ޖޯކާ ކެރެކްޓާ ފޯޓްނައިޓްގެ އާ ގޭމަށް
ޖޯކާ ކެރެކްޓާ ފޯޓްނައިޓްގެ އާ ގޭމަށް

ޑީސީ ކޮމިކްސްގެ ކެރެކްޓާތަކެއް މީގެ ކުރިން ވެސް "ފޯޓްނައިޓް" ގެ ގޭމްގެ ތެރެއަށް އައިސްފައިވެ އެވެ. އޭގެ ތެރޭގައި ބެޓްމޭނާއި ކެޓްވުމަން އާއި ހާލީ ކްއިން ފަދަ ކެރެކްޓާތައް ހިމެނެ އެވެ. އުފާވެރި ޚަބަރަކީ އެފިކް ގޭމްސް އިން ނެރޭ "ފޯޓްނައިޓް" ގެ އާ ގޭމް "ދަ ލާސްޓް ލާފް ބަންޑްލް" ނޮވެމްބަރު މަހުގެ 17 ގައި ނެރޭ އިރު އެއަށް ޖޯކާ ކެރެކްޓާ ވެސް ގެންނަން ނިންމާފައިވުމެވެ.

އެ ކެރެކްޓާއާ އެކު ގޭމަށް ޕޮއިޒަން އައިވީ އާއި މިޑާސް ރެކްސް (އައުޓްފިޓްސް) ވެސް އަންނާނެ އެވެ. އެޕިކް ގޭމުން ބުނީ "ފޯޓްނައިޓް: ދަ ލާސްޓް ލާފް ބަންޑްލް" ގެ ޑިޖިޓަލް/ފިިޒިކަލް ގޭމް 1،000 ވީ-ބަކްސްއާ އެކު ލިބޭނެ ކަމަށެވެ. އަދި ގޭމްގެ ރިޓެއިލް ވާޝަން ޕްލޭސްޓޭޝަން 4 އާއި ނިންޓެންޑޯ ސްވިޗް އަދި އެކްސް ބޮކްސް ވަންގައި ކުޅެލެވޭ ގޮތަށް ލިބޭނެ އެވެ.

އަދި މޮބައިލާއި ޕީސީ ފަދަ ޑިވައިސްތަކުގައި ގޭމް ކުޅޭ މީހުންނަށް ވެސް އާ ގޭމް ވަރަށް އަވަހަށް ލިބޭނެ ގޮތް ހަދާނެ ކަމަށް ބުންޏެވެ. އެޕިކުން އާ ގޭމެއް މި ނެރެނީ އެތަނުގެ ގޭމްތައް އެޕް ސްޓޯރުންނާއި ގޫގުލް ޕްލޭ ސްޓޯރުން ޑައުންލޯޑްނުކުރެވޭ ގޮތަށް މިދިޔަ ހަފުތާގައި ހަދާފައި ވަނިކޮށެވެ. މި މައްސަލާގައި އެޕިކުން ވަނީ ދެ ކުންފުނީގެ މައްސަލަ ކޯޓަށް ވެސް ހުށަހަޅައިފަ އެވެ.

"ފޯޓްނައިޓް: ދަ ލާސްޓް ލާފް ބަންޑްލް" ނޮވެމްބަރު 17 ގައި ނެރެން ނިންމާފައި ވަނީ ޕްލޭސްޓޭޝަން 5 އާއި އެކްސް ބޮކްސް ސީރީޒް އެކްސްއާ ވެސް ދިމާކޮށެވެ. އެހެންވެ މިއީ ވީޑިއޯ ގޭމްގެ އަހުލުވެރިންނަށް ހާއްސަ ކަމަކަށްވާނެ އެވެ.