19 އޯގަސްޓް 2020 - 08:35

ލިޒްބަން (އޮގަސްޓް 19) – ޖަރުމަނުގެ އާރްބީ ލީޕްޒިގް 3-0 އިން ބަލިކޮށް ފްރާންސްގެ ޕީއެސްޖީން ފުރަތަމަ ފަހަރަށް ޔުއެފާ ޗެމްޕިއަންސް ލީގުގެ ފައިނަލުން ފުރުސަތު ހޯދައިފި އެވެ.
އަންނަ އާދީއްތަ ދުވަހުގެރޭ ކުޅޭ ފައިނަލުގައި ޕީއެސްޖީ ބައްދަލުކުރާނީ ސެމީ ފައިނަލުގެ ދެ ވަނަ މެޗުގައި މިރޭ ޖަރުމަނުގެ ބަޔާން މިއުނިކާއި ފްރާންސްގެ އޮލިމްޕިކް ލިޔޯން ކުޅެ މޮޅުވާ ޓީމަކާ އެވެ.
ޕީއެސްޖީން ޑޮމިނޭޓްކުރި މި މެޗުގެ 13 ވަނަ މިނެޓުގައި އެ ޓީމަށް ފުރަތަމަ ގޯލް ޖަހައިދިނީ އެންހެލް ޑި މަރިއާ ތަނަވަސްކޮށްދިން ފުރުސަތަކުން މާކީނިއޯސް އެވެ. އަދި ދެ ވަނަ ގޯލް 42 ވަނަ މިނެޓުގައި ޖެހީ ނޭމާ ދިން ބޯޅައަކުން ޑި މަރިއާ އެވެ. އެ ޓީމުގެ ތިން ވަނަ ގޯލް ދެ ވަނަ ކުރީގެ ކޮޅު، 56 ވަނަ މިނެޓުގައި ޖެހީ ޑި މަރިއާ ހޯދައިދިން ފުރުސަތަކުން ހުއާން ބާނާޓެވެ.
ގަތަރުގެ ގަތަރު ސްޕޯޓްސް އިންވެސްޓްމަންޓުން 2011 ވަނަ އަހަރު ޕީއެސްޖީ ގަނެ ބޮޑު ހަރަދުކޮށް ފްރާންސްގައި ބޮޑެތި ކާމިޔާބީތަކެއް ހޯދަމުން އައި ނަމަވެސް ޔޫރަޕުގައި އެކަށޭނެ ކާމިޔާބެއް ނުހޯދެ އެވެ. އެކަމަކު މި ފަހަރު މިއޮތީ އެކަން ބަދަލުކުރަން ފުރުސަތު ލިބިފަ އެވެ.
މި ސީޒަނުގައި ޕީއެސްޖީގެ ކާމިޔާބީގައި އެންމެ މުހިއްމު ދައުރެއް އަދާކުރާ އެއް ކުޅުންތެރިޔަކީ ޕީއެސްޖީން 222 މިލިއަން ޔޫރޯ އަށް 2017 ވަނަ އަހަރު ގަތް ނޭމާ އެވެ. ފުރަތަމަ ދެ އަހަރު އަނިޔާގެ ސަބަބުން ފޯމް ގެއްލި އޭނާ އެނބުރި ބާސެލޯނާ އަށް ގޮސްދާނެ ކަމަށް ވެސް އޮތީ ބެލެވިފަ އެވެ.
ޕީއެސްޖީގެ ކޯޗު ތޯމަސް ޓުޝެލް ބުނީ އެޓޭކްތަކުގެ އިތުރުން އޭނާގެ ޓީމުން ޑިފެންސް ކުރި ގޮތަކީ އޭނާ އަށް އެންމެ ފާހަގަކުރެވުނު އެއް ކަންތައް ކަމަށެވެ.
"އަހަރެމެން މާބޮޑު ޓެކްޓިކަލް ބަދަލުތަކެއް ނުގެންނަން. ރަނގަޅު ވާހަކައެއް އިދިކޮޅު ޓީމުތަކުގެ ކުޅުމަށް އަހަރެމެން ބަދަލުތަކެއް ވެސް ގެނައިން. އެކަމަކު މާބޮޑަކަށް ނޫން،" ޓުޝެލް ބުންޏެވެ.
ލީޕްޒީގްގެ ޒުވާން ކޯޗު ހޫލިއަން ނާގަލްސްމަން ބުނީ ފައިނަލުގެ ޖާގައެއް ޕީއެސްޖީ އަށް ހައްގު ކަމަށެވެ. އަދި މެޗުގެ ކުރީކޮޅު ލީޕްޒީގުން ރަނގަޅަށް ކުޅުނު ނަމަވެސް ޕީއެސްޖީގެ ދެ ވަނަ ގޯލަށް ފަހު މެޗުގެ ތެރެއަށް އައުމަށް އުނދަގޫތަކެއްވި ކަމަށް އޭނާ ބުންޏެވެ.