އެމްބާޕޭ ބޭނުންވަނީ ފައިނަލުގައި ލިޔޯނާ ދެކޮޅަށް ކުޅެން
އެމްބާޕޭ ބޭނުންވަނީ ފައިނަލުގައި ލިޔޯނާ ދެކޮޅަށް ކުޅެން

ލިޒްބަން (އޮގަސްޓް 19) - އޭނާ ބޭނުންވަނީ ޗެމްޕިއަންސް ލީގުގެ ފައިނަލުގައި ލިޔޯނާ ދެކޮޅަށް ކުޅެން ކަމަށް މުބާރާތުގެ ފައިނަލުގެ ފުރަތަމަ ޖާގަ ހޯދާފައިވާ ޕީއެސްޖީގެ ފޯވާޑް ކީލިއަން އެމްބާޕޭ ބުނެފި އެވެ.

ފުރަަތަމަ ސެމީގައި ރޭ ޖަރުމަނުގެ އާރްބީ ލައިޕްޒިގު 3-0 އިން ބަލިކޮށް ޕީއެސްޖީ ވަނީ އެ ކްލަބްގެ ތާރީހުގައި ފުރަތަމަ ފަހަރަށް ޗެމްޕިއަންސް ލީގުގެ ފައިނަލުން ފުރުސަތު ހޯދައިފަ އެވެ. އަންނަ އާދިއްތަ ދުވަހު ކުޅޭ ފައިނަލުގައި ޕީއެސްޖީ ކުޅެން ޖެހޭނީ މިރޭ ދެ ވަނަ ސެމީގައި ޖަރުމަނުގެ ޗެމްޕިއަން ބަޔާން މިއުނިކާއި ފްރާންސްގެ ލިޔޯން ކުޅެގެން މޮޅުވާ ޓީމަކާ ދެކޮޅަށެވެ.

"އަހަރެން ބޭނުމީ ލިޔޯން މޮޅުވާން. އެއީ ފްރާންސް ޓީމެއް ވީމަ. ބަޔާނާ ދެކޮޅަށް ކުޅެން ޖެހިއްޖެނަމަ އެ ވާނެ ވަރަށް އުނދަގޫ މެޗަކަށް. އެކަމަކު ލިޔޯން ފައިނަލަށް ގެންދަން އަހަރެން ބޭނުމީ ފްރާންސަށް ނިސްބަތްވާ ދެ ޓީމެއް ފައިނަލުން ފެންނަން އެދޭތީ،" ފައިނަލުގައި ކުޅެން ބޭނުމީ ކޮން ޓީމަކާތޯ ނޫސްވެރިއަކު ސުވާލުކުރުން ރޭގެ މެޗަށް ފަހު އެމްބާޕޭ ބުންޏެވެ.

ޕީއެސްޖީ އާއި ލިޔޯން ވަނީ ދާދި ފަހުން ފްރެންޗް ލީގު ކަޕް ފައިނަލުގައި ކުޅެފަ އެވެ. ޕީއެސްޖީ އެ މެޗުން މޮޅުވީ ޕެނަލްޓީ ޖަހައިގެންނެވެ. ފްރެންޗް ކަޕް ފައިނަލުގައި ސެއިން އެޓިއެންއާ ދެކޮޅަށް ކުޅުނު މެޗުގައި އަނިޔާވުމުގެ ސަބަބުން ލީގު ކަޕް ފައިނަލުގައި ލިޔޯނާ ދެކޮޅަށް އެމްބާޕޭ ނުކުޅެ އެވެ. އެމްބާޕޭ ބުނީ އަނިޔާވި ވަގުތު ޗެމްޕިއަންސް ލީގުގައި ނުކުޅެވިދާނެ ކަމުގެ ބިރު އޮތް ކަމަށެވެ.

"ހަގީގަތަށް ބުނަންޏާ އެ ވަގުތު އަހަންނަށް ހީވި ޗެމްޕިއަންސް ލީގަށް ފިޓްނުވާނެއޭ. އެކަމަކު ވަރަށް ހިތްވަރުކޮށްގެން އަލުން އެނބުރި މި އާދެވުނީ. އަދިވެސް އެއްކޮށް ފިޓެއް ނޫން،" އެމްބާޕޭ ބުންޏެވެ.

ކުއާޓާ ފައިނަލުގައި އެޓަލަންޓާ އަތުން ޕީއެސްޖީން ފަހަތުން އަރައި މޮޅުވި މެޗުގައި އެމްބާޕޭ ކުޅުނީ ބަދަލު ކުޅުންތެރިއެއްގެ ގޮތުގަ އެވެ. ރޭގެ މެޗުގައި އޭނާ ވަނީ ފުރަތަމަ އެގާރައިގައި ހިމެނިގެން ރަނގަޅު ކުޅުމެއް ދައްކައިފަ އެެވެ.

ޗެމްޕިއަންސް ލީގުގެ ފައިނަލުގައި އެންމެ ފަހުން ފްރާންސް ޓީމެއް ކުޅުނީ 2004 ވަނަ އަހަރު އެވެ. އެ ފަހަރު މޮނާކޯ ވަނީ ފައިނަލުގައި ހޯސޭ މޮރީނިއޯ ކޯޗުކޮށްދިން ޕޯޓޯ އަތުން ބަލިވެފަ އެވެ. ޗެމްޕިއަންސް ލީގުގެ ނަމަށް މުބާރާތް ބަދަލުކޮށްގެން ކުޅެން ފެށި ފަހުން މިހާތަނަށް ފްރާންސް ޓީމަކަށް މި މުބާރާތް ކާމިޔާބު ކުރެވިފައިނުވެ އެވެ. މި މުބާރާތް ޔޫރަޕިއަން ކަޕްގެ ނަމުގައި ކުރިއަށްދިޔައި ވެސް ތަށި އުފުލާލެވުނީ ފްރާންސްގެ އެންމެ ޓީމަކަށެވެ. އެއީ 1993 ވަނަ އަހަރު މާސޭ އަށެވެ.