20 އޯގަސްޓް 2020 - 11:41

ނިއު ދިއްލީ (އޮގަސްޓް 20) - އިންޑިއާގެ އާބާދީގެ ކޮންމެ ހަތަރު މީހެއްގެ ތެރޭން އެކަކަށް ކޮވިޑް-19 ޖެހިފައިވާ ކަމަށް ލަފާކުރެވޭ ކަމަށް އެ ގައުމުގެ މަޝްހޫރު އަމިއްލަ ލެބެއް ކަމަށްވާ ތައިރޯކެއާ އިން ބުނެފި އެވެ.
މިއީ އިންޑިއާ ސަރުކާރުން ހާމަކުރާ އަދަދުތަކަށް ވުރެ މާ މަތީ އެސްޓިމޭޓެކެވެ. ތައިރޯކެއާގެ ވެރިޔާ ޑރ. އޭ. ވެލުމަނި ވިދާޅުވީ އޭނާގެ ލެބުން ހެދި 270،000 އެންޓިބޮޑީ ޓެސްޓް އެނަލައިޒް ކުރުމުން އެނގިފައި ވަނީ އެވްރެޖްކޮށް 26 ޕަސެންޓް މީހުންގެ ހަށިގަނޑުގައި އެންޓިބޮޑީސް ހުރި ކަމަށެވެ. މާނައަކީ އެ މީހުންނަށް ވަނީ ކުރިން ކޮރޯނާވައިރަސް ޖެހިފައި ކަމަށެވެ.
"މިއީ އުއްމީދުކުރި ވަރަށް ވުރެ މާ މަތީ ޕަސެންޓޭޖެއް. އެންޓިބޮޑީސް ލެވެލް ހުރިހާ އުމުރެއްގެ މީހުންގެ ހަށިގަނޑުން ވެސް ފެނިފައިވޭ،" ރޮއިޓާސް އަށް އޭނާ ވިދާޅުވި އެވެ.
ރަސްމީ އަދަދުތަކުން އެނގޭ ގޮތުގައި އާބާދީގައި 1.3 ބިލިއަން މީހުން ހިމެނޭ އިންޑިއާގައި ޕޮޒިޓިވް މީހުންގެ އަދަދަކީ 2,837,749 އެވެ. މިއީ އިންޑިއާގެ އާބާދީގެ ކޮންމެ މިލިއަނަކަށް 2،052 މީހުންނެވެ. އެ ގައުމުން މަރުވެފައި ވަނީ 54,004 މީހުންނެވެ. މިއީ އާބާދީގެ ކޮންމެ މިލިއަނަކަށް 39 މީހުންނެވެ. ބަލި ޖެހުނު މީހުންގެ ތެރޭން 2,097,331 މީހުން ރަނގަޅުވި އިރު އިންޑިއާގެ އެކްޓިވް ކޭސްގެ އަދަދަކީ 686,414 އެވެ.
އިއްޔެ އެކަނިވެސް އިންޑިއާ އިން ވަނީ ރެކޯޑް އަދަދެއް ކަމަށްވާ 69,652 މީހުން ޕޮޒިޓިވްވެފަ އެވެ. އިއްޔެ މަރުވެފައި ވަނީ 997 މީހުންނެވެ.
އިންޑިއާ އިން މިހާތަނަށް ވަނީ 32,661,252 ޓެސްޓްކޮށްފަ އެވެ. މިއީ އާބާދީގެ ކޮންމެ މިލިއަނަކަށް 23,636 ޓެސްޓެވެ.