19 އޯގަސްޓް 2020 - 11:59

ވ. ތިނަދޫގައި ހޯމް ކަރަންޓީނުގައި ތިބި ދެ މީހަކު ދޫކޮށްލުމުގެ ކުރިން ކޮވިޑް-19 އަށް ހެދި ޓެސްޓް ޕޮޒިޓިވް ވެފައިވާ ކަމަށް އެޗްޕީއޭ އިން ބުނެފި އެވެ.
އެޗްޕީއޭ އިން ބުނީ ޕޮޒިޓިވް ވީ އުމުރުން 36 އަހަރުގެ އަންހެނަކާއި ފިރިހެނެއް ކަމަށެވެ.
ކޮވިޑް-19 އިން ރައްކާތެރިވާން އެޅި ފިޔަވަޅުތަކަށް ލުއިދޭން ފެށުމުން މި ބައްޔަށް ޕޮޒިޓިވްވާ މީހުންގެ އަދަދު ވަނީ އިތުރު ވާން ފަށައިފަ އެވެ. ރާއްޖޭގެ އެތައް ރަށަކުން ވެސް ކޮވިޑްގެ ކޭސްތައް ފެނިފައިވާއިރު މިހާރު ގިނައިން މި ބަލި ޖެހެނީ ދިވެހިންނަށެވެ.
އެޗްޕީއޭ އިން އިއްޔެ ބުނި ގޮތުގައި އިތުރު 170 މީހަކަށް ކޮވިޑް ޖެހި މިހާތަނަށް ރާއްޖޭން މި ބަލި ޖެހުނު މީހުންގެ އަދަދު ވަނީ 6،079 އަށް އަރައިފަ އެވެ.
މާލޭގެ އިތުރުން 17 ރަށެއްގަ އާއި އައްޑޫގެ ދެ އަވަށެއްގައި ކޮވިޑް ޖެހިފައި ތިބި މީހުން މިވަގުތު އެބަތިބި ކަމަށާއި އޭގެ ތެރޭގައި 13 ރިސޯޓެއް ހިމެނޭ ކަމަށް ވެސް އެޗްޕީއޭ އިން ބުންޏެވެ.
ރާއްޖޭން ކޮވިޑް ޖެހުނު މީހުންގެ ތެރެއިން މިހާތަނަށް 3,648 މީހަކު ރަނގަޅު އަދި 24 މީހަކު މަރުވެފައިވެ އެވެ. އެހެންވެ މިވަގުތު އެކްޓިވް ކޭސްތަކުގެ އަދަދަކީ 2,407 އެވެ.