18 އޯގަސްޓް 2020 - 14:06

ހެލްތު މިނިސްޓްރީގެ ޚާއްސަ އޮޑިޓުގައި ހުރި ކޮރަޕްޝަނަށް ތުހުމަތުކުރެވޭ މައްސަލަތައް ބަލައި ނިމެންދެން، މިނިސްޓަރު އަބްދުﷲ އަމީން އަމިއްލަ އަށް މަސައްކަތްތަކުން އެކަހެރިވެވަޑައިގަތުމާ އެކު، އެ މިނިސްޓްރީ ހިންގުން ހައުސިން މިނިސްޓަރު މުހައްމަދު އަސްލަމްއާ މިއަދު ހަވާލުކުރައްވައިފި އެވެ.
ހެލްތު މިނިސްޓްރީގެ ޚާއްސަ އޮޑިޓެއް ކުރީ ކޮވިޑް-19 އާ ގުޅިގެން އެކި އިދާރާތަކުން ހިންގި މަސައްކަތްތަކުގައި ކޮރަޕްޝަންގެ އަަމަލުތަކެއް ހިމެނޭ ކަމަށް ކުރި ތުހުމަތުތަކާ ގުޅިގެން އެކަންކަން ބަލަން މަޖިލީހުން ފާސްކޮށް، އެންގެމުންނެވެ. އޮޑިޓަ ޖެނެރަލް ހަސަން ޒިޔަތު މިދިޔަ އާދިއްތަ ދުވަހު ނެރުއްވި ހެލްތު މިނިސްޓްރީގެ އޮޑިޓުގައި ވަނީ ވެންޓިލޭޓަރު ގަތުމުގައި މަކަރާއި ހީލަތް ހަދައި މާލިއްޔަތު ގާނޫނާ ޚިލާފަށް ހިންގި ކަންތައްތަކެއް ފަޅާއަރުވާލައިފަ އެވެ.
މިނިސްޓަރު އަމީން، މަގާމުގެ މަސްއޫލިއްޔަތުތަކުން އެކަހެރިވެވަޑައިގަތީ އެ ތުހުމަތުތަައް ބަލަން މުއައްސަސާތަކަށް ޖާގަ ދެއްވުމަށެވެ. އޮޑިޓު ރިޕޯޓުން ފާހަގަވި ކަންކަން ތަހުގީގު ކުރަން ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވަނީ ފުލުހުންނާއި އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އާ ހަވާލު ކުރައްވައިފަ އެވެ. އެ ދެ މުއައްސަސާ އިން އެ ތަހުގީގު ކުރިއަށް ގެންދާނީ ޖޮއިންޓް އިންވެސްޓިގޭޝަނެއްގެ ގޮތުގަ އެވެ. މީގެ އިތުރުން ކޮވިޑާ ގުޅިގެން ޓޫރިޒަމް މިނިސްޓްރީން މަސައްކަތް ކުރި ގޮތް ބަލައި، އޮޑިޓަ ޖެނެރަލް ނެރުއްވި ރިޕޯޓުން ފާހަގަވި ކަންކަން ވެސް ތަހުގީގު ކުރުން ރައީސް ވަނީ އޭސީސީއާ ހަވާލުކޮށްފަ އެވެ. އެކަމަކު، ޓޫރިޒަމް މިނިސްޓްރީގެ ތަހުގީގުގައި އަދި ފުލުހުންގެ ބައިވެރިވުމެއް ނެތެވެ.
ރައީސް އިބްރާހިމް މުހައްމަދު ސޯލިހަށް ފޮނުއްވި ސިޓީއެއްގައި މިނިސްޓަރު އަމީން ވިދާޅުވެފައި ވަނީ ކަމާ ގުޅޭ މުއައްސަސާތަކުން މައްސަލަ ތަހުގީގުކޮށް ގޮތެއް ނިންމަންދެން ނުވަތަ ރައީސް ވަކި ގޮތެއް އަންގަވަންދެން ހެލްތު މިނިސްޓްރީގެ މަސައްކަތްތަކުން އެކަހެރިވުމަށް ގަސްދު ކުރައްވާ ކަމަށެވެ.
ރާއްޖެ އަށް ވެންޓިލޭޓަރު ގެންނަން ހޮވި ތިން ކުންފުނީގެ ތެރެއިން މެޑްޓެކާއި ނާޑު ކުންފުންޏާ ހަވާލުކުރީ ވެސް މާލިއްޔަތު ގަވާއިދާ ޚިލާފަށް ކަމަށް އޮޑިޓުގައިވެ އެވެ. މީގެތެރެއިން އެގްޒެކިއުޓާސް ޖެނެރަލް ޓްރޭޑިންއަކީ، ވެންޓިލޭޓަރު ގެންނަން ހަވާލުކުރި ތިން ކުންފުނީގެ ތެރެއިން ސަރުކާރުން އެޑްވާންސްކޮށް ފައިސާ ދޫކުރި ހަމައެކަނި ކުންފުނި ވެސް މެ އެވެ. އެ މީހުން ވެންޓިލޭޓަރެއް ގެނެސްދެނީ 32،500 ޑޮލަރަށެވެ. އެ ކުންފުންޏާ މަސައްކަތް ހަވާލުކުރީ 34 މިލިއަން ރުފިޔާ އަށް ކަމަށް ވާއިރު އަގުގެ 90 ޕަސެންޓަށްވާ 30.9 މިލިއަން ރުފިޔާ ސަރުކާރުން ވަނީ ދައްކައިފަ އެވެ. މި ވެސް އޮޑިޓުގައި ފާޅުކޮށްފައި އޮތް ކަންބޮޑުވުމެކެވެ.