ޗައިނާ ކުންފުނީގެ ވެކްސިން އަހަރުގެ ފަހުކޮޅު ލިބޭނެ
ޗައިނާ ކުންފުނީގެ ވެކްސިން އަހަރުގެ ފަހުކޮޅު ލިބޭނެ

ބެއިޖިން (އޮގަސްޓް 19) - ޗައިނާގެ ނޭޝަނަލް ފާމަޝޫޓިކަލް ގްރޫޕް (ސިނޯފާމް) އިން އުފައްދާ ކޮރޯނާވައިރަހުގެ ވެކްސިން މި އަހަރުގެ ފަހުކޮޅު އާއްމުންނަށް ލިބޭނެ ކަމަށް އޮފިޝަލުން ބުނެފި އެވެ.

ކުންފުނީގެ ޗެއާމަން ލިއު ޖިންގްޒެންއާ ހަވާލާދީ މީޑިއާތަކުން ބުނެފައި ވަނީ ސިނޯފާމްގެ ވެކްސިންގެ ދެ ޝޮޓުގެ އަގަކީ 1،000 ޔޫއާން (144.27 ޑޮލަރު) ކަމަށެވެ. ސިނޯފާމްގެ ވެކްސިންގެ ތިން ވަނަ ސްޓޭޖް މިހާރު ވަނީ ޔުނައިޓެޑް އަރަބް އެމިރޭޓްސް (ޔޫއޭއީ) ގައި ފަށައިފަ އެވެ.

"ޗައިނާ ކުންފުނީގެ ވެކްސިން އެހާ އަގުބޮޑެއް ނުވާނެ. ވެކްސިންގެ ދެ ޝޮޓް 1،000 ޔުއާންއަށް ވުރެ ބޮޑެއް ނުވާނެ،" ގުއާންގްމިން ޑެއިލީ ނޫހަށް ލިއު ވިދާޅުވި އެވެ.

އެމެރިކާގެ މޮޑާނާ އިން މި މަހު ބުނެފައި ވަނީ އެ ކުންފުނީގެ ވެކްސިންގެ ޑޯޒެއްގެ އަގު އުޅޭނީ 32-37 ޑޮލަރާ ދެމެދު ކަމަށެވެ. އެމެރިކާ ސަރުކާރުން މިދިޔަ މަހު ވަނީ، ފައިޒާ އާއި ބަޔޯޓެކް އިން އުފައްދާ ވެކްސިންގެ ޑޯޒެއް 40 ޑޮލަރުގެ ރޭޓުން ގަންނަން އެއްބަސްވެފަ އެވެ.

ދުނިޔޭގެ އެކި ހިސާބުތަކުން މިހާރު ދަނީ ކޮރޯނާވައިރަހަށް 200 އަށް ވުރެ ގިނަ ވެކްސިން އުފެއްދުމުގެ މަސައްކަތް ކުރަމުންނެވެ. މި ގޮތުން ރަޝިޔާގައި އުފެއްދި ވެކްސިން ބޭނުން ކުރުމުގެ ހުއްދަ މިދިޔަ ހަފުތާގައި ދިނުމާ އެކު އެ ވެކްސިން އުފައްދަން މިހާރު ވަނީ ފަށައިފަ އެވެ.