18 އޯގަސްޓް 2020 - 11:52

ނިއު ދިއްލީ (އޮގަސްޓް 18) - އިންޑިއާގެ ވެރިކަންކުރާ ބާރަތިޔާ ޖަނަތާ ޕާޓީ (ބީޖޭޕީ) ގެ ގާނޫނުހަދާ މަޖިލީހުގެ މެންބަރަކު ދެއްކެވި ނަފްރަތު އުފެދޭ ވާހަކަތަކަށް ފޭސްބުކުން ފިޔަވަޅު އަޅާފައި ނުވާތީ ފާޑުކިޔުންތައް އަމާޒުވާން ފަށައިފި އެވެ.
ބައެއް ފަރާތްތަކުން ބުނެފައިވާ ގޮތުގައި ބީޖޭޕީގެ ހަރުކަށި ވިސްނުމުގެ މެންބަރު ޕޯސްޓްކުރި ވާހަކަތަކަށް ފިޔަވަޅު އަޅާފައި ނުވަނީ އިންޑިއާގައި ފޭސްބުކުގެ ވިޔަފާރި ދަށްވެދާނެތީ އެވެ.
އިންޑިއާ އަކީ، ބޭނުން ކުރާ މީހުންގެ އަދަދަށް ބަލާއިރު، އެމެރިކާގެ ފޭސްބުކާއި ވަޓްސްއަޕުގެ އެންމެ ބޮޑު މާކެޓެވެ. އެހެންވެ އިންޑިއާގައި ނަފްރަތު އުފެދޭ ވާހަކަތައް ޕޯސްޓްކުރި ނަމަވެސް ފޭސްބުކުން ފިޔަވަޅު އެޅުމުގައި ފަސްޖެހޭ ކަމަށް ދުނިޔޭގެ އެހެން ގައުމުތަކުގެ މީހުން ދަނީ ބުނަމުންނެވެ.
ބީޖޭޕީ އަށް ނިސްބަތްވާ މެންބަރު ވަނީ ރޮހިންޖާ މުސްލިމް ރެފިއުޖީން ބަޑިޖަހާ މެރުމަށާއި މުސްލިމުންނަކީ ޣައްދާރުން ކަމަށް ބުނެ ފޭސްބުކްގައި ޕޯސްޓްކޮށްފަ އެވެ. މިސްކިތްތައް ތަޅާލުމަށް ވެސް އޭނާ ވަނީ ފޭސްބުކުގައި ގޮވާލައިފަ އެވެ.
ނަަމަވެސް އެ ގޮތަށް ގޮވާލި މެންބަރު ޓީ.ރާޖާ ސިންގް ހޯމަ ދުވަހު ބުނެފައި ވަނީ އޭނާގެ ފޭސްބުކް ހެކްކޮށްފައިވާ ކަމަށެވެ. އަދި އޭނާ އަކީ ނުރައްކާތެރި މީހެއް ކަމަށް ދުނިޔެ އަށް ދެއްކުމަށް ކޮންމެވެސް މީހަކު މަސައްކަތްކޮށްފައިވާ ކަމަށް ބުނެފައިވެ އެވެ.
"އަޅުގަނޑަށް ނޭނގި ވަރަށް ގިނަ އައިޑީތަކާއި ޕޭޖްތައް ސޯޝަލް މީޑިއާ ޕްލެޓްފޯމްތަކުގައި ވަނީ ހަދާފައި،" ނިއު އިންޑިއަން އެކްސްޕްރެސް އަށް އޭނާ ބުންޏެވެ.
އެކަމަކު ވޯލް ސްޓްރީޓް ޖާނަލް އިން މިދިޔަ ހަފުތާގައި ބުނެފައި ވަނީ އިންޑިއާގައި ހުންނަ ފޭސްބުކުގެ ޕަބްލިކް-ޕޮލިސީ އެގްޒެކެޓިވް ވަނީ ނަފްރަތު އުފެދޭ ވާހަކަ ދައްކާ މީހުންނަށް އަޅަން އޮންނަ ފިޔަވަޅު ބީޖޭޕީގެ މެންބަރާ ދެކޮޅަށް އަޅަން ދެކޮޅު ހަދާފައި ކަމަށެވެ. އެ ނޫހުން ބުނެފައިވާ ގޮތުގައި އިންޑިއާގެ ވެރިކަންކުރާ ޕާޓީގެ، ގާނޫނުހަދާ މަޖިލީހުގެ މެންބަރަކާ ދެކޮޅަށް ފިޔަވަޅު އަޅައިފި ނަމަ އިންޑިއާގައި ފޭސްބުކުގެ ވިޔަފާރި އަށް ގެއްލުންވާނެ ކަމަށް އެގްޒެކެޓިވް އަންކީ ދާސް ވަނީ ސްޓާފުންނަށް އަންގައިފަ އެވެ.
އިދިކޮޅު ކޮންގްރެސް ޕާޓީން ބުނެފައި ވަނީ ފޭސްބުކުން އިންޑިއާގައި ވަކިކޮޅަކަށް ޖެހި ބީޖޭޕީ ރުއްސަން މަސައްކަތް ކުރާ ކަމަށެވެ.
"ބީޖޭޕީން ދަނީ ދޮގު ޚަބަރު ފަތުރައި ނަފްރަތު އުފައްދައި ވޯޓުލާންތިބި މީހުންނަށް ނުފޫޒް ފޯރުވަމުން،" ކޮންގްރެސްގެ ސީނިއާ ލީޑަރެއް ކަމަށްވާ ރާހުލް ގާނދީ ޓްވީޓް ކުރެއްވި އެވެ.
ޖާނަލްގެ ރިޕޯޓަށް ހަވާލާ ނުދީ ފޭސްބުކުން ހޯމަ ދުވަހު ބުނީ ނަފްރަތު އުފައްދަން ދައްކާ ވާހަކަ، ސިޔާސީ ގޮތުން މީހަކު ހުރި މަގާމަކަށް ނުވަތަ މީހަކު ގުޅިފައި ހުރި ޕާޓީއަކަށް ނުބަލައި، އަބަދުވެސް ހުއްޓުވާ ކަމަށެވެ.