17 އޯގަސްޓް 2020 - 21:24

ކޮވިޑް-19 ގައި ހާލު ބޮޑުވާ މީހުންނަށް ފަރުވާ ދޭން ރާއްޖެ ގެނަން ނިންމި ވެންޓިލޭޓަރުތަކުގެ މައްސަލަ އަދި ބަލައި ނުނިމޭ ކަމަށް އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އިން ބުނެފި އެވެ.
އެ ކޮމިޝަނުން ނެރުނު ބަޔާނެއްގައި ބުނީ ވެންޓިލޭޓަރު ހޯދުމުގައި ކޮރަޕްޝަންގެ އަމަލެއް ނެތް ކަމަށް އޭސީސީން ނިންމާފައިވާ ކަމަށް ބުނެ ބައެއް މީޑިއާތަކުން ރިޕޯޓްކޮށްފައި ވިޔަސް އެއީ ހަގީގަތެއް ނޫން ކަމަށެވެ. އެ ކޮމިޝަނުން ބުނީ މި މައްސަލައިގައި މިހާތަނަށް އާންމުކޮށްފައިވާ ރިޕޯޓަކީ ހުލާސާ ރިޕޯޓެއް ކަމަށާއި އެ މައްސަލަ ބަލައި ނިންމައި އެއަށް ގޮތް ނިންމާފައި ނުވާނެ ކަމަށެވެ. ރިޕޯޓުގައި ވެސް އެކަން ފާހަގަކޮށްފައިވާނެ ކަމަށް އޭސީސީން ބުންޏެވެ.
މިިދިޔަ މެއި މަހު އޭސީސީން ނެރުނު ރިޕޯޓްގައި ކޮމިޝަނުން ބުނެފައި އޮތީ އެއީ ވެންޓިލޭޓަރު ހޯދުމާ ގުޅޭ ގޮތުން ބަލަމުންދާ މައްސަލައިގައި ކަމާ ގުޅުން ހުރި އިދާރާތަކުން މިހާތަނަށް ލިބިފައިވާ މައުލޫމާތު ދިރާސާކޮށް، ފާހަގަކުރެވުނު ކަންކަމުގެ ޚުލާސާ ރިޕޯޓެއް ކަމަށާއި އިތުރު ލިޔެކިޔުންތައް ހޯދައިގެން މައްސަލަ އިތުރަށް ބަލަމުން އަންނަ ކަމަށެވެ.
އޭސީސީން ބުނީ މި މައްސަލައިގައި ތަހުގީގު މިހާރު ނިމެން ގާތްވެފައިވާ ކަމަށެވެ. އަދި މިހާތަނަށް ލިބިފައިވާ ހެކިތަކަށް ބަލައި ތުހުމަތުކުރެވޭ ކަންކަމާ ގުޅޭ ގޮތުން މި ހަފުތާ ތެރޭގައި ޕްރޮސެކިއުޓާ ޖެނެރަލްއާ މަޝްވަރާތައް ފަށާނެ ކަމަށް ކޮމިޝަނުން ބުންޏެވެ.
"މައްސަލާގައި ފާހަގަކުރެވުނު މައިގަނޑު ކަންކަން ހިމެނޭގޮތަށް ހުލާސާ ރިޕޯޓެއް އެކުލަވާލައި 21 މޭ 2020 ގައި ރިޕޯޓު އާންމުކޮށްފައިވާއިރު، އޭރު އެ މައްސަލާގައި ކޮމިޝަނުން ވަކިގޮތެއް ނިންމާފައިނުވާނެއެވެ. އަދި، އެ ރިޕޯޓަކީ، މައްސަލައިގެ ތަހުގީގު ރިޕޯޓެއް ނޫންކަން ބަޔާންކޮށް، ކޮމިޝަނުން ރިޕޯޓު އާންމުކުރި އިރުގައިވެސް މައްސަލަ އިތުރަށް ތަހުގީގު ކުރިއަށްދާކަން ރިޕޯޓުގައި ފާހަގަކޮށްފައިވާނެއެވެ." އޭސީސީގެ ބަޔާނުގައި ބުނެފައިވެ އެވެ.
ކޮމިޝަނުން ބުނީ ތަހުގީގު އެއްކޮށް ނުނިންމާ ރިޕޯޓު ނެރުމުގެ މަގްސަދަކީ މައްސަލައަކީ ރައްޔިތުންގެ މަސްލަހަތާ ގުޅުންހުރި ކަމަކަށްވެފައި، އެ މައްސަލަ ކުރިއަށްނުދާކަމަށް ދޭހަވާ ގޮތަށް ވާހަކަ ދެކެވި އާންމުންގެ މެދުގައި ކަންބޮޑުވުންތަކެއް ހުރުމުން މައްސަލަ ކުރިއަށް ގޮސްފައިވާ ހިސާބު އަންގައި ދިނުން ކަމަށެވެ.
ކޮވިޑް-19އާ ގުޅިގެން ހެލްތު މިނިސްޓްރީން ކޮށްފައިވާ މަސައްކަތްތަކުގެ އޮޑިޓް ރިޕޯޓް އޮޑިޓް އޮފީހުން ނެރެފައިވާއިރު ރިޕޯޓުން ފާހަގަވި އެންމެ ބޮޑު އެއް ކަމަކީ ކޮވިޑާ ގުޅިގެން ރާއްޖެ އަށް ބޭނުންވާ 75 ވެންޓިލޭޓަރެއް ގެންނަން ދުބާއީގެ އެގްޒެކިއުޓާސް ޖެނެރަލް ޓްރޭޑިންއާ ހަވާލުކުރުމުގައި ބޮޑެތި އޮޅުވައިލުންތަކާއި ޖަރީމާތަކެއް ހިންގާފައިވާ ކަމަށް ތުހުމަތު ކުރެވޭ މައްސަލަ އެވެ.
ވެންޓިލޭޓަރުތަކުގެ މައްސަލަ އަކީ އޭސީސީން އަމިއްލަ އިސްނެގުމަށް ބެލި މައްސަލައެއް ނަމަވެސް އޮޑިޓް ރިޕޯޓަށް ފަހު ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވެސް ވަނީ ރިޕޯޓުން ފާހަގަވި ކަންކަން ތަހުގީގު ކުރުން އޭސީސީއާ ހަވާލުކޮށްފަ އެވެ. އޮޑިޓުން ހާމަވި މައްސަލަގައި ބަލައި ތަހުގީގުކުރުމަށް ރައީސް މިހާރު ވަނީ އޭސީސީގެ އިތުރުން ފުލުހުންނަށް ވެސް އަންގަވައިފަ އެވެ.