19 އޯގަސްޓް 2020 - 13:56

ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް)ގެ "އަހަރެންގެ ބޭންކް ކޮމިއުނިޓީ ފަންޑު"ގެ ދަށުން ޕްރޮޖެކްޓުތައް ހިންގަން ޕްރޮޕޯސަލް ހުށަހެޅުމުގެ ފުރުސަތު ހުޅުވާލައިފި އެވެ.
ކޮމިއުނިޓީ ފަންޑަކީ އަމިއްލަ ފަރުދުންނާއި ހިލޭސާބަހަށް މަސައްކަތްކުރާ ޖަމިއްޔާތަކުން ރަށްރަށުގައި ހިންގަން ބޭނުންވާ ޕްރޮޖެކްޓްތަކަށް މާލީ އެހީތެރިކަން ފޯރުކޮށްދިނުމަށް އެހީވާ ފަންޑެކެވެ. ހުށަހޅުންތަކުގެ ތެރެއިން ހޮވޭ ކޮންމެ ޕްރޮޕޯސަލެއްގައި ހިމެނޭ ޕްރޮޖެކްޓެއް ހިންގުމަށް އެ ފަންޑުން 50،000ރ. ދިނުމަށް ވަނީ ހަމަޖެހިފަ އެވެ.
މިއަހަރު ޕްރޮޕޯސަލްތައް ހުށަހަޅަން ބީއެމްއެލުން ވަނީ ތިން ފިޔަވައްސަކަށް ބަހާލައިފަ އެވެ. ފުރަތަމަ ފިޔަވަހީގައި ހުށަހެޅި ޕްރޮޕޯސަލްތަކުން ފަސް ޕްރޮޖެކްޓަކަށް ކޮމިއުނިޓީ ފަންޑުން އެހީވެފައިވާއިރު އަލުން ހުޅުވާލި ފުރުސަތުގައި ވެސް ފަސް ޕްރޮޕޯސަލަކަށް އެހީވާނެ އެވެ. އަދި ތިންވަނަ ފިޔަވަހީގައި ހުށަހަޅާ ޕްރޮޕޯސަލްތަކުގެ ތެރެއިން 10 ޕްރޮޖެކްޓެއް ހިންގަން އެހީވާނެ ކަމަށް ބީއެމްއެލުން ބުންޏެވެ.
ދެވަނަ ފިޔަވަހީގެ ޕްރޮޕޯސަލްތައް ބީއެމްއެލްގެ އީމެއިލް[email protected]މެދުވެރިކޮށް، އަންނަ މަހުގެ ނުވައެއްގެ ކުރިން ހުށަހަޅަން ޖެހޭނެ އެވެ.
ބީއެމްއެލްގެ ޕަބްލިކް ރިލޭޝަންސް މެނޭޖަރު މުހައްމަދު ސައީދު ވިދާޅުވީ ކޮވިޑް-19 އާ ގުޅިގެން ޕްރޮޖެކްޓުތައް ހިންގަން ދަތިވި ނަމަވެސް ބޭންކާއި މުޖުތަމައުގެ ގުޅުން ބަދަހިކުރުމަށް އެ ބޭންކުން މަސައްކަތް ކުރާނެ ކަމަށެވެ. އަދި މިދިޔަ އަހަރެކޭ އެއްގޮތަށް މިއަހަރު ވެސް ކޮމިއުނިޓީ ފަންޑުން 20 ރަށެއްގައި ހިންގާ ޕްރޮޖެކްޓުތަކަށް އެހީވާނެ ކަމަށް އޭނާ ވިދާޅުވި އެވެ.
"އަޅުގަނޑުމެންގެ އަމާޒަކީ މިދިޔަ އަހަރެކޭ އެއްގޮތަށް މިއަހަރު ވެސް، މުޖުތަމައަށް ފައިދާކުރާނެ ވިހި ޕްރޮޖެކްޓަކަށް މި ފަންޑުގެ ދަށުން އެހީތެރިކަންފޯރުކޮށްދިނުން. މިހާލަތުގައި ވެސް ރަށްރަށުގައި މި ޕްރޮޖެކްޓްތައް ކުރިއަށް ގެންދިޔުމަށް އާންމު ފަރުދުންނާއި ޖަމިއްޔާތަކުން ކުރައްވަމުން ގެންދަވާ މަސައްކަތް ފާހަގަކޮށް އެ ފަރާތްތަކަށް ޝުކުރު ދަންނަވަން،" ސައީދު ވިދާޅުވި އެވެ.
ކޮމިއުނިޓީ ފަންޑުގެ ދަށުން މިހާތަނަށް 25 ރަށެއްގައި، މުޖުތަމައަށް ފައިދާކުރާ ޕްރޮޖެކްޓްތައް ހިންގާފައިވާއިރު އަމިއްލަ ފަރާތްތަކުން ހުށަހަޅާ ޕްރޮޕޯސަލްތަކަކީ ހިލޭސާބަހަށް ކުރާ މަސައްކަތްތާއި، ތައުލީމާއި، ކުޅިވަރު ހަރަކާތްތަކުގެ އިތުރުން ތިމާވެށި ހިމާޔަތްކުރުން ފަދަ ކަންކަމަށް އަމާޒުކޮށްގެން ހުށަހެޅޭ ޕްރޮޕޯސަލްތަކަށް ވާން ޖެހޭނެ އެވެ.