ވެންޓިލޭޓަރުތައް ގެންނަން ދުބާއީ ކުންފުންޏާ ހަވާލުކުރީ އެއަށްވުރެ ހެޔޮ އަގެއް ހުށަހަޅާފައިވަނިކޮށް: އޭޑީކޭ
ވެންޓިލޭޓަރުތައް ގެންނަން ދުބާއީ ކުންފުންޏާ ހަވާލުކުރީ އެއަށްވުރެ ހެޔޮ އަގެއް ހުށަހަޅާފައިވަނިކޮށް: އޭޑީކޭ

ދުބާއީގެ އެގްޒެކިއުޓާސް ޖެނެރަލް ޓްރޭޑިން އަށް ޑްރެގާ ބްރޭންޑުގެ ވެންޓިލޭޓަރުތައް ގެންނަން ހަވާލުކުރީ، އެ އަށް ވުރެ ހެޔޮ އަގެއްގައި އެ އެއްޗެހި ގެނެސްދޭނެ ކަމަށް ބުނެފައިވަނިކޮށް ކަމަށް، ޑްރެގާގެ ރާއްޖޭގެ ޑިސްޓްރިބިއުޓަރު އޭޑީކޭ ޓްރޭޑް އެންޑް ޝިޕިން އިން މިއަދު ބުނެފި އެވެ.

ކޮވިޑް-19 ގައި ހާލު ބޮޑުވާ މީހުންނަށް ފަރުވާ ދިނުމަށް ބޭނުންވާ ވެންޓިލޭޓަރުތައް ގަތުމުގައި ދުބާއީގެ ކުންފުނިން 75 ވެންޓިލޭޓަރުގެ ގެންނަން ހަވާލުކުރުމުގައި މަކަރާއި ހީލަތް ހިމެނޭކަން އޮޑިޓް ރިޕޯޓުން ވަނީ ހާމަވެފަ އެވެ. އެ ކުންފުންޏާ މަސައްކަތް ހަވާލުކުރީ، ވެންޓިލޭޓަރެއް 32،500 ޑޮލަރުގެ ރޭޓުން 34 މިލިއަން ރުފިޔާ އަށް ކަމަށް ވާއިރު އަގުގެ 90 ޕަސެންޓަށްވާ 30.9 މިލިއަން ރުފިޔާ ސަރުކާރުން ވަނީ ދައްކައިފަ އެވެ. ނަމަވެސް މިހާތަނަށް ލިބިފައިވަނީ 11 ވެންޓިލޭޓަރެވެ. އެއީ ވެސް ގެންނަން ހަވާލުކުރި ފެންވަރުގެ ތަކެއްޗެއް ނޫނެވެ. އެހެންވެ، އެ ވެންޓިލޭޓަރުތައް ބޭނުމެއް ވެސް ނުކުރެ އެވެ.

އޭޑީކޭ ޓްރޭޑިން އިން ނެރުނު ބަޔާނެއްގައި ބުނީ ކޮވިޑްގެ ކަންކަން ކުރުމަށް ރައީސް އޮފީހުން އެކުލަވައިލި އެގްޒެކެޓިވް ސްޓީރިއަން ކޮމިޓީގެ މެމްބަރަކު، ނުރަސްމީކޮށް މާޗު 15 ގައި އެ ކުންފުނީގެ އިސް ވެރިއެއްގެ ފަރާތުން ޑްރެގާ ވެންޓިލޭޓަރު ފޯރުކޮށްދެވޭނެ އަގު އޮޅުން ފިލުއްވި ކަމަށެވެ. ނަމަވެެސް އެއީ ކޮން ބޭފުޅެއް ކަމެއް ހާމަކޮށްފައެއް ނުވެ އެވެ.

ހެލްތު މިނިސްޓްރީގެ ބިޑް ކޮމިޓީ އާއި އެ މިނިސްޓްރީގެ ފައިނޭންޝަލް އެގްޒެކެޓިވްސް އަދި ވެންޓިލޭޓަރުތައް ގެނައުމާ ގުޅޭ އެއްބަސްވުންތަކުގައި ސޮއިކުރެއްވި ވެރިން ވަނީ އިއްޔެ ސަސްޕެންޑުކޮށްފަ އެވެ. އޭގެ ތެރޭގައި ސްޓޭޓް މިނިސްޓަރު ޑރ. ޝާހު މާހިރާއި ބިޑް ކޮމިޓީގެ ރައީސް، ހެލްތު މިނިސްޓްރީގެ ޑެޕިއުޓީ މިނިސްޓަރު ނިޝާމާ މުހައްމަދު ހިމެނިވަޑައިގަންނަވަ އެވެ.

