17 އޯގަސްޓް 2020 - 22:43

މިދިޔަ 24 ގަޑިއިރު ތެރޭގައި އިތުރު 124 މީހަކު ކޮވިޑް-19 އަށް ޕޮޒިޓިވް ވެފައި ވާއިރު އިތުރު 139 މީހަކު ބަލިން ރަނގަޅުވެއްޖެ އެވެ.
އެޗްޕީއޭ އިން ބުނީ އިއްޔެ ހަވީރު 6:00 އިން މިއަދު ހަވީރު 6:00 އަށް 124 މީހަކު ޕޮޒިޓިވްވެފައި ވާއިރު އޭގެ ތެރޭގައި 100 ދިވެހިންނާއި، ބަންގްލަދޭޝް 16 މީހުންނާއި، އިންޑިއާ ތިން މީހުންނާއި، ނޭޕާލް ދެ މީހެއްގެ އިތުރުން ޔޫކްރެއިން މީހަކާއި ފިލިޕިންސް މީހަކާއި އޮސްޓްރޭލިއާ މީހަކު ހިމެނޭ ކަމަށެވެ.
އަލަށް ޕޮޒިޓިވްވި ކޭސްތަކާއެކު، ރާއްޖެއިން ކޮވިޑް ޖެހުނު މީހުންގެ އަދަދު ވަނީ 5،909 އަށް އަރައިފަ އެވެ.
މާލެއާއެކު ރާއްޖޭގެ 16 ރަށަކުން ކޮވިޑްގެ ބަލި މީހުން ފެނިފައި ވެ އެވެ. އޭގެ އިތުރުން 12 ރިސޯޓަކުން 13 މުވައްޒަފަކާއި ހަތް ޓޫރިސްޓަކު ވެސް ކޮވިޑަށް ޕޮޒިޓިވްވެފައިވާ ކަމަށް އެޗްޕީއޭ އިން ބުންޏެވެ.
މާލެއިން ކޮވިޑް-19 ފެނި ލޮކްޑައުންކޮށްފައި އޮތް އިރު ގިނައިން ބިދޭސީން ޕޮޒިޓިވްވި ނަމަވެސް ލޮކްޑައުން އުވާލި ފަހުން ގިނައިން ޕޮޒިޓިވް ވަނީ ދިވެހިންނެވެ.
މިހާތަނަށް ބަލިން ރަނގަޅުވި މީހުންގެ އަދަދު 3,488 އަށް ވަނީ އަރައިފަ އެވެ. ކޮވިޑްގައި މިއަދު ވެސް މީހަކު މަރުވެ މިހާތަނަށް މަރުވި މީހުންގެ އަދަދު ވަނީ 23 އަށް އަރައިފަ އެވެ. އެހެންވެ މިހާރު އެކްޓިވް ކޭސްގެ އަދަދަކީ 2,398 އެވެ. ހޮސްޕިޓަލްގައި އެމްޑިޓްކޮށްގެން 138 މީހަކަށް އަންނަނީ ފަރުވާ ދެމުންނެވެ.