމް އަފްޒަލް ވިދާޅުވި ގޮތުގައި އޭގެ ތެރެއިން ވެސް ބޮޑު ބަޔަކީ މަސައްކަތެއް ނެތިފައި ތިބި ޒުވާނުންނެވެ.

އޭގެ ލަފާކުރެވޭ ސަބަބެއްގެ ގޮތުގައި ޑރ. އަފްޒަލް ވިދާޅުވީ އެފަދަ ޒުވާނުން މަސައްކަތެއް ހޯދަން ބޭރުގައި އުޅުމާއި ގޭގައި ހުސްކޮށް ހުންނާތީ ބާޒާރުކުރަން އެ މީހުންނާ ހަވާލުކުރުމާއި ކެފޭ/ ރެސްޓޯރެންޓް ފަދަ ތަންތަނަށް އެ މީހުން ގިނައިން ދިޔުމުގެ ފުރުސަތު ބޮޑުވުމެވެ.

"އެހެންވީމާ އެ ފަރާތްތަކުން ވެސް ވިސްނަން ޖެހޭ އެބަ، ވަޒީފާއެއް ނެތި ހުންނަ ފުރުސަތުގައި ވެސް ގިނަ ވަގުތު ހަމަ ގޭގައޭ ހުންނަންވީ އިނގޭތޯ؟ ވަޒީފާ ހޯދުމަށްޓަކައި ކުރާ މަސައްކަތެއް ކޮންމެހެން ވެސް ކުރާނެތާ! އެހެން ނަމަވެސް އެ ނޫން ކަންކަމުގައި ބޭރަށް ނުކުމެ ނޫޅުއްވާށޭ ޒަރޫރީ ބޭނުމެއްގައި ނޫނިއްޔާ،" ޑރ. އަފްޒަލް އިރުޝާދު ދެއްވި އެވެ.

ފްރަންޓްލައިންގައި މަސައްކަތްކުރާ މީހުން ވެސް، މަސައްކަތެއް ނުކުރާ މީހުންނާ ދާދި އެއް އަދަދަކަށް ބައްޔަށް ވަނީ ޕޮޒިޓިވްވެފަ އެވެ. އެކަމަކު ޑރ. އަފްޒަލް ވިދާޅުވީ އެއީ ފްރަންޓްލައިންގެ ޖުމްލަ މަސައްކަތްތެރިންގެ ނިސްބަތުން ބަލާ އިރު މަދު ބައެއް ކަމަށެވެ.

"ފްރަންޓްލައިން މީހުންނަކީ ގައުމަށް ކޮންމެހެން ބޭނުންވާ ޒަރޫރީ ހިދުމަތެއް ފޯރުކޮށްދޭ ބަޔަކަށް ވާތީ އެ މީހުންނަށް މަސައްކަތަށް ނުނިކުމެއެއް ވެސް ނުތިބެވޭނެ،" އޭނާ ވިދާޅުވި އެވެ.

މި ދެ ގްރޫޕު ފިޔަވައި ދެން އެންމެ ގިނައިން ކޮވިޑަށް ޕޮޒިޓިވްވެފައިވަނީ ލޭބަރުންނެވެ. އެއާ ޖެހިގެން، ސްކޫލްތަކާއި ކޮލެޖުތަކާއި އަމިއްލަ ކުންފުނިތަކާއި ފިހާރަތަކުގެ މީހުންނެވެ.

1. މަސައްކަތެއް ނުކުރާ 576 މީހުން

2. ފްރަންޓްލައިންގައި މަސައްކަތްކުރާ 570 މީހުން

3. ލޭބަރުން - 414 މީހުން

4. ސްކޫލް/ކޮލެޖު - 392 މީހުން

5. އަމިއްލަ ކުންފުނި/ ވިޔަފާރިތައް - 369 މީހުން

6. ފިހާރަތައް - 341 މީހުން

މި ގްރޫޕުތަކަށް ވުރެ ކޭސްތައް މަދު ތަންތަނުގެ ތެރޭގައި ކާބޯތަކެތީގެ ހިދުމަތް ދޭ ތަންތަނާއި ސަރުކާރުގެ އޮފީސްތައް ހިމެނެ އެވެ.

އެކި ބާވަތްތަކުގެ މަސައްކަތް ކުރާ މީހުންގެ ތެރޭގައި ހަފްތާތަކުން ކޭސްތައް އިތުރުވާ ނިސްބަތަށް ބަލާ އިރު ބަލިމަޑުކަމުގެ ފުރަތަމަކޮޅު އެންމެ ބޮޑަށް ކޭސްތައް އިތުރުވީ، ޑރ. އަފްޒަލް ވިދާޅުވި ގޮތުގައި، ލޭބަރުންގެ ތެރޭގަ އެވެ. އެކަމަކު ފަހުން އެ އިތުރުވުން ބޮޑީ މަސައްކަތެއް ނުކުރާ މީހުންނާއި ސްކޫލްތަކާއި ކޮލެޖުތަކާއި އަމިއްލަ ކުންފުނިތަކާއި ފްރަންޓްލައިންގެ މީހުންގެ ތެރޭގަ އެވެ.

ރާއްޖެ އިން ފެނުނު ކޮވިޑް ބަލިމީހުންގެ އަދަދު 6،000 އިން މައްޗަށް ގޮސްފައިވާ އިރު މި ވަގުތު މާލޭގައި ހަލުވިކަމާ އެކު އެ ބަލި ދަނީ ފެތުރެމުންނެވެ. އަދި ބަލީގެ ނުރައްކާ ބޮޑު އާބާދީގެ ތެރޭގައި ކޮވިޑް ފެތުރުން އިތުރުވެ، މިހާތަނަށް 24 މީހަކު މަރުވެއްޖެ އެވެ.