އޭޑީކޭ އިން ބުނީ އަގުގެ މައުލޫމާތު ސާފުކުރުމުން، ޑްރެގާ ވެންޓިލޭޓަރަކީ ދުނިޔޭގެ ލީޑިން އަދި އެ ވަގުތު ވަރަށް ޑިމާންޑު ބޮޑު ބްރޭންޑަކަށް ވުމުން އެ ސަޕްލައި ކުރުމުގައި "ޕްރޮޑަކްޝަން ބޮޓްލްނެކް" ތަކެއް ހުރިކަން ޑްރެގާގެ މައި ކުންފުނިން އޭޑީކޭ އަށް އަންގާފައިވާތީވެ، އަވަސް މުއްދަތެއްގެ ތެރޭގައި ސަޕްލައިކޮށް ދެވޭނެތޯ ބުނަން އެނގޭނީ ޑްރެގާގެ މައި ކުންފުނިން ސްޕެސިފިކޭޝަން ވެރިފައި ކުރުމަށް ފަހުގައި ކަމަށް ބުނެފައިވާނެ ކަމަށެވެ.

ޔޫރަޕިއަން ސްޓޭންޑުތަކަށް ފެތޭ، ކޮވިޑްގެ ހާލަތަށް އެކަށޭނެ ސީއީ ސެޓިފިކޭޝަންގެ ދެ ބްރޭންޑެއްގެ ވެންޓިލޭޓަރު 5،500 ޑޮލަރާއި 6،200 ޑޮލަރާ ދެމެދުގެ އަގެއްގައި ހަތަރު ހަފުތާގެ ތެރޭގައި ސަޕްލައިކޮށްދެވިދާނެ ކަމަށް އަންގައި، އެގްޒެކެޓިވް ސްޓީރިއަން ކޮމިޓީގެ މެމްބަރާ އެކަން ހިއްސާކޮށްފައިވާ ކަމަށް އޭޑީކޭ ޓްރޭޑިން އިން ބުނެ އެވެ. ނަމަވެސް އޭގެ ފަހުން ރަސްމީކޮށް އަދި ނުރަސްމީކޮށް ވެސް އެއްވެސް މައުލޫމާތެއް އެއްވެސް ފަރާތަކުން ސާފުކޮށްފައިނުވާ ކަމަށް އޭޑީކޭގެ ބަޔާނުގައި ބުންޏެވެ.

"މި ކުންފުންޏަކީ ޑްރެގާގެ އޮތޮރައިޒްޑް ޑިސްޓްރިބިއުޓަރުކަން އެނގޭ ހިނދު، އަދި ކަންޓްރީ ޑިސްޓްރިބިއުޓާ ހުއްޓައި ޑިސްޓްރިބިއުޓާ ބައިޕާސްކުރުމަށް ފަހު މިފަދަ ލައިފްސޭވިން ތަކެތި ތިން ވަނަ ފަރާތެއްގެ އަތުން ހޯދުމަކީ އިންޓަނޭޝަނަލް ބެސްޓް ޕްރެކްޓިސްއާ ހިލާފު ކަމެއްކަމަށް ވީހިނދު، ޑަބްލިއުއެޗްއޯ އިން ބުނެގެން ކަމަށް ބުނެ ދުބާއީގެ ކުންފުންޏަކުން ނުލާހިކު ބޮޑު އަގުގައި 32،500 ޑޮލަރަށް ވެންޓިލޭޓަރެއްގެ މަގުން 75 ޑްރެގާ ވެންޓިލޭޓަރު ގަތުމަށް 90 ޕަސެންޓް އެޑްވާންސަށް ފައިސާ ފޯރުކޮށްދީގައިވާކަން އެނގެން އެބަ އޮތެވެ،" އޭޑީކޭގެ ބަޔާނުގައި ވެ އެވެ.

އޭޑީކޭ ޓްރޭޑުން ބުނީ އެ ކުންފުންޏާ ކުރިން ކުރި މުއާމަލާތްތަކުގައި ޑްރެގާ އޮކްސިލޮގް ވެންޓިލޭޓަރެއް 15،000 ޑޮލަރަށް (231،300ރ.) އަދި ހައި އެންޑް އައިސީޔޫ އެންޑް އެންބިއުލޭޓަރީ ވެންޓިލޭޓަރެއް 20،500 ޑޮލަރަށް (316،110ރ.) ލިބިދާނެ ކަމަށް އަގު ދީފައިވާނެ ކަމަށެވެ.

ބަޔާނުގައި އޮތް ގޮތުން އޭޑީކޭ ޓްރޭޑުން ވަނީ ރާއްޖޭގެ އެންމެ ބޮޑު އަމިއްލަ ދެ ހޮސްޕިޓަލާއި ސަރުކާރުގެ ހޮސްޕިޓަލްތަކަށް ވެސް ގިނަ އަދަދެއްގެ ޑްރެގާ ވެންޓިލޭޓަރާއި އެނެސްތީޝިއާ މެޝިން ސަޕްލައިކޮށްދީފައި ކަމަށެވެ. އަދި ކޮވިޑް-19 ގެ ޓެސްޓުތައް ހަދަން ބޭނުންވާ ޕީސީއާރު މެޝިނާއި ޕީޕީއީ ވެސް މެދުނުކެނޑި ފޯރުކޮށްދެމުން އަންނަ ކަމަށް ބަޔާނުގައި ބުނެ އެވެ.

އޭޑީކޭ ޓްރޭޑުން ބުނީ ރާއްޖޭގައި ކޮވިޑްގެ ނުރައްކާ ފެތުރިފައިވާ މި ނާޒުކު ވަގުތުގައި ވެންޓިލޭޓަރާއި ޕީޕީއީ ގަތުމަށް ކަމަށް ބުނެ ހެލްތު މިނިސްޓްރީން މުއާމަލާތްތައް ހިންގާފައިވާ ގޮތުން ރައްޔިތުންނަށް ހައްގުވާ އެންމެ ފުރިހަމަ ސިއްހީ ވަސީލަތްތަކުން މަހުރޫމްކޮށް ބަޔަކު ނާޖައިޒް މަންފާ ނަގާފައިވާ ކަމަށެވެ. އެހެންކަމުން ދައުލަތުގެ އިދާރާތަކުން ސީރިއަސް މައްސަލައެއްގެ ގޮތުގައި އެކަން ބަލާނެ ކަމަށް އުއްމީދުކުރާ ކަމަށް ވެސް، އޭޑީކޭ ޓްރޭޑިންއިން ބުންޏެވެ.

ގުދަނުގައި 75 ވެންޓިލޭޓަރު ހުރި ކަމަށް ބުނެ އެގްޒެކިއުޓާސް އިން އެއްބަސްވީ ދެ ހަފުތާ ތެރޭގައި އެ ތަކެތި ފޯރުކޮށްދޭށެވެ. އެކަމަކު އެއްބަސްވުމުގައި ސޮއިކުރިތާ ހަތަރު މަސް ވި އިރު ވެސް ވެންޓިލޭޓަރުތައް ހެލްތު މިނިސްޓްރީއާ ހަވާލެއް ނުކުރެވުނެވެ. އަދި ބިޑް ކޮމިޓީން ގަތުމަށް ނިންމި ވެންޓިލޭޓަރުތަކާއި އެއްބަސްވުމުގައި ހިމަނާފައިވާ ބްރޭންޑް ތަފާތު ކަމަށް އޮޑިޓުގައިވެ އެވެ.

އެގްޒެކިއުޓާސް އިން ސަޕްލައިކުރަން ހުށަހަޅާފައިވާ ޕޯޓަބަލް ވެންޓިލޭޓަރުތަކަކީ ވެއިންމަން ކިޔާ ބްރޭންޑެކެވެ. އެކަމަކު ސަޕްލައިކުރަން ހުށަހަޅާފައިވާ އައިސީޔޫ ވެންޓިލޭޓަރަކީ ޑްރެގާ ބްރޭންޑުގެ ތަކެއްޗެވެ.