18 އޯގަސްޓް 2020 - 14:05

ކޮވިޑް-19 ޖެހުނު އުމުރުން 41 އަހަރުގެ ދިވެހި އަންހެނަކު މިއަދު މަރުވެއްޖެ އެވެ.
ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން ބުނީ، އައިޖީއެމްއެޗުގައި ފަރުވާ ދެމުންދަނިކޮށް އެ މީހާ މަރުވީ ހެނދުނު 9:30 ހާއިރު ކަމަށެވެ.
މިއީ ކޮވިޑް-19 ޖެހިގެން ދިވެހިންގެ ތެރެއިން މިހާތަަނަށް މަރުވި އެންމެ ޒުވާން މީހާ އެވެ. އެ މީހާ އަކީ، ސިއްހީ އެހެން މައްސަލަތާ ހެދި ދާއިމީކޮށް ބޭސްކުރާ މީހެކެވެ.
މިއާއެކު ކޮވިޑުގައި ރާއްޖެއިން މަރުވި މީހުންގެ އަދަދު ވަނީ 24 އަށް އަރައިފަ އެވެ. މި މަހުގެ ތެރޭގައި ވެސް އަށް މީހަކު މަރުވެފައި ވެ އެވެ.
ކޮވިޑްގައި ރާއްޖޭން މިހާތަނަށް މަރުވެފައިވަނީ 18 ދިވެހިންނާއި ހަ ބިދޭސީއެކެވެ. ބިދޭސީންގެ ތެރޭގައި ހިމެނެނީ ބަންގްލަދޭޝްގެ ފަސް މީހުންނާއި ފިލިޕީންސް މީހެކެވެ.
ކޮވިޑް ޖެހިގެން ރާއްޖެއިން މީގެ ކުރިން މަރުވި އެންމެ ހަގު ދިވެއްސަކީ 42 އަހަރުގެ ފިރިހެނެކެވެ. އޭނާ މަރުވީ ދަރުމަވަންތަ ހޮސްޕިޓަލްގެ ޑީއެޗް11 ގައި އެޑްމިޓްކޮށްގެން ފަރުވާ ދެމުންދަނިކޮށެވެ. ދެން ގިނައިން މަރުވެފައިވަނީ އުމުރުން ދުވަސްވީ މީހުންނެވެ.
ރާއްޖެ އިން މިހާތަނަށް 5،909 މީހުންނަށް ކޮވިޑު ޖެހިފައިވާއިރު އެ ބަލީގައި 3،488 މީހުން ރަނގަޅުވެފައި ވެ އެވެ. އެހެންވެ މިވަގުތު ފަރުވާ ހޯދަމުން އަންނަނީ 2،397 މީހުންނަށެވެ.