18 އޯގަސްޓް 2020 - 11:24

ލިޒްބަން (އޮގަސްޓް 18) - ޕޯޗުގަލްގެ އަލްގާވް ބީޗު ސަރަހައްދުގެ މޫދުގައި ދެ އަންހެނަކު ދުއްވި ކެނޮއި ބަންޑުން ޖަހާލައި ކަނޑުވުމުން އެ މީހުން ސަލާމަތް ކުރުމުގައި އެ ގައުމުގެ ރައީސް އެހީތެރިވެވަޑައިގެންފި އެވެ.
ރައީސް މާސެލޯ ރެބެލޯ ޑި ސޫސާ، 71، ފައްތަވާފައި ކެނޮއީއާ ދިމާލަށް ވަޑައިގެން ދެ އަންހެނުނަށް އެހީވާ މަންޒަރުގެ ފޮޓޯތައް ވަނީ އާއްމުވެފަ އެވެ. ރައީސް ޑި ސޫސާ ރިޕޯޓަރުންނާ ވާހަކަ ދައްކަވަމުން ފަހުން ވިދާޅުވެފައި ވަނީ އެ ދެ އަންހެނުން އޮއިގަނޑެއްގައި ޖެހި ދަމައިގަތީ ކަމަށެވެ. އެއީ އެހެން ބީޗެއްގައި ތިބި ދެ މީހުން ކަމަށް ވިދާޅުވި އެވެ.
ރައީސް ޑި ސޫސާ ވެސް އުޅުއްވީ އަލްގާވް އަށް ޗުއްޓީ އަށް ވަޑައިގެންނެވެ. ބޭނުމަކީ ޓޫރިޒަމް ޕްރޮމޯޓް ކުރެއްވުމެވެ. ޕޯޗުގަލްގެ އިގްތިސާދު ބޮޑަށް ބަރޯސާވެފައި ވަނީ ޓޫރިޒަމަށެވެ. އެކަމަކު ކޮރޯނާވައިރަހުގެ ސަބަބުން އެ ގައުމުގެ ޓޫރިޒަމް ވަނީ ވަރަށް ބޮޑަށް ހީނަރުވެފަ އެވެ.
ދެ އަންހެނުން ތިބި ކެނޮއީން ބަންޑުން ޖަހާލައިގެން އުޅޭކަން ފާހަގަކުރެއްވުމާ އެކު ޑި ސޫސާ ވަނީ ފައްތަވާފައި އެ ދިމާލަށް ވަޑައިގެންފަ އެވެ. އެހެން މީހަކު ވެސް އެތަނަށް ދިޔަ އެވެ. އަދި ޖެޓް ސްކީގައި ވެސް އެހެން މީހަކު ގޮސް އެހީތެރިވެ ދިނެވެ.