ވަރަށް ބޮޑު ހިޔާނާތެއް، އަމީން މަގާމުން ވަކިކުރަން ޖެހޭ: މެމްބަރުން
ވަރަށް ބޮޑު ހިޔާނާތެއް، އަމީން މަގާމުން ވަކިކުރަން ޖެހޭ: މެމްބަރުން

ކޮވިޑް-19 އާ ގުޅިގެން ހެލްތު މިނިސްޓްރީން ކުރި ޚަރަދުތަކުގައި މާލިއްޔަތު ގަވާއިދާ ޚިލާފް އެތައް ކަމެއް ހިންގައި، އޮޅުވާލާފައިވާތީ ހެލްތު މިނިސްޓަރު އަބްދުﷲ އަމީން މަގާމުން ވަކިކުރަން ރައްޔިތުންގެ މަޖިލީހުގައި އެމްޑީޕީގެ މެމްބަރުން ގޮވާލައްވައިފި އެވެ.

ކޮވިޑް-19 އާ ގުޅިގެން ހެލްތު މިނިސްޓްރީން ކުރި ޚަރަދުތަކުގައި ބޮޑެތި މައްސަލަތަކެއް ހުރި ކަމަށް އޮޑިޓާ ޖެނެރަލް ނެރުއްވި އޮޑިޓް ރިޕޯޓުގައި ވަނީ ފާހަގަ ކޮޮށްފަ އެވެ. އެގޮތުން ވެންޓިލޭޓަރު ގެނައުމާއި މެޑިކަލް ސާމާނު ގެނައުމުގައި ވެސް އެތައް މިލިއަން ރުފިޔާއެއް މާލިއްޔަތު ގަވާއިދާ ޚިލާފަށް ޚަރަދު ކުރުމާއި ޚަރަދުކުރި ފައިސާ އަށް މުދާ ލިބުނު ކަން ކަށަވަރުނުވާ މައްސަލަ އެ ރިޕޯޓުގައި ވަނީ ފާހަގަ ކޮށްފަ އެވެ.

އެ މައްސަލަ ބެލުމަށް ގޮވާލައި، ވިލިމާލޭ ދާއިރާގެ މެމްބަރު އަހުމަދު އުޝާމް ހުށަހެޅުއްވި ކުއްލި މައްސަލާގައި ބަހުސް ކުރައްވަމުން ގަލޮޅު ދެކުނު ދާއިރާގެ މެމްބަރު މީކާއިލް އަހުމަދު ނަސީމް ވިދާޅުވީ އިންސާނުންގެ ފުރާނަ ނުރައްކަލަށް ވެއްޓިގެން ދަނިކޮށް، ވެންޓިލޭޓަރުތަކުން ވައްކަން ކުރުމަށް ވުރެ ހުތުރު އަމަލެއް ނެތް ކަމަށާއި އެމްޑީޕީން އެފަދަ އެއްވެސް ކަމަކަށް ޖާގަ ނުދޭނެ ކަމަށާއި އެކަންކަން ބަލަން ހުށަހެޅީ ވެސް އެމްޑީޕީން ކަމަށް އޭނާ ވިދާޅުވި އެވެ. އަދި މިނިސްޓަރު އަމީން މަޖިލީހުގައި ދޮގު ހެއްދެވި ކަމަށާއި އޭނާއާ މެދު އިތުބާރު ނެތް ކަމަށް ވިދާޅުވި އެވެ.

"އިތުބާރުން ކުރާ ވައްކަމާއި މާލިއްޔަތުން ފިޒިކަލީ އެ ކުރާ ވައްކަން. އެމަނިކުފާނު އެ ހުންނެވީ އެ ދެ ވައްކަން ކުރައްވައިގެން. އަޅުގަނޑު ގޮވާލަން މިހާރުން މިހާރަށް ހެލްތު މިނިސްޓަރު އަމީން މަގާމުން ވަކި ކުރައްވަން." އެމްޑީޕީ އަށް ނިސްބަތްވާ މީކާއިލް ވިދާޅުވި އެވެ.

ގަލޮޅު އުތުރު ދާއިރާގެ މެމްބަރު އީވާ އަބްދުﷲ ވިދާޅުވީ މީގެކުރިން ސަރުކާރުތަކުގެ ޚިޔާނާތުގެ ރިޕޯޓްތައް އޮޑިޓާ ޖެނެރަލް ނެރުއްވުމުން ކޮންމެ ފަހަރަކު އެ ބޭފުޅަކު މަގާމުން ވަކިކުރަނީ ކަމަށާއި އެމްޑީޕީން އެކަންކަމަށް ޖާގަ ނުދޭނެ ކަމަށެވެ. އަދި ސަރުކާރުގެ ޚިޔާނާތުތައް ބަލަން އެމްޑީޕީން އަބަދުވެސް ތާއީދު ކުރާނެ ކަމަށް އޭނާ ވިދާޅުވި އެވެ. އަދި ހެލްތު މިނިސްޓްރީ އާއި ޓޫރިޒަމް މިނިސްޓްރީގެ އޮޑިޓް ރިޕޯޓުގައި ހުރި ކަންކަމުގައި ޒިންމާވާން ޖެހޭ ފަރާތްތައް މަގާމުން ދުރުކޮށް، ތަހުގީގުު ހިންގަން ޖެހޭނެ ކަމަށް ވެސް އީވާ ވިދާޅުވި އެވެ.

"މި ވަގުތު ނުފޫޒު ފޯރުވޭނެ މީހަކު އެ މަގާމުގައި ހުރިއްޔާ ތަހުގީގު ނިމެންދެން، ޝަރީއަތް ނިމެންދެން މަގާމުން ދުރު ކުރުވެން ޖެހޭނެ. އެއީ ލިޔެ ކިޔުންތައް އޮޅުވާލާފައި އެބަހުރި. ފިނޭންސް މިނިސްޓްރީ އަށް ފޮނުވި ލިޔެކިޔުން އޮޅުވާލާފައި އެބަހުރި. ރައްޔިތުންގެ މަޖިލީހަށް ފޮނުވި ލިޔެ ކިޔުން އޮޅުވާލާފައި އެބަހުރި. ރައްޔިތުންނަށް ދެއްކި ވާހަކާގައި ލިޔެ ކިޔުން އޮޅުވާލާފައި އެބަހުރި،" އީވާ ވިދާޅުވި އެވެ.

ހުޅުދޫ ދާއިރާގެ މެމްބަރު އިލްޔާސް ލަބީބް ވިދާޅުވީ ޚިޔާނާތުގެ އިތުރުން މަނީ ލޯންޑްރިންގެ ތުހުމަތުތަކެއް ވެސް ހެލްތު މިނިސްޓްރީގެ މުއާމަލާތްތަކުގައި އެބަހުރި ކަމަށާއި ވެންޓިލޭޓަރު ގެންނަން ހަވާލުކުރި ދުބާއީ ކުންފުންޏަށް ދިން ފައިސާތަކުގެ މައްސަލަ ބެލުމަށް ދުބާއީ ސަރުކާރާ އެކު މަސައްކަތް ކުރަން ޖެހޭ ކަމަށް އޭނާ ވިދާޅުވި އެވެ. އަދި މިކަމުގެ ސީރިއަސްކަން ނުވިސްނޭ ވަޒީރަކު މަގާމުގައި ހުންނަވައިގެން ނުވާނެ ކަމަށް އިލްޔާސް ވިދާޅުވި އެވެ.

"ގާނޫނާއި ގަވާއިދުގެ ތެރެއިން ކަންކަން ކުރައްވަން ރައީސް ބޭނުންފުޅުވާތީ ކުއްލި ނުރައްކަލުގެ ހާލަތެއް އިއުލާން ނުކުރައްވައި، މި މަސައްކަތް ކުރިއަށް ގެންދަވަން ނިންމެވީ. އެކަން ވަޒީރު ބޭފުޅަކަށް، މިކަން ކުރައްވަން ތިއްބެވި ބޭފުޅުންނަށް ސާފުނުވަންޏާ އެ މަގާމުގައި ހުރުމުގެ ޝަރުތު ފުރިހަމަވޭތޯ އަޅުގަނޑަށް އެބަ ސުވާލު އުފެދޭ. އެވަރުގެ ތަނެއް ދޮރެއް ނޭނގެންޏާ،" އިލްޔާސް ވިދާޅުވި އެވެ.

މާފަންނު ދެކުނު ދާއިރާގެ މެމްބަރު އިބްރާހިމް ރަޝީދު (ބޮންޑޭ) ވިދާޅުވީ އެމްޑީޕީގެ ސަރުކާރެއްގައި އެހެން ޕާޓީތަކުގެ ވަޒީރުން މިފަދަ ޚިޔާނާތްތައް ހިިނގުމުން އޭގެ ބަދުނާމު އަންނަނީ އެމްޑީޕީ އަށް ކަމަށާއި އެހެންވެ، ރައީސް އިބްރާހިމް މުހައްމަދު ސޯލިހާ އެކު މަޝްވަރާ ކުރެއްވުމަށް ފަހު ކޯލިޝަނާ މެދު ގޮތެއް ނިންމަންޖެހޭ ކަމަށް އޭނާ ވިދާޅުވި އެވެ. އަދި މިފަދަ ޚިޔާނާތްތަކުގެ ވާހަކަ ކޮންމެ ދުވަހަކު ދައްކަން އެމްޑީޕީއަށް ނުތިބެވޭނެ ކަމަށާއި މިކަން ހައްލު ކުރަން އެމްޑީޕީން ނިކުންނަން ޖެހޭ ކަމަށް އޭނާ ވިދާޅުވި އެވެ.

"ވަޒީރުން މިފަދަ ކަމެއް ކޮށްފިއްޔާ އެ ޕާޓީއަކަށް ސްލޮޓް ދީގެން ވެސް ނުވާނެ. އެ ޕާޓީއަކުން ޒިންމާ ނަގަނީއެއް ނޫން. ޕާޓީތަކުން މީހުން ފޮނުވާއިރު، ޒިންމާ އޮންނަން ވާނެ ޕާޓީގައި ވެސް،" ބޮންޑޭ ވިދާޅުވި އެވެ.

އެމްޑީޕީގެ ޕީީޖީ ގްރޫޕްގެ ލީޑަރު އަދި މެދު ހެންވޭރު ދާއިރާގެ މެމްބަރު އަލީ އާޒިމް ވިދާޅުވީ މި ސަރުކާރުގެ 60 ޕަސެންޓް ވަޒީރުން މަސައްކަތް ކުރަނީ އެމްޑީޕީގެ ބޮލުގައި އިލްޒާމްތަކެއް އަޅުވަން ކަމަށެވެ. އަދި ވައްކަމާއި ކޮރަޕްޝަން ހުއްޓުވަން އަބަދުވެސް އެމްޑީޕީން މަސައްކަތް ކުރާނެ ކަމަށާއި އެއީ ސަރުކާރަށް ޖެއްސުން ކުރުން ނޫން ކަމަށް ވެސް އަލީ އާޒިމް ވިދާޅުވި އެވެ.

"އަޅުގަނޑުމެން މި ކުރާ މަސައްކަތަކީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ސަލާމަތް ކުރުމުގެ މަސައްކަތް. އަަޅުގަނޑުމެން މި ކުރާ މަސައްކަތަކީ ކެބިނެޓްގައި ތިބި ވައްކަން ކުރާ ވަޒީރުން އެއް ކައިރި ކުރުމުގެ މަސައްކަތް. އެކަން މެދުނުކެނޑި އަޅުގަނޑުމެން ކުރިއަށް ގެންދާނަން،" އާޒިމް ވިދާޅުވި އެވެ.

ހެންވޭރު ހުޅަނގު ދާއިރާގެ މެމްބަރު ހަސަން ލަތީފު ވިދާޅުވީ އެފަދަ ކަންކަން ތަކުރާރު ވިޔަ ނުދޭން މަސައްކަތް ކުރަންޖެހޭ ކަމަށާއި ދެން ކުރިއަށް ދާންވީ ގޮތަކާ މެދު އެމްޑީޕީގެ މެމްބަރުން ވިސްނަން ޖެހޭ ކަމަށް އޭނާ ވިދާޅުވި އެވެ. އަދި އެމްޑީޕީއަކީ ސަރުކާރު ކޯލިޝަންގައި އޮތް އެންމެ ބޮޑު ޕާޓީ ކަން އޭނާ ފާހަގަ ކުރެއްވި އެވެ.