25 އޮކްޓޯބަރ 2016 - 14:32

ވޮލީބޯލް އެސޯސިއޭޝަނުގެ ކޯޗާސް ކޮމިޝަނުގެ ޗެއާމަނަކަށް އަހުމަދު އަދީލް (ބޭބެ) އަދި ރެފްރީޒް ކޮމިޝަނުގެ ޗެއާމަނަކަށް އަހުމަދު ނަޝީދު (ތުއްތުކޯ) އިންތިހާބުކޮށްފި އެވެ.
ރޭ ބޭއްވި ވޮލީބޯލް އެސޯސިއޭޝަނުގެ އެކްސްޓްރާ އޯޑިނަރީ ކޮންގްރެސްގައި އެ ދެ މަގާމަށް ބޭބެ އާއި ތުއްތުކޯ އިންތިހާބުވުމާ އެކު ވަނީ އެސޯސިއޭޝަނުގެ އެގްޒެކެޓިވް ކޮމިޓީން ފުރުސަތު ލިބިފަ އެވެ.
ކޯޗާސް ކޮމިޝަނުގެ ޗެއާމަންގެ މަގާމަށް ބޭބެ އިންތިހާބުވީ އިބްރާހިމް ޝިހާމާ ވާދަކޮށް 17-10 ވޯޓުންނެވެ. ރެފްރީޒް ކޮމިޝަނުގެ ރައީސްގެ މަގާމަށް ތުއްތުކޯ އެކަނި ވާދަކުރެއްވި އިރު އޭނާ ހޮވަން ފެންނަ ކަމަށް 32 ވޯޓް ލިބުނެވެ. ނުފެންނަ ކަމަށް އެކަކު ވަނީ ވޯޓްލައިފަ އެވެ. ރާއްޖޭގެ އެންމެ ސީނިއާ ރެފްރީ ތުއްތުކޯ އަކީ، ރެފްރީޒް ކޮމިޝަން އުފެދުނީއްސުރެ މެމްބަރެކެވެ.
ކޯޗާސް ކޮމިޝަނުގެ ހަ މެމްބަރުންނަށް ހޮވުނީ ފަތުހުﷲ ވަހީދު (ފައްލޯ) އާއި އަބްދުﷲ ސަލާމާއި ނިޒާރު އިބްރާހިމާއި އަހުމަދު މިހާދާއި އައިމިނަތު ޒީނާ އަދި މުމްތާޒް އަލީ އެވެ.
ރެފްރީޒް ކޮމިޝަނަށް ހޮވުނީ މުހައްމަދު ހަމީދާއި ސޮފްވާން އަހުމަދާއި އިސްމާއިލް ރަޝީދާއި ހައްވާ އަބްދުލްމަޖީދާއި މުހައްމަދު އަނީސް އަދި އާއިދާ އަބްދުލްހަކީމެވެ.
ބީޗް ވޮލީބޯޅަ ކޮމިޝަނަށް ރޭ ވަނީ ހުސެއިން ނައީމާއި އަހުމަދު އިބްރާހީމް އިންތިހާބުކޮށްފަ އެވެ. މި މަހުގެ 1 ވަނަ ދުވަހުގެރޭ ބޭއްވި އިންތިހާބުގައި އެ ކޮމިޝަނަށޤ އިންތިހާބުކޮށްފައިވަނީ ހާލިދު މުހައްމަދާއި މައުމޫރް މުހައްމަދާއި އިސްމާއިލް ޝަރީފް އަދި އިސްމާއިލް އަބްދުﷲ އެވެ. މި ކޮމިޓީއަށް އިތުރު ތިން މެމްބަރުން އައްޔަންކުރާއިރު ޖުމްލަ ނުވަ މެމްބަރުން ހަމަވުމުން ޗެއާމަނެއް ކަނޑައަޅައި ޗެއާމަނަށް އެކްސްކޯ އިން ފުރުސަތު ލިބޭނެ އެވެ.
ރޭގެ ބައި އިލެކްޝަނުގައި އަތޮޅުތަކުގައި ތިބި ރެފްރީންނަށް ވޯޓްލުމުގެ ފުރުސަތު ނުދޭ ކަމަށް ބުނެ ބައެއް ރެފްރީން ވަނީ ހިތްހަމަނުޖެހުން ފާޅުކޮށްފަ އެވެ. އެސޯސިއޭޝަނުން ބުނީ އިންތިހާބު އޮންނަ ތާރީހު ކުރިން އިއުލާންކޮށްފައިވާ ކަމަށާއި އެ ތާރީހުގައި އިންތިހާބީ ހޯލަށް ހާޒިރުވި ރެފްރީންނަށް ވޯޓްލުމުގެ ފުރުސަތު އޮތް ކަމަށެވެ. އަދި ޕްރޮކްސީގައި ވޯޓްލުމުގެ ފުރުސަތު ނުދިނީ ޕްރޮކްސީ ވެރިފައި ކުރެވޭނެ ގޮތެއް ނެތުމުން އެކަމުން މައްސަލަތަކެއް ނުކުމެދާނެތީ ކަމަށެވެ. މީގެ ކުރިން ވީއޭއެމް އިން އަތޮޅުތަކުގައި ތިބި ރެފްރީންނަށް އަތޮޅު ޔޫތު ސެންޓަރު މެދުވެރިކޮށް މާލެއެކޭ އެއް ވަގުތެއްގައި ވޯޓްލެވޭނެ އިންތިޒާމު ވަނީ ހަމަޖައްސައިފަ އެވެ.