20 އޯގަސްޓް 2020 - 08:24

ވަރުން ދަވަނާ އެކު ހަދަން އުޅުނު ކޮމެޑީ ފިލްމު "މިސްޓަ ލޭލޭ" ގެ މަސައްކަތް ހުއްޓުމަކީ މި ވަގުތަށް ބަލާއިރު ބޮޑު ނަސީބެއް ކަމަށާއި އެހެން ނޫން ނަމަ ފިލްމަށްވި ތައްޔާރީތައް ފެނަށް ދިޔައީސް ކަމަށް ޑައިރެކްޓަރު ޝިޝާންކް ކައިތާން ބުނެފި އެވެ
ކަރަން ޖޯހަރުގެ ދަރުމާ އިން އުފައްދާ އެ ފިލްމު މި އަހަރުގެ ޖެނުއަރީ މަހުގެ 13 ގައި ރަސްމީކޮށް އިއުލާންކުރީ އަންނަ އަހަރުގެ ޖެނުއަރީ 1 ގައި ސިނަމާތަކަށް ގެންނަ ގޮތަށެވެ. ނަމަވެސް ޝޫޓިން ފަށަން ތައްޔާރުވަމުން ދަނިކޮށް "މިސްޓަ ލޭލޭ" ގެ މަސައްކަތް ޝިޝާންކް ވަނީ ހުއްޓާލައިފަ އެވެ.
އޭނާ ވަނީ ކުރިން ވެސް ވަރުންއާ އެކު ވަރަށް ކާމިޔާބު ދެ ފިލްމެއް ގެނެސްދީފަ އެވެ. އެއީ 2014 ގެ "ހަމްޓީ ޝަރުމާ ކީ ދުލްހަނިޔާ" އާއި 2017 ގެ "ބަދުރީނާތު ކީ ދުލްހަނިޔާ" އެވެ. ޝިޝާންކް އެންމެ ފަހުން ޑައިރެކްޓްކުރި ފިލްމަކީ 2018 ގައި ޖާންވީ ކަޕޫރް ތައާރަފުކުރި ފިލްމު "ދަޅަކް" އެވެ.
"މިސްޓަ ލޭލޭ" އަކީ ވަރުންއާ އެކު ޝިޝާންކް ހަދަން ނިންމި ފިލްމުތަކުގެ ތެރެއިން މަސައްކަތް ހުއްޓުނު ދެވަނަ ފިލްމެވެ. އޭގެ ކުރިން އެ ދެ މީހުން އެކީގައި މަސައްކަތްކުރަން އުޅުނު "ރަންބޫމީ" އަކީ ވެސް މަޑުޖައްސާލާފައި އޮތް ފިލްމެކެވެ.
މިޑް-ޑޭ އަށް ދިން އިންޓަވިއުއެއްގައި ޝިޝާންކް ބުނީ ކުރިން ނިންމައިގެން ތިބީ މާޗް މަހުގެ 13 ގައި "މިސްޓަ ލޭލޭ" ގެ ޝޫޓިން ފަށަން ކަމަށެވެ. އެކަމަކު އެ މަހަކީ ކޮވިޑް-19އާ ހެދި އިންޑިއާގެ ފިލްމީ މަސައްކަތްތައް ހުއްޓުމަކަށް ގެންނަން ޖެހުނު މަސް ވެސް މެ އެވެ.
"އަހަރެމެން އޭރު ފިލްމު ޝޫޓިން ފެށި ނަމަ ފިލްމަށް ދުރާލައި ވި އެތައް ތައްޔާރީތަކެއް ބޭކާރުވީސް. އަދި މާލީ ގޮތުން ވެސް އެތައް ގެއްލުންތަކެއްވީސް އެހެންވެ ހަގީގަތުގައި ޝޫޓިން އޭރު ނުފެށުމަކީ ނަސީބެއް،" ޝިޝާންކް ބުންޏެވެ.
އޭނާ ބުނީ "މިސްޓަ ލޭލޭ" މަޑުޖައްސައިލަން ނިންމީ ކަރަންގެ ވެސް ލަފާގެ މަތިން ކަމަށާއި އެ މީހުން އޭރު ނިންމި ނިންމުމާ ދޭތެރޭ މިހާރު އުފާކުރާ ކަމަށެވެ. ޝިޝާންކް ބުނިގޮތުގައި ފިލްމު މާޗްގެ މެދުތެރޭގައި ޝޫޓިން ފަށަން އޮތްވައި އެކަން މަޑުޖައްސަން މެދުވެރިވި މައިގަނޑު އެއް ސަބަބަކީ މުމްބާއީގައި ޝޫޓްކުރަން ހުރަސްތަކެއް ކުރިމަތިވުމާއި ކާސްޓްގައި ހިމެނޭ ބައެއްގެ ތަރިންގެ ތާރީހުތައް ވެސް ތާށިވުމެވެ.
"އެހެންވެ އަހަންނާއި ކަރަން އާއި ވަރުން ވެސް އެއްބަސްވުމަކަށް އައިސް ފިލްމުގެ މަސައްކަތް ނުފަށަން ނިންމީ." ކަލާޒްގެ ޑާންސް ޝޯ "ޑާންސް ދީވާނޭ" ގެ ޖަޖެއްގެ ގޮތުގައ ވެސް ފެންނަ ޝިޝާންކް ބުންޏެވެ.
އޭނާ ބުނީ "މިސްޓަ ލޭލޭ" ކުރިން ތާވަލުކުރި ތާރީހުގައި ބެލުންތެރިންނަށް ނުގެނެސްދެވުނަސް ކައިރި މުސްތަގުބަލެއްގައި ފިލްމު ގެނެސްދޭނެ ކަމަށެވެ.
ރިޕޯޓްތައް ބުނާގޮތުން އެ ފިލްމުގައި ވަރުންއާ އެކު ބަތަލާއިންގެ ރޯލުން ފެނިގެންދާނީ ބޫމީ ޕިޑްނޭކަރާއި ޖާންވީ ކަޕޫރެވެ. ޖާންވީ އަށް ފިލްމު ލިބުނީ ކުރިން ކާސްޓަށް ނެގި ކިއާރާ އަދުވާނީ އެހެން ޕްރޮޖެކްޓްތަކެއްގައި ބިޒީވެގެން "މިސްޓަ ލޭލޭ" އަށް އޭރު ވަގުތު ދެވެން ނެތުމުން ކަމަށްވެ އެވެ.
ވަރުން އާއި ކިއާރާ މިހާރު އަންނަނީ ކަރަން ޕްރޮޑިއުސްކުރާ އެހެން ފިލްމަކަށް ތައްޔާރުވަމުންނެވެ. އެއީ މިދިޔަ އަހަރު "ގުޑް ނިއުޒް" ގެނެސްދިން ރާޖް މެހެތާގެ ދެވަނަ ފިލްމެވެ. ނަން އަދި އިއުލާންނުކުރާ މި ފިލްމުގެ ކާސްޓްގައި އަނިލް ކަޕޫރާއި ނީޓޫ ވެސް ހިމެނޭ ކަމަށްވެ އެވެ. އަދި ފިލްމުގެ ޝޫޓިން އޮކްޓޯބަރު ނުވަތަ ނޮވެމްބަރުގައި ފަށާނެ އެވެ.