17 އޯގަސްޓް 2020 - 22:11

ހެލްތް މިނިސްޓްރީގެ އޮޑިޓް ރިޕޯޓުން ފާހަގަވި މައްސަލަތަކާ ގުޅިގެން އެ މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު ޑރ. ޝާހު މާހިރު ވެސް ސަސްޕެންޑްކޮށްފި އެވެ.
ކޮވިޑް-19 ކޮންޓްރޯލް ކުރުމުގެ މަސައްކަތުގައި ހެލްތް މިނިސްޓްރީން މާލިއްޔަތު ގަވާއިދާ ޚިލާފަށް ޚަރަދުތަކެއް ކުރިކަން އެ މިނިސްޓްރީގެ އޮޑިޓް ރިޕޯޓުން ހާމަވެ ތަހުގީގު ކުރަމުން ދާއިރު، ހެލްތް މިނިސްޓަރު އަބްދުﷲ އަމީން މަސައްކަތުން އެކަހެރިވެ ވަޑައިގެން އަދި އެ މިނިސްޓްރީގެ އެހެން ބައެއް އިސްވެރިން ވަނީ ސަސްޕެންޑް ކޮށްފަ އެވެ. އޭގެތެރޭގައި، ވެންޓިލޭޓަރުތައް ގެންނަން ޑުބާއީގެ އެގްޒެކިއުޓާސް ޖެނެރަލް ޓްރޭޑިން ކުންފުންޏާ އެކު އެއްބަސްވުމުގައި ސޮއިކުރި މީހުންނާއި އެ މިނިސްޓްރީގެ ބިޑް ކޮމެޓީގެ މެމްބަރުން ވެސް ހިމެނެ އެވެ.
ތަހުގީގު ނިމެންދެން ޝާހު ސަސްޕެންޑް ކުރުމާ ގުޅޭ ގޮތުން އޭނާ މިރޭ ވިދާޅުވީ ބިޑް ކޮމެޓީގައި އޭރު އޭނާ ހިމެނިވަޑައިގަތަސް، ދުބާއީ ކުންފުންޏާ އެ މަސައްކަތް ހަވާލުކުރަން އެ ކޮމެޓީން ނިންމި ބައްދަލުވުމުގައި ބައިވެރިވެވަޑައިގެންފައި ނުވާނެ ކަމަށެވެ. އެ ކުންފުންޏާ އެ މަސައްކަތް ހަވާލުކުރިކަން އެނގުމުން އެކަމުގެ ކަންބޮޑުވުން ކަމާބެހޭ އިސް ފަރާތްތަކުގެ ސަމާލުކަމަށް އޭރު ގެންނަވާފައިވާނެ ކަމަށާއި އަދި ލިބުނު ވެންޓިލޭޓަރުތައް ރަނގަޅު ނޫންކަން ވެސް އަންގަންޖެހޭ ފަރާތްތަކަށް އެންގެވި ކަމަށް އޭނާ ވިދާޅުވި އެވެ.
"ދުބާއީ ކުންފުންޏަށް ދޭން ނިންމި ބައްދަލުވުމުގައި އެއްވެސް ގޮތަކަށް އަޅުގަނޑު ބައިވެރިވެފައެއް ނުވާނެ. އެކަން އޮންނާނެ ލިޔެކިޔުންތަކާއި އެ ބައްދަލުވުމުގެ ޔައުމިއްޔާތަކުން ވެސް އެނގެން،" ޝާހު ވިދާޅުވި އެވެ.
ޝާހު ވިދާޅުވި ގޮތުގައި ދުބާއީ ކުންފުންޏާ އެ މަސައްކަތް ހަވާލުކުރުމަކީ އޭނާގެ ވެސް ކަންބޮޑުވުން އޮތް މައްސަލަ އެކެވެ. އަދި ވެންޓިލޭޓަރުތައް ގެނައުމާ ބެހޭ ގޮތުން ބިޑް ކޮމެޓީގައި އޭނާ ބައިވެރިވެ ވަޑައިގަތީ ރާއްޖޭގެ ނާޑު ކުންފުންޏާއި މެޑް ޓެކާ ހަވާލުކުރަން ނިންމި ބައްދަލުވުމުގައި އެކަނި ކަމަށާއި އަދި އެ ދެ ކުންފުންޏަށް އެ މަސައްކަަތް ހަވާލުކުރީ އޮންނަ އުސޫލުތަކުގެ ތެރެއިން ހުށަހެޅުނު ލިޔުންތަކަށް ބިނާކޮށް ކަމަށް ވެސް ޝާހު ވިދާޅުވި އެވެ.
"އަޅުގަނޑުގެ ފަރާތުން ތަހުގީގަށް ދޭންޖެހޭ ފުރިހަމަ އެއްބާރުލުން ދޭން ތައްޔާރަށް ހަމަ މިހުރީ،" ޝާހު ވިދާޅުވި އެވެ.
އޮޑިޓް ރިޕޯޓުގައިވާ ގޮތުން ދުބާއީ ކުންފުންޏާ އެ މަސައްކަތް ހަވާލުކުރީ ޑަބްލިއުއެޗްއޯގެ ލަފާގެ މަތިން ކަމަށް ހެލްތް މިނިސްޓްރީން ބުނެފައި ކުރިން ވިޔަސް، އެއީ ދޮގެކެވެ. އަދި އެ ކުންފުންޏާ އެ މަސައްކަތް ހަވާލު ކުރުމާއި ފައިސާ ދޫކުރުމުގައި މާލިއްޔަތު ގަވާއިދާ ޚިލާފަށް އަމަލުކުރި ކަމަށް އޮޑިޓް ރިޕޯޓުގައިވެ އެވެ. އެގޮތުން އެޑްވާންސްކޮށް 30 މިލިއަން ރުފިޔާ ދިންއިރު، އެ ކުންފުނީގެ ގާބިލްކަން ވެސް ބަލާފައި ނެތް ކަމަށް އެ ރިޕޯޓުގައިވެ އެވެ.