ޑައިރެކްޓަރު ނިޝިކަންތު ކަމަތު މަރުވެއްޖެ
ޑައިރެކްޓަރު ނިޝިކަންތު ކަމަތު މަރުވެއްޖެ

އަޖޭ ދޭވްގަންގެ "ދުރިޝަމް" އާއި ޖޯން އަބްރަހަމްގެ "ފޯސް" ފަދަ ފިލްމުތައް ގެނެސްދިން އިންޑިއާގެ ޑައިރެކްޓަރު ނިޝިކަންތު މިއަދު މަރުވެއްޖެ އެެވެ.

ފުރަ މޭގެ ސީރިއަސް މައްސަލަތަކެއް ދިމާވެގެން 50 އަހަރުގެ އެކްޓަރު ހައިދަރުއާބާދުގެ އޭއައިޖީ ހޮސްޕިޓަލްގައި އެޑްމިޓްކުރީ މިދިޔަ މަހުގެ 31 ގަ އެވެ. އޭނާ މަރުވީ ވެންޓިލޭޓަރު ގުޅައިގެން އައިސީޔޫގައި ފަރުވާ ދެމުން ދަނިކޮށް މިއަދު ހަވީރުގެ ވަގުތެއްގަ އެވެ.

ނިޝިކަންތުގެ މަރުގެ ޚަބަރާ އެކު އިންޑިއާގެ ފިލްމު އިންޑަސްޓްރީގެ ވަރަށް ގިނަ ބަޔަކު ޓްވިޓާގައި ހިތާމަފާޅުކޮށްފައިވެ އެވެ.

ނިޝިކަންތު ޑައިރެކްޓްކުރި ފާހަގަކޮށްލެވޭ އިތުރު ހިންދީ ފިލްމުތަކުގެ ތެރޭގައި މުމްބައި މޭރީ ޖާން (2008) އާއި ރޮކީ ހޭންސަމް (2016) އަދި ހަމަ އެ އަހަރުގެ "މަޑާރީ" ހިމެނެ އެވެ. މިދިޔަ އެޕްރީލް މަހު މަރުވި އެކްޓަރު އިރްފާން ޚާން ކުޅުނު "މަޑާރީ" އަކީ ނިޝިކަންތު އެންމެ ފަހުން ޑައިރެކްޓްކުރި ހިންދީ ފިލްމެވެ.

ޕްރޮޑިއުސަރެއްގެ ގޮތުގައި ވެސް މަސައްކަތްކުރި ހުނަރުވެރި ޑައިރެކްޓަރު މަރާޓީ ފިލްމުތަކެއް ވެސް ގެނެސްދީފައިވެ އެވެ. އޭގެ ތެރޭގައި ރިތޭޝް ދޭޝްމުކް 2014 ގައި ކުޅުނު "ލާލް ބާރީ" ހިމެނެ އެވެ.

ނިޝިކަންތު ވަނީ ބައެއް ފިލްމުތަކުގައި އެކްޓް ވެސްކޮށްފަ އެވެ. އެގޮތުން ޖޯންއާ އެކު ގެނެސްދިން "ރޮކީ ހޭންސަމް" ގެ ވިލަންގެ ރޯލް ފާހަގަކޮށްލެވެ އެވެ